އިދިކޮޅު ފަރާތްތަކަކީ އަޅުގަނޑުމެންނެއް ނޫން، އިދިކޮޅަކީ ސަރުކާރު: މައުމޫން
އިދިކޮޅު ފަރާތްތަކަކީ "އަޅުގަނޑުމެންނެއް ނޫން" ކަމަށާއި، އިދިކޮޅަކީ މިހާރުގެ ސަރުކާރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ގުޅިފައިވާ ޕާޓީތައް ތިބީ ރައްޔިތުންނާއެކު ކަމަށާއި، އެހެންކަމުން ސަރުކާރަކީ ހަގީގަތުގައި އިދިކޮޅު ފަރާތްތައް ކަމަށެވެ. މައުމޫން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުން ދާތީވެ ސަރުކާރުން ވަނީ އެކަމާ ވަރަށް ކަންބޮޑުވެފައި ކަމަށާއި އެހެންކަމުން ކަަންކަން އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެެވެ. "އަޅުގަނޑުމެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުން އެބަދޭ. ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހާސިލްވަމުން އެބަދޭ. މިހާރު ސަރުކާރު އެދަނީ ސައިޒް ވަމުން. ސަރުކާރުން ކުރަމުންދާ ދޯހަޅިކަން ނުވަތަ ބޭއިންސާފުކަން އެދަނީ ފެންނަމުން،" މައުމޫން ވިދާޅުވިއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ "މ.ކުނޫޒު" ގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް އިންތިގާލީ ކެންޑިޑޭޓަކު ނެރުމަށް ގުޅިފައިވާ ޕާޓީތަކުން ފެއިލްވެފައިވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ބުނަމުންދާތީ، އެ ވާހަކަތަކަށް ރައްދު ދެއްވައި މައުމޫން ވިދާޅުވީ މާނަ އޮޅުވައިލައިގެން ބަޔަކު އަޑުތަކެއް ފަތުރަމުންދާ ކަމަށެވެ. ދާދި ފަހުން ގުޅިފައިވާ ޕާޓީތަކުން ބޭއްވި ބައްދަލުވުމެއް ނިންމުމަށްފަހު ވަޑައިގަންނަވަނިކޮށް، ނޫސްވެރިއަކު އިންތިގާލީ ކެންޑިޑޭޓަކާ ބެހޭ ގޮތުން އެމަނިކުފާނާ ސުވާލުކުރުމުން މައުމޫން ވިދާޅުވީ، އެ ބައްދަލުވުމުގައި އިންތިގާލީ ކެންޑިޑޭޓަކާ ބެހޭ ގޮތުން މަޝްވަރާކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވުމަކީ އެ މަނިކުފާނު އިންތިގާލީ ކެންޑިޑޭޓަކާ ދެކޮޅުވުން ނޫން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކަށް ދެވޭނީ މިނިވަން އިންތިހާބަކަށް އެ އިންތިހާބު ވާނެކަން ޔަގީންވެގެން ކަމަށް މައުމޫން ވިދާޅުވި އެވެ. އެއްވެސް މުއައްސަސާއެއްގައި މިނިވަންކަމެއް ނެތް ކަމަށާއި ފެންނަމުންދަނީ ވަކި ފަރާތަކުން އަންގާ ގޮތަކަށް އަމަލުކުރަމުންދާ ތަން ކަމަށާއި، އެހެން ކަމުން 2018 ގައި އިންތިހާބު ބޭއްވި ކަމުގައިވިޔަސް އޭގެ ނަތީޖާއަށް ވާނެ ގޮތެއް ވެސް ނޭނގޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ