ބޮސްނިއާ ކަޓުވާލައި އެމެރިކާ އިން ގަދަ 16 ގައި ބެލްޖިއަމާ ދެކޮޅަށް

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 2) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ކުޅޭ ބުރުގައި، މެޗުގެ ދެ ވަނަ ހާފުގައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު، އެމެރިކާ އިން 2-0 އިން ބޮސްނިއާ ކަޓުވާލުމަށް ފަހު، މުބާރާތުގެ ގަދަ 16 ބުރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ. 
ބެލްޖިއަމުން ފަހަތުން އަރައި، ސެނެގާލް ބަލިކޮށް ގަދަ 16 ބުރުން ފުރުސަތު ހޯދިއިރު، އެ ޓީމާ ދެކޮޅަށް އެ ބުރުގައި ކުޅޭ އެމެރިކާއާ ދެކޮޅަށް 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި ކުޅުނެވެ. އެ ގޮތުން، އެ ފަހަރުގެ ވޯލްޑް ކަޕްގެ އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނުއިރު، ބެލްޖިއަމުން ވަނީ 2-1 އިން އެމެރިކާ ބަލިކޮށްފަ އެވެ. 
ބޮސްނިއާ އިން ފުރަތަަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅުނު މެޗުގައި ފުރަތަމަ 10 މިނިޓް ތެރޭގައި ދެ ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން، ކޯނަރަކުން ކަރިމް އަލަޖްބެގޯވިޗް ފޮނުވާލި ބޯޅައެއް އެމެރިކާގެ ކީޕަރު މެޓް ފްރެސާ ވަނީ މަތަކޮށްފަ އެވެ. އަދި، އެރްމެޑިން ޑެމިރޯވިޗް ޖެހި ޝޮޓެއް ވެސް ކީޕަރު ފްރެސާ ވަނީ ހުއްޓުވައިފަ އެވެ. 
އެމެރިކާ އަށް މެޗުގެ ތެރެއަށް ވަދެ، ކޮންޓްރޯލް ނަގައިގެން ކުޅެލަން. ލިބުނީ ފުރަަތަމަ ހާފުގެ ހައިޑްރޭޝަން ބްރޭކަށް ފަހު އެވެ. 
އެމެރިކާގެ އެޓޭކް ލީޑުކުރަމުންދިޔައީ ފޮލަރިން ބަލޮގަން ފުރަތަމަ ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމިއިރު، އޭނާ ވަނީ މެޗުގެ 44 ވަނަ  މިނިޓްގައި ބޮސްނިއާގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި އެެމެރިކާ އަށް ލީޑުނަަގައިދީފަ އެވެ. އެ ގޮތުން، އޭރިއާތެރެއިން ލިބުނު ބޯޅަ، ބަލޮގަން ވަނީ ކީޕަރު ނިކޯލަ ވަސިލް ފައިދަށުން ގޯލަށް ފޮނުވާލައިފަ އެެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، ސާޖީނިއޯ ޑެސްްޓް ދިން ބޯޅައަކުން ބަލޮގަން ފޮނުވާލި ޝޮޓް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. 
މެޗުގެ ދެ ވަނަ ހާފު ފަށައިގެން، އެމެރިކާ އަށް އުނދަގޫ ހާލަތަކަށް ދިޔައީ، 61 ވަނަ މިނިޓްގައި ބަލޮގަން އަށް ރަތެއް ދެއްކުމުން، މެޗުގެ ފަހު ބައިގަނޑިއިރަށް ވުރެން ގިނައިރު، ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ. ބަލޮގަން އަށް ރަތެއް ދެއްކީ، ބޮސްނިއާގެ ޑިފެންޑަރު، ޓާރެކް މުހަރެމޮވިޗަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. އެ ފައުލަށް ރަތެއް ދައްކަން ނިންމީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީހޯދައިފަ އެވެ. 
އެންމެ ފަހުން، ވޯލްޑް ކަޕްގެ މެޗެއްގައި، ގޯލެއް ޖެހި ކުޅުންތެރިއަކަށް ރަތެއް ދެއްކީ، 2006 ވަނަ އަހަރުގެ ފައިނަލުގައި ފްރާންސްގެ ލެޖެންޑް، ޒިނެދިން ޒިދާން އަށެވެ. 
ކުޅުންތެރިއަކު މަދުކޮށް ކުޅެ، މެޗުގެ 78 ވަނަ މިނިޓްގައި އެމެރިކާ އަށް ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން، ހިލޭ ޖެހުމަކުން ލަނޑު ޖަހައި، މަލިކް ޓިލްމަން ވަނީ އެމެރިކާ އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ބޮސްނިއާގެ ކީޕަރު، ވަސިލް އަތުގައި ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ