ވޯލްޑްކަޕް ވޯލްޑްކަޕް އަތުގައި އޮތް މެޗެއް ސެނެގާލުން ގެއްލުވާލުމުން، ބެލްޖިއަމް ގަދަ 16 އަށް

ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ކުޅުނު ފޯރިގަދަ މެޗަށްފަހު ބެލްޖިއަމުން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.
އެމެރިކާގެ ސިއޭޓަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ބެލްޖިއަމުން ސެނެގާލް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައެއް ނުވެއެވެ. ސެނެގާލްގެ ވަރުގަދަ އެޓޭކު ހުއްޓުވުމަށް ބެލްޖިއަމަށް ޖެހުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސަށް މަސައްކަތްކުރާށެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ނުރައްކާތެރި ހުރަހެއް ރަނގަޅަށް ބެލްޖިއަމަށް ދިފާއު ނުކުރެވުމުން، ސެނެގާލުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސެނެގާލަށް ލީޑު ހޯދައިދިނީ ހަބީބް ޑިއާރާ އެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު ބެލްޖިއަމުން ގޯލު ޖެހުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ސެނެގާލްގެ ގޯލާ މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-0 ގެ ނަތީޖާއަކުން ސެނެގާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓުގެ ތެރޭގައި ސެނެގާލުން ވަނީ އެޓީމުގެ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު، ފަސޭހަކަމާއެކު ބެލްޖިއަމްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ސެނެގާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިސްމާއިލާ ސާ އެވެ.
މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ބެލްޖިއަމުން ވަނީ ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބެލްޖިއަމްގެ ފުރަތަމަ ގޯލު، ބަދަލު ކުޅުންތެރިޔާ ރޮމެލޫ ލުކާކޫ ކާމިޔާބުކޮށްދިން އިރު، ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ޔޫރީ ޓިލެމަންސް އެވެ.
މެޗުގެ އިތުރު ވަގުތުގެ ފަހު ހާފު ނިމެނިކޮށް، ސެނެގާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޓިލެމަންސްއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ބެލްޖިއަމަށް ޕެނަލްޓީއެއް ދީފައެވެ. ބެލްޖިއަމަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ގަދަ 16 ޔަގީންކޮށްދިނީ ވެސް ކެޕްޓަން ޓިލެމަންސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ