އަނެއްކާވެސް ކުޑަކުއްޖެގެ ފުއްޕާމެއިން ޕިނެއް ނަގައިފި

އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި ކުޑަކުއްޖެއްގެ ފުއްޕާމެއިން ބުރުގަލުގައި ޖަހާ ޕިނެއް ނަގައިފި އެވެ.
ޕިނެއް ނަގާފައި ވަނީ 11 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިންނެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރ މުހައްމަދު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 11 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިން އަނެއްކާވެސް ޕިނެއް ނަގާފައިވާ ކަމަށެވެ.
ޑރ. މުހައްމަދު އިސްމާއިލް ވަނީ، ބުރުގާ އަޅާ ފަރާތްތަކުން ޕިން އަނގައަށް ނުލުމަށް އެދިވަޑައިގެންފައެވެ.
ފުއްޕާމެއިން އެއްޗެއް ނަގަން ކުރަން ޖެހޭ އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި އޮޕަރޭޝަނެކެވެ. މިފަދަ އޮޕަރޭޝަންތަކުގައި ފުއްޕާމޭ ފަޅައިގެން ގޮސް ލޭ ބޭރުވުން ފަދަ ކަމެއް ވެސް ދިމާވުމުގެ ފުރުސަތު އޮވެއެވެ.
ބުރުގާ ޕިން އަނގައަށް ލައިގެން އުޅުމުގެ ތެރޭގައި ފުއްޕާމެއަށް ބުރުގާ ޕިން ދިއުމުގެ ސަބަބުން މީގެ ކުރިން ވެސް އައިޖީއެމްއެޗްގައި ކާމިޔާބު އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ބުރުގާ ޕިން ފަދަ ތަކެތި އަނގައަށް ލައިގެން ނޫޅުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ