ރައީސް މައުމޫން ސިމްޕްރެސް ފައްޓަވައި ދެއްވައިފި

އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލްކަލާމުގެ ހަނދާނުގައި ބާއްވާ ބަހުސް މުބާރާތެއް ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އިފްތިތާހްކޮށްދީފި އެވެ. ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖާއި އިންޑިއާގެ ސްޕޭސް އެޖެންސީ(އިސްރޯ) އާ ގުޅިގެން ދަރިވަރުންގެ މެދުގައި ބާއްވާ ބަހުސް މުބާރާތެއް ކަމަށްވާ "ސްޕީކް ޔުއާ މައިންޑް އެންޑް އެކްސްޕްރެސް" (ސިމްޕްރެސް) ފައްޓަވައި ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ދުނިޔެއަށް ދާއިމީ ސުލްހައެއް ހޯދުމަކީ ދަތި އުނދަގޫ ކަމެއްކަމުގައި ވިޔަސް އެކަން ހާސިލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ. ޑރ.އަބްދުލްކަލާމް ވިދާޅުވެފައިވާ ގޮތުން "ހަނގުރާމައަކީ އެއްވެސް ދެކޮޅުވެރިކަމެއްގެ ދާއިމީ ހައްލެއްނޫން" ކަމަށާއި އެކިކަންކޮޅުތަކުގައި ހަނގުރާމަ ހިންގަމުން ދުނިޔޭގައި ސުލްހައެއް ގާއިމު ނުކުރެވޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫންގެ ވާހަކަފުޅުގައި އިސްލާމްދީނަކީ ސުލްހައިގެ ދީން ކަމަށާއި "އިސްލާމިކް ސްޓޭޓް" އެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުންދާ ޖަމާއަތަކީ އޭގައި އެއްވެސް އިސްލާމީ ސިފައެއްނެތް ޖަމާއަތެއް ކަމުގައި ވެސް ވިދާޅުވި އެވެ. "ކޮންމެ ދީނަކީ ވެސް ސުލްހަވެރިކަމާއި އިންސާނީ އުހުއްވަތްތެރިކަމަށް ގޮވާލާ ދީނެއް. މިހެންކަމުން އެކި ދީންތަކާއި އެކި ޘަގާފަތްތަކުގެ އަހުލުވެރިންގެ މެދުގައި ސުލްހަ ގާއިމުކޮށް ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރުމަކީ މުޅި ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް." ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ