ރިޔާސީ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނާ ސަލަފުން އިންޓަވިއުކުރަން ފަށައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުންނާ ގުޅޭ މައުލޫމާތުތައް ދިރާސާ ކުރުމުގެ މަސައްކަތް ޖަމިއްޔަތުއް ސަލަފުން އިއްޔެ ފަށައިފި އެވެ.
އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ސޮބާހު ރޭ ވިދާޅުވީ އާންމުންނަށް ކުރިން ވެފައިވާ ވައުދާ އެއްގޮތަށް 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުންގެ މައުލޫމާތުތައް ދިރާސާ ކުރުމުގެ ގޮތުން މިއަދު ފުރަތަމަ އިންޓަވިއު ކޮށްފައި ވަނީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރާ ކަމަށެވެ.
އެ ގޮތުން ޑރ. މުނައްވަރާ އެކު ސަލަފުން ބޭއްވި ބައްދަލުވުމުގައި އޭނާގެ ނަޒަރުގައި ގައުމުގެ މިހާރުގެ ހާލަތާއި [އިޖުތިމާއީ، އިގުތިސޯދީ އަދި ސިޔާސީ ގޮތުން] އަދި ގައުމުގެ ހާލަތު ކުރިއަށް ލަފާކުރާ ގޮތާ ބެހޭ ގޮތުން ސުވާލު ކުރި ކަމަށެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ޑރ. މުނައްވަރުގެ ތަސައްވަރު ގެންގުޅުއްވާ ބެހޭ ގޮތުން ވެސް ސުވާލު ކުރި ކަމަށް ސޮބާހު ވިދާޅުވި އެވެ.
"މުނައްވަރު ދެކެވަޑައިގެންނެވި ގޮތުގައި ރާއްޖެ މިހާރު ހިންގަމުން ގެންދަނީ ވަރަށް ނާގާބިލް ގޮތަކަށް. ޕޮލިސީ ލެވެލް ވަރަށް ދޯދިޔާ. ގައުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ކަހަލަ ސްޓްރެޓީޖިކް ޕްލޭނެއް ނެތް ކަމަށް މުނައްވަރު ދެކެވަޑައިގަންނަވާ،" ސޮބާހު ވިދާޅުވި އެވެ.
މުނައްވަރާއެކު ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދާއި ނާއިބު ރައީސް ހަސަން މޫސާ ފިކުރީ އަދި ސެކްރެޓަރީ ޖެނެރަލް ސޮބާހު އެވެ.
ސޮބާހު ވިދާޅުވި ގޮތުގައި ޑރ. މުނައްވަރުގެ މައުލޫމާތުތައް ދިރާސާ ކުރާނީ އެހެން ކޮމެޓީ އަކުން ކަމަށެވެ. އެކަމަކު އެ ކޮމެޓީގައި ތިއްބަވާ ބޭފުޅުންނާއި އެއީ ކިތައް ބޭފުޅުންނެއް ކަމެއް ސަލަފުން ބުނެ އެވެ.
ސަލަފުން ބުނީ ޑރ. މުނައްވަރުގެ އިތުރުން ރިޔާސީ އިންތިހާބަށް ވާދަކުރާނެ ކަމަށް ބެލެވޭ އެހެން ކެންޑިޑޭޓުންގެ މައުލޫމާތުތައް ވެސް ދިރާސާ ކުރަމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ