ދައުރުގެ ބޭރުން ރައްޔިތުން މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފި

ދައުރުގެ ބޭރުން ރައްޔިތުން މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.  ދައުރުގެ ބޭރުން ބާއްވާ މި ޖަލްސާއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މާދަމާ ނުވައެއް ޖަހާއިރު ކަމަށް. ނަމަވެސް މި ޖަލްސާއާއި ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުގެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ. މާދަމާ މަޖިލީހުގެ ޖަލްސާ ބާއްވަން އިއުލާންކޮށްފައިވާއިރު، ރާއްޖޭގައި މިވަގުތު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ޖަލްސާއާއި ގުޅިގެން ގިނަ މެންބަރުން ވިދާޅުވީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް ބެލެވެނީ މިހާރު ހިންގަމުން ދާ ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ކަމަށެވެ. ގާނޫނުއަސާސީ ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާއިރު މަޖިލިހުގެ ދައުރެއް ހިނގަމުން ނުދާ ނަމަ 14 ދުވަހުގެ ތެރޭގައި މަޖިލިސް ބައްދަލުކޮށް، އެ ގަރާރާ މެދު ވަކި ގޮތެއް ނިންމަން ޖެހެއެވެ. މަޖިލިހުގެ ދައުރެއް ހިނގަމުން ދާ ދުވަސްވަރެއް ނަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ގަރާރު މަޖިލިހަށް ހުށަހަޅަން ޖެހެނީ ދެ ދުވަހުގެ ތެރޭގައެވެ. ޤަނޫނު އަސާސީގެ 11 ވަނަ ބާބުގެ 253 ވަނަ މައްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، މަޖިލީހުގެ އިދާރާ މެދުވެރިކޮށް މި ހާލަތު އިތުރު ކުރާނަމަ، އެއާއިމެދުވެސް ގޮތެއް ނިންމޭނީ މަޖިލީސް މެދުވެރިކޮށެވެ. ގާނޫނު އަސާސީގެ 257 ވަނަ މައްދާގެ (ނ) ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ޤަރާރުގައިވާ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންފިނަމަ، އެ ޤަރާރުގެ މުއްދަތު ހަމަވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން އެ މުއްދަތު އިތުރުކުރަން ފާސް ކުރަން ޖެހޭނެ ކަން ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ