މިދިޔަ އަހަރު ސްޓެލްކޯއަށް 239 މިލިއަން ރުފިޔާގެ ފައިދާއެއް

މިދިޔަ އަހަރު ނިމުނު އިރު ސްޓެލްކޯއަށް ފައިދާގެ ގޮތުގައި 239 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައިވާ ގޮތުން މިއީ ގާތްގަނޑަކަށް 30 ޕަސެންޓްގެ އިތުރުވުމެކެވެ. އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ފައިދާ އަކީ 181 މިލިއަން ރުފިޔާގެ އެވެ.
ފައިދާ އިތުރުވީ، ކުންފުނީގެ އާމްދަނީ އިތުރުވެ، ދަރަންޏަށް ކުރި ހޭދަ ކުޑަކޮށްގެންނެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ އާމްދަނީ ހޯދުމަށް އެ ކުންފުނިން 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މާލެ އާއި ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތްދޭ ކުންފުނިން ތެލުގެ ހަރަދުތަކަށް މިދިޔަ އަހަރު 66 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރުގެ ހޭދައާ އަޅާބަލާއިރު 45 ޕަސެންޓް އިތުރު އަދަދެކެވެ. 
މިދިޔަ އަހަރު ލޯނު އަނބުރާ ދެއްކުމަށް އެކުންފުނިން 140 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އޭގެ ކުރީ އަހަރު ވަނީ 150 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމާއި އެޑްމިނިސްޓްރޭޓިވް ކަންކަމަށް ކުރި ހޭދަ ވެސް ވަނީ 15 ޕަސެންޓް ދަށްވެފަ އެވެ. އެއީ ވެސް ކުންފުނީގެ ފައިދާ އިތުރުވި އެއް ސަބަބެވެ. މިދިޔަ އަހަރު ކުންފުނީގެ މުވައްޒަފުންނަށް މުސާރަދީ، ހިންގުމުގެ ހޭދައަށް 392 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މާލެ ސަރަހައްދާއި މި ސަރަހައްދުގެ އެހެން ބައެއް އަތޮޅުތަކަށް ކަރަންޓް ފޯރުކޮށްދޭ، ސްޓެލްކޯއިން މިދިޔަ އަހަރު އާންމުކޮށް ކުރި ހަރަދުތައް ކުޑަވި ނަމަވެސް، ރިޓަޔަމެންޓް ބެނެފިޓަށް ކުރި ހޭދަ ވަނީ 300 ޕަސެންޓް އިތުރުވެފަ އެވެ. އެ ކުންފުނިން ރިޓަޔަކުރި މީހުންނަށް ދިން އިނާޔަތްތަކަށް މިދިޔަ އަހަރު 20 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ކުރީ އަހަރު އެކަމަށް ހޭދަވީ ފަސް މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ