މައުމޫން ފައުންޑޭޝަނުގެ ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މައުމޫން ފައުންޑޭޝަނުގެ ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މައުމޫން ފައުންޑޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޮލާޝިޕްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މިމަހުގެ 24 ވާ އާދީއްތަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް އޮންނާނެ ކަމަށެވެ.
މިއަހަރު މައުމޫން ފައުންޑޭޝަނުން ހުޅުވާލާފައިވަނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ޔުނިވާސިޓީން 5 ދާއިރާއަކުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތެވެ.
މިފަހަރު ހުޅުވާލާފައިވާ ސްކޮލާޝިޕްތަކުގެ 50 އިންސައްތަ މައުމޫން ފައުންޑޭޝަނުން ހަމަޖައްސައިދޭނެ ކަމަށާއި ބާކީ ބައި ހަމަޖައްސަންޖެހޭނީ ސްކޮލަޝިޕަށް ހޮވޭ ދަރިވަރު އަމިއްލައަށް ކަމަށްވެސް މައުމޫން ފައުންޑެޝަނުން ބުނެ އެވެ.
ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި، ބެޗެލަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން، ބެޗެލަ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗެލަ އޮފް ފިޒިއޮތެރަޕީ އަދި މާސްޓަ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް ހިމެނެ އެވެ.
ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނުން ގެންދަނީ ދިވެހި ޒުވާނުންނަށް މަތީތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކޮންމެ އަހަރަކުވެސް ތައުލީމުގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.
މައުމޫން ފައުންޑޭޝަނުގެ ސްކޯލާޝިޕްތަކަށް މިފަހަރު ފުރުސަތު ހުޅުވާލާފައި މިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވާފައިވާ ނެރުނު އަމުރަކާ ގުޅިގެން ރައީސް މައުމޫންގެ މައްޗަށް ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ކުރެވި، އެމަނިކުފާނު ދޮޅު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ