އިނގިރޭސި ރައްޔިތުން، ފަވްޖު ފަވްޖަށް އިސްލާމް ދީނަށް ވަންނަނީ

ލަންޑަން : މާތްވެގެންވާ އިސްލާމް ދީން ޤަބޫލުކޮށް އެދީނުގެ ހިދާޔަތު ލިބެމުންދާ އިނގިރޭސި ރައްޔިތުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފިއެވެ. ލަންޑަންގައި ނުކުންނަ ދި އިންޑިޕެންޑެންޓް ނޫހުގައި ޝާޢިޢުކޮށްފައިވާ މިރިޕޯޓް ބުނާގޮތުން ވޭތުވެދިޔަ ދިހަ އަހަރުތެރޭގައި އިސްލާމްދީނަށްވަން އިނިގިރޭސި ރައްޔިތުންގެ ޢަދަދު އޭގެ ކުރީގެ ދިހައަހަރުތެރޭގައި އިސްލާމްދީން ޚިޔާރުކުރި އިނގިރޭސި ރައްޔިތުންގެ ޢަދަދަށްވުރެ 100% އިތުރެވެ.
މިރިޕޯޓް ބުނާގޮތުން މިފަހަކަށް އައިސް އަހަރަކު މަދުވެގެން ފަސް ހާހަށްވުރެގިނަ އިނގިރޭސި ރައްޔިތުން އިސްލާމް ދީން ޤަބޫލުކުރަމުން ގެންގޮސްފައިވެއެވެ. އަލަށް ދީން ޤަބޫލުރި އިނގިރޭސި ރައްޔިތުންގެ ޢަދަދު ރަނގަޅަށް ސާފުނުވަނީ އިނގިރޭސިވިލާތުގައި ނަގާ ތަފާސްހިސާބުތަކުގައި ދީން ބަދަލުކުރިކަން ހާމަކުރަންނުޖެހޭތީ ކަމަށްވެސް މިރިޕޯޓް ބުނެއެވެ. މިރިޕޯޓް ބުނާގޮތުން އިސްލާމްދީނުގެ ހަޤީޤަތް ރަނގަޅަށް އެނގޭނަމަ މިއަށްވުރެ މާގިނަ އިނގިރޭސި ރައްޔިތުން އިސްލާމްދީން ޤަބޫލުކުރާނެއެވެ.
އިސްލާމްދީނަށް އިނގިރޭސި ރައްޔިތުން ވަނުމާދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި އިނގިރޭސި ވަތަނީ ޚިޔާލުގެ ހަރުކަށި މީހުންނާއި ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކާއި ނަސާރާ ތަބްޝީރީ ޖަމާއަތްތައް ހިމެނެއެވެ. މިފަރާތްތަކުން ގެންދަނީ މާތްވެގެންވާ އިސްލާމް ދީނަކީ ޒަމާނަށް ނުފެތޭ ހަރުކަށި ނާތަހުޒީބު ދީނެއް ކަމަށް ސިފަކޮށް އިސްލާމް ދީނާމެދު މީހުން ނަފްރަތު ކުރުވުމުގެ ޕްރޮޕަގެންޑާތައް ހިންގައި އިސްލާމް ފޯބިޔާ ފަތުރަމުންނެވެ. މިއާއެކުވެސް މިފަރާތްތައް މާޔޫސްވާ މިންވަރަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބެމުންދާ އިނގިރޭސި ރައްޔިތުންގެ ޢަދަދު ގިނަވަމުންދާކަން މިރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. ސަބަބަކީ އިނިގިރޭސި ގިނަ ރައްޔިތުންނަކީ ޢިލްމީގޮތުން ހޭލުންތެރި ބަޔަކަށްވެފައި އިނގިރޭސި މުޖްތަމަޢަކީ ވަރަށް ރަނގަޅު ސިފަތަކެއްވެސް އެކުލެވޭ މުޖްތަމަޢަކަށް ވާތީއެވެ. އިނގިރޭސިވިލާތުގައި އިސްލާމްވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަދި އިސްލާމް ދީން ޚިޔާރުކުރާ އިނގިރޭސި އަންހެނުން ބުރުގާއަޅައި ދީންވެރިވެ، ރާބުއިމާއި ކައިވެނިންބޭރު ޖިންސީ ގުޅުންތައް އުފެއްދުމާއި ދެޖިންސް މަސްހުނިވެގެން ނެށުމާއި ޖުވާކުޅުންފަދަ ހުޅަނގުގެ ޘަޤާފަތުގައި އަށަގެންގެންފައިވާ މުޑުދާރު ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލަމުންދާ ކަމަށްވެސް އިނގިރޭސިވިލާތުގެ އިސްލާމީ ޖަމްޢިއްޔާތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ