ބައެއް ހުކުމްތައް ކޮށްފައިވާ ގޮތުން އެއީ ގަބޫލުކުރަން ޖެހޭ ހުކުމްތަކެއް ނޫން ކަމަށް ވިދާޅުވެ ޝަރުއީ ދާއިރާ އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މީހަކު ހޮސްޕިޓަލުގައި އޮއްވައި، ރޭގަނޑު ދަންވަރު 1 ޖަހާއިރު ކުރާ ހުކުމްތަކާއި ފިސްތޯލައެއް ފެނި ދިފާއީ ހެކި ހުށަހެޅޭނެ ގޮތެއް ނެތި ކުރާ ހުކުމްތައް ގަބޫލުކުރަން ނުޖެހޭ ކަމަށެވެ.
މީހެއްގެ މައްޗަށް ހުކުމެއް އިއްވާ ނަމަ އެކަން ކުރަން ޖެހޭނީ ހަމަ އާއި އިންސާފާއި އަދުލުވެރިކަމާ އެކުގައި ކަމަށް ވިޔަސް ސިޔާސީ ބައެއް ބޭފުޅުންނަށް ބޭއިންސާފުން ހުކުމް ކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުށެއް ކުރާ މީހަކަށް އަބަދު ލިބެން ޖެހޭނީ ގާނޫނާއި ޝަރުއީ ހަމަތަކުގެ މަތިން ކަމަށެވެ.
"ކުށް ސާބިތުވީމަ އެ އޮންނަ އަދަބެއް ދޭން ޖެހޭނެ. މިސާލަކަށް ދިފާއީ ހެކިން ހުށަހަޅަން ބޭނުންވީމަ އެ ފުރުސަތު ނުދީ ކުށް ސާބިތު ކުރީމަ އެ އަޅުގަނޑުމެން ގަބޫލުކުރާކަށް ނުޖެހޭނެ. ބޭފުޅަކު އާލާސްކަންފުޅާ އޮންނަވަނިކޮށް ރޭގަނޑު ދަންވަރު ކުރާ ހުމެއް އަޅުގަނޑުމެން ގަބޫލު ކުރާކަށް ނުޖެހޭ. އަދި ކުރަނީ ވެސް އެ ބޭފުޅެއްގެ ގައިރު ހާޒިރުގައި،" މައުމޫން ވިދާޅުވި އެވެ.
"ދެން މިސާލަކަށް ކޮންމެވެސް ބޭފުޅެއް [ކާނަލް މުހައްމަދު ނާޒިމް] ގެ ގެއިން ފެނުނީއްޔޯ ފިސްތޯލައެއް، އެ ފެނިގެން އޭނާގެ މައްޗަށް ވަރަށް ބޮޑު ހުކުމެއް އައިސްފައި މި ވަނީ. އެކަމަކު އެންމެންނަށް ވެސް މިހާރު އެނގިފައި އޮތް ގޮތުން އެ ފިސްތޯލައިގައި ނާޒިމްގެ ފިންގްޕްރިންޓެއް ނުވަތަ ޑީއެންއޭއެއް ނެތް. އެ ދިމާވަނީ ކޮންމެވެސް އެހެން ބޭފުޅަކާ."
މައުމޫން ވިދާޅުވީ ނާޒިމްގެ މައްސަލާގައި އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވާނެ ކަމަށް އެހެން ބޭފުޅަކު ވިދާޅުވުމުން އެ ފުރުސަތު ވެސް ނުދިން ކަމަށެވެ.
"އެހެންވީމާ އެއީކީ އަޅުގަނޑުމެން ގަބޫލުކުރާ ހުކުމްތަކެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ އެ ވާހަކަފުޅު އެ އިޝާރަތްކުރެއްވީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ނާޒިމާ ގުޅުމެއް ނެތްކަން، ކޯޓުން ފުރުސަތު ލިބިއްޖެ ނަމަ ސާބިތުކޮށްދެއްވާނެ ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.
މައުމޫން ވިދާޅުވީ ޝަރުއީ ދާއިރާ އަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި އެ ދާއިރާ އަށް ފާޑުވިދާޅުވަނީ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިހެން ކަންކަން ހުރީމަ މިއީކީ ގަބޫލުކުރެވޭނެ ކަންކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
"މިއިން އެނގެނީ ސިޔާސީ ބޭނުންތަކަށްޓަކައި މިގޮތަށް ކަންތައްތައް އޮޅުވާލައިގެން ކޮންމެވެސް ފަރާތަކުން ގެންދަނީ ކުރަމުންކަން. އެ ފަރާތަކީ ރައްޔިތުންނާ އިދިކޮޅު [ސަރުކާރު] ފަރާތްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ."
އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ 10 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާތީ އެކަމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް ގޮނޑި ކާމިޔާބު ކުރުމަށް ފަހު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން މެމްބަރަކު ވަކި ކުރިޔަސް ވެސް ގޮނޑި ނުގެއްލޭނެކަން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ކަމަށެވެ.
"އެހެންވީމާ މިވެނި މެމްބަރެއްގެ ގޮނޑި ގެއްލިއްޖޭ ބުނުމުގެ އެއްވެސް މާނައެއް ނެތް. ގާނޫނީ އެއްވެސް ހަމައެއް ނެތް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ވާހަކައެއް ވެސް ނޫން،" މައުމޫން ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު މި ބުނާ ވާހަކައަކީ އެ ބުނާ ދިހަ މެމްބަރެއްގެ ގޮނޑި ހުރީ ސަލާމަތުންނޭ. އެ ބޭފުޅުން އެ ތިއްބެވީ ހަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައޭ."
އިދިކޮޅު އިއްތިހާދުން ރޭ ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސައިން ވަހީދު.
މައުމޫން ވިދާޅުވި ގޮތުގައި ހިޔާލު ތަފާވުން އުފެދިއްޖެ މައްސަލައެއްގައި އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފައި ވިޔަސް، ގާނޫނުއަސާސީއާ ހިލާފަށް އެއްޗެއް ބުނުމުގެ ހައްގު އެ ކޯޓަކަށް ވެސް ނޯންނާނެ ކަމަށެވެ.
"ގާނޫނުއަސާސީއެއް ނޫން ގާނޫނަކާ ހިލާފަށް ވެސް އެއްޗެއް ބުނުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނޯންނާނެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކަކީ އެންމެންގެ މައްޗަށް ހިނގާ އެއްޗެއް. އެންމެން ހުރުމަތްތެރިކޮށް ހިތަން ޖެހޭ އެއްޗެއް،" މައުމޫން ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އަށް މައުމޫން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ