ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި، އެ ދާއިރާތަކުގެ ބައި އިލެކްޝަންސް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓްގެ އެންގުމާއި އެއްގޮތަށް ބައި- އިލެކްޝަންތައް އިއުލާންކޮށްފައި ވަނިކޮށް އެކަމާ ގުޅޭ މައްސަލަތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަތަކަށް ވަކި ގޮތެއް ނިންމަންދެން ބައި އިލެކްޝަން މަޑު ޖައްސާލާފައިވާކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ރޭ ނިންމާފައިވާ ނިންމުގައި ކޮމިޝަންގެ ނިންމުން ބަދަލު ކުރަން ޖެހޭނެ އެއްވެސް ތަނެއް ނެތްކަމަށް ބަޔާންކޮށްފައިވާތީ އިންތިހާބުތަކާއި ބެހޭ ގަވާއިދާއި އެއްގޮތަށް ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބައިއިލެކްޝަން ބާއްވާނެ ތާރީޚެއް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައެއްނުވެއެވެ.ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފަރާތްތަކަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ސައުދު ހުސައިން އާއި، މުހައްމަދު ވަހީދު އިބްރާހިމްއާއި، މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފު މުހައްމަދުއާއި، އަބުދުﷲ ޝިނާންއާއި ދަގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުއެވެ.އިލެކްޝަން ކޮމިޝަނުން މިދާއިރާތަކުގެ ބައިއިލެކްޝަން އިއުލާން ކޮށްފައިވާއިރު މީގެ ތެރެއިން ހަތަރު މެމްބަރުންގެ މެމްބަރުކަމުގެ ގޮނޑިއާއި މެދު ޚިލާފު އުފެދި ސްޕްރީމް ކޯޓަށް ހުށެހެޅި މައްސަލައިގަ ސްޕްރީމްކޯޓުން އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމާއި ގުޅިގެން އިދިކޮޅުފަރާތްތަކުން ދަނީ ސްޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ކަންތައްތައް އޮޅުވާލައިގެން ރައްޔިތުންނާ ހަމަޔަށް ގެނެސްދެމުންނެވެ.އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ގާނޫނީ ވަކީލުން ބުނަމުންދަނީ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅާފައިނުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ