ބުރަށް މޮޅެއް، މާޒިޔާ އާއި ނިއު ރޭޑިއަންޓް އެއްވަރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 19 އަހަރުން ދަށުގެ މުބާރާތުގައި، ޓީސީ ސްޕޯޓްސް ކްލަބް އަތުން ބުރު ސްޕޯޓްސް ކްލަބް 5-1 އިން މޮޅުވިއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 3-3 އިން އެއްވަރުވެއްޖެ އެވެ. 
ފުރަތަމަ މެޗުގައި ކެޔޮދޫ އަތުން ބަލިވި ބުރުން ޓީސީ ބަލިކުރިއިރު ލަނޑުތައް ޖެހީ، ނޫހު އިސްމާއިލް އާއި މުހައްމަދު ޖޫދު އިސްމާއިލް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން މެޗުގައި ފުރަތަމަ ގޯލު ޖެހި އަރުހަމް އަމްޖަދު އެވެ. މެޗުގައި ޓީސީގެ ހަމައެކަނި ލަނޑު ޖެހީ، އަބްދުﷲ އައިދާން ސާޖިދު އެވެ.  
މުބާރާތުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ މެޗުން 8-0 އިން ޓީސީ ބަލިކުރި މާޒިޔާ އިން ވަނީ 20 މިނިޓް ތެރޭ ނިއު ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، ތިން ވަަނަ މިނިޓްގައި ނައްސާހު އިބްރާހިމް ނާސިރު ފުރަތަމަ ގޯލު ޖަހައި މާޒިޔާ އަށް ލީޑުނަގައިދިންއިރު، 19 ވަނަ މިނިޓްގައި އައިދު މުހައްމަދު ޖަވީޒު ވަނީ މާޒިޔާގެ ލީޑުފުޅާކޮށްދީފަ އެވެ.
އޭގެ ފަހުން، ނިއު އިން ވަނީ ދެ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މާޒިޔާއިން ދެ ވަނަ ލަނޑު ޖެހިތާ މިިނިޓެއްހާއިރު ފަހުން ނިއުގެ ފުރަތަމަ ލަނޑު ޖެހީ އާކިފް ބިން މުހައްމަދު އެވެ. އަދި، ނިއު އަށް އެއްވަރުކޮށްދިނީ އިބްރާހިމް އަރުޝާން ނާޝިދު އެވެ. އެކަމަކު، އެ ނަތީޖާގައި އޮވެގެން ފުރަތަމަ ހާފު ނުނިމުނެވެ. އެއީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާޒިޔާގެ އަނޫފް އަބްދުﷲ ވަނީ ލަނޑު ޖަހައި އަލުން މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ. 
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 13 މިނިޓަށް ވެފައި ވަނިކޮށް ނިއު އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ، ޒާކީ މުޖުތަބާ ޒާހިރު އެވެ. މި މެޗު އެއްވަރުވެގެން ނިމުނުއިރު، ނިއު އިން ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް ވަނީ އެއްވަރުވެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާ ކުޅެގެން ނިއު އެއްވަރުވީ 1-1 އިންނެވެ. 
އޮޑިން ކުޅޭ ދެ ވަނަ މެޗުގައި، މާދަމާރޭ ކެޔޮދޫއާ ދެކޮޅަށް ނުކުންނާނެ އެވެ. 
ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު މާޒިޔާ އިން އެއް ވަނައިގައި އޮތްއިރު، ބުރު އާއި ކެޔޮދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ނިއު އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އޮޑި އަށް އެއް ޕޮއިންޓް އަދި ޓީސީ އަށް ޕޮއިންޓެއް ލިބިފައިނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ