ކޮލަމާފުށީގައި ރައްކާތެރި ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުން މިއަދު ހަވީރު

ގއ.ކޮލަމާފުށީގައި ރައްކާތެރި ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ހަވީރު ފަށާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުނެފިއެވެ.
މި މަސައްކަތް ކުރިޔަށް ގެންދަވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އާއި ހަވާލުކޮށްގެންނެވެ. 11 މެއި 2016 ގައި ސޮއިކޮށްފައިވާ މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢަށް 56,584,710.39ރ. (ފަންސާސް ހަމިލިޔަން، ފައްސަތޭކަ އައްޑިގަ ހަތަރުހާސް، ހަތް ސަތޭކަ ދިހަ ރުފިޔާ ތިރީސް ނުވަ ލާރި) ރުފިޔާ ޚާރަދުވާނެކަމަށް ލަފާކުރާ އިރު، މިމަޝްރޫޢުގެ ދަށުން 7.1 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައަކާއި 86 ޓަނުގެ 02 ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާނެއެވެ.
އަދި މިޕްލާންޓްތަކުން ފެން އުފައްދުމަށް 794 ޓަނުގެ ތާންގީއަކާއި ފެން ރައްކާކުރުމަށް521ޓަނުގެ ތާނގީއަކާއި 5.7 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް، 250 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް (މުސްތަޤްބަލުގައި 500 ޓަނަށް އިތުރުކުރެވޭނެ) ބަހައްޓާނެކަމަށްވެސް އެންވަޔަރްމެންޓް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢު ނިމޭއިރު ފެނުގެ ޒަމާނީ ނިޒާމަކާއި ނަރުދަމާގެ ޚިދުމަތް ޤާއިމްވެ 329 ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓާނެއެވެ.
މިއީ އެންމެނަށް ރައްކާތެރި ސާފުފެނާއި ނަރުދަމާ ޔަޤީން ކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނޭ ނިޒާމުގެ ތެރެއިން ކުރާ މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ