ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ފުރިހަމަ އަޣުލަބިއްޔަތު އޮވެގެން، މިނިވަން މުސްތަޤިއްލު ކޮމިޝަނެއް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރެއްވުމާއެކު، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެ ކޮމިޝަނުގެ ރައީސްކަމާ ހަވާލުވެލެއްވި އަޙުމަދު ސުލައިމާނަކީ މިނިވަން ފަރާތެއް ނޫންކަމަށް އާންމުންނަށް ދޭހަވާގޮތަށް ރައީސް މައުމޫން ވާހަކަފުޅު ދައްކަވައިފިއެވެ.
ފާއިތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޕީޕީއެމްއަށް ލިބުނީ ކާމިޔާބީ ކަމަށާއި އެހެނަސް ޕީޕީއެމް ހަލާކުވީ ޕީއޭގެ މެންބަރުންތަކެއް ޕީޕީއެމްއާ ގުޅުމުން ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މިވަގުތު އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ހުންނެވީ ޕީއޭގެ މެންބަރެއް ކަމަށެވެ.
ކުރިން ޑީއާރޕީގައި އުޅުއްވުމަށްފަހު ޕީޕީއެމްއަށް ބަދަލުވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު މުސްތަފާވެސް ރައީސް މައުމޫންގެ އަރިހުގައި ބައިތިއްބަވައިގެން ވާހަކަފުޅު ދައްކަވަމުން ޕީއޭގެ މެންބަރުން ޕީޕީއެމްއާ ގުޅުނު އިރު، ޕީއޭގެ މެންބަރުންނަކީ ޕީޕީއެމްގެ ފިކުރުގެ ބައެއް ނޫންކަމަށެވެ. އެހެންނަމަވެސް، ޕީއޭ ނޫން އެހެން ޕާޓީތަކުން ޕީޕީއެމްއާ ގުޅިފައިވާ ފަރާތްތަކަކީ ކޮން ފިކުރެއްގެ ބައެއްކަން ރައީސް މައުމޫން ވިދާޅެއް ނުވެއެވެ.
ކޮންމެއަކަސް، އިލެކްޝަންސް ކޮމިޝަނުގެ ރައީސަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމަށް، ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް ވިދާޅުވުމާއެކު، އިލެކްޝަންސް ކޮމިޝަނުގެ މުސްތަޤިއްލުކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ތާއީދުކޮށް އެ ހުކުމް ދަމަހައްޓާފައި ވަނިކޮށް ރައީސް މައުމޫން މިރޭ ދެއްކެވި ވާހަކަފުޅުގައި، އެ ހުކުމަށް ތަބާވުމުގެ އެއްވެސް ކުލަވަރެއް ހިމެނޭ ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ފުރިހަމަ އަޣުލަބިއްޔަތު އޮވެ، އެ ޕާޓީގެ ރައީސްގެ ގޮތުގައި ރައީސް މައުމޫން ހުންނަވައިގެން، މިނިވަން މުސްތަޤިއްލު ކޮމިޝަނަކަށް ޕީއޭގެ މެންބަރަކު އައްޔަންކުރުމަށް އެ ޕާޓީއިން ކަނޑައެޅީ ކީއްވެގެންކަން ރައީސް މައުމޫން ހާމަކުރައްވާފައެއް ނުވެއެވެ.
ނަމަވެސް، ޕީޕީއެމްގެ ސަރުކާރަށް ރައީސް މައުމޫން ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންދަވައިފި ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސަކީ ޕީއޭގެ މެންބަރެއް - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ