ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަށް ބަދަލު ގެންނަވާނަން –ނަޝީދު


ކުރިއަށް އޮތް އާންމު އިންތިހާބުގައި އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ މިހާރު އޮތް ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަށް ބަދަލު ގެންނަވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
 
އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި އެޕާޓީގެ ފަރާތުން ށ. ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ، އަހްމަދު ނާޝިދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް މި ވަގުތު އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ޝަރުއީ ނިޒާމު ގައި ހުރި މައްސަލަތައް ކަމަށެވެ. އެގޮތުން އިންސާފު ނުލިބޭ މިންވަރަށް ޝަރުއީ ނިޒާމު ގޯސްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީ އާއި ވާދަވެރި އެއްވެސް ޕާޓީއަކުން ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމުގެ ވާހަކަ ނުދައްކާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
 
 
ކޮމަންޑޫ ދާއިރާގެ ކެނޑިޑޭޓުގެ ޖަގަހައިގެ އިތުރުން، ދާންދޫ ދާއިރާއަށް އެޕާޓީން ވާދަކުރައްވާ މުހައްމަދު ރިޔާޒުގެ ކެމްޕެއިން ޖަގަހައަކާއި، ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ ނާޒިމް ރަޝާދުގެ ކެމްޕެއިން ޖަގަހައެއް ވެސް ރައީސް ނަޝީދު ރޭވަނީ ހުޅުއްވައި ދެއްވާފައެވެ. މި ކެމްޕެއިން ހަރަކާތް ތަކުގައި ނަޝީދު ވަނީ، ރައްޔިތުން ބާރުވެރި ކުރުވުމާއި، ކައުންސިލްތައް ބާރުވެރި ކުރުވުމާއި ގުޅޭގޮތުން އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތައް ތަކުރާރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ