ޑީއާރު ކޮންގޯއިން މެޗުގެ 7 ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ނެގުމާ އެކު އިންގްލެންޑު ދެކެ ރުޅި އަންނަ މީހުން ހީވީ އީދެއް އައިހެންނެވެ.
އޭގެ ތެރެއިން އެކަކަކީ މެޗު ބަލަން އެކީގައި ގޮސް އިން އެކުވެރިޔާ އެވެ. މާލޭގެ ބޮޑު ކެފޭއެއް ފުރާ އިންގްލެންޑް ސަޕޯޓަރުން ތިބިއިރު ކޮންގޯއަށް ސަޕޯޓުކުރީ އޭނާ އެކަންޏެވެ.
އެކަމަކު އޭނާއަކީ ކުރިން އިންގްލެންޑް ސަޕޯޓަރެކެވެ. އެ ޒަމާނުގައި އޭނާއަށް ވަނަމެއްގެ ގޮތުގައި ކިޔަން އަންގާފައި އޮންނަނީ ވެސް 'ބެކަމ'ް އެވެ. އިންގްލެންޑުގެ ޖޯޒީ ބާލައި، ސްޕެއިންގެ ޖޯޒީ ލީ 2010ގައި ސްޕެއިނުން ވޯލްޑް ކަޕްގެ ރަށި އުފުލައިލި ހިސާބުންނެވެ. މިހާރު ލައިގެން އުޅޭ ޖޯޒީގެ އެއް ފަޅިއަކީ ސްޕެއިން އެވެ. އަނެއް ފަޅިއަކީ އާޖެންޓީނާ އެވެ.
މީނާގެ އުނދަގުލާއި ކަންތައް ބޮޑުކަމުން މެޗު ބަލަން ޖެހުނީ ވެސް ހާލަކުންނެވެ. ރެފްރީގެ ނިންމުންތަކާ މެދު ބެލުންތެރިންނާއި ކޮމެންޓޭޓަރު ސުވާލު އުފައްދަމުން ދިޔައިރު ކަންފަތް ދޮށުގައި މީނާގެ ކޮމެންޓްރީގެ އަޑު ވަކި މަޑެއް ނޫނެވެ.
އަހަރެން ދިޔައީ، ފުޓުބޯޅަ މެޗެއްގެ ފުރިހަމަ ވަގުތަކީ 90 މިނެޓުކަން އޭނާއަށް ތަކުރާރުކޮށް ހަނދާން ކޮށްދެމުންނެވެ.
'ބެކަމް'ގެ އަޑު މަޑުވާން ފެށީ މެޗުގެ 60 ވަނަ މިނެޓުގައި އިންގްލެންޑުން ބަދަލުތަކެއް ގެނައި ހިސާބުންނެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި ބުކަޔޯ ސާކާ އާއި އެންތަނީ ގޯޑަން އެރި ހިސާބުން އޭނާ އިނީ ކުޑަކޮށް ފިކުރު ބޮޑުވެފަ އެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ގޯޑަން ނަގައިދިން ހުރަހަކުން އައި ބޯޅަ، ހެރީ ކޭން ފުންމައިގެން އަރައި ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލި ހިސާބުން އޭނާ އިނީ ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިފަ އެވެ.
އޭގެ 11 ވަނަ މިނެޓު ފަހުން އަނެއްކާ ވެސް ގޯޑަން ފަހިކޮށްދިން ފުރުސަތެއްގައި ކޭން ފޮނުވާލި ބާރު ހަމަލާ، ކޮންގޯގެ ގޯލު ފޫއަޅުވާލި އެވެ. އިންގްލެންޑަށް ލީޑު ލިބި، އެކުވެރިޔާގެ އަނގަ މުޅިން ބަންދުވި އެވެ.
އެ ގޯލާ އެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ބްރެޒިލްގެ ޕެލޭ، ފީފާ ވޯލްޑް ކަޕްގައި ޖެހި ގޯލުގެ ރެކޯޑު ވެސް ކޭން ވަނީ ހުރަސްކޮށްފަ އެވެ. ޕެލޭ ޖެހީ ޖުމްލަ 12 ގޯލެވެ. ކޮންގޯ ކޮޅަށް ޖެހި ދެ ގޯލާ އެކު ކޭން ވަނީ 13 ގޯލު ހަމަކޮށްފަ އެވެ.
މި މޮޅާ އެކު އިންގްލެންޑު ވަނީ ގަދަ 16އަށް ދަތުރުކޮށްފަ އެވެ. އެކުވެރިޔާ ދިޔައީ ގެއަށެވެ. ދާ މަގުމަތީގައި އިންގްލެންޑުގެ ޖޯޒީއެއް ނުގަންނާނެ ކަމެއް ވެސް ނޭނގެ އެވެ.
ގަދަ 16ގައި އިންގްލެންޑުން ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. އެހެންކަމުން އިންގްލެންޑު، އަނެއްކާ ވެސް ދުނިޔޭގެ ފުޓުބޯޅައިގެ ރަސްކަމަށް އަންނަން ބާކީ ދެން އޮތީ ހަތަރު މެޗެވެ. ޓްރޮފީ ކެބިނެޓުން ހިރަފުސް ފޮޅައި، އާ ޓްރޮފީ ބަހައްޓާނެ ޖާގައެއް ހަދަން ތައްޔާރުވާން ވީ އެވެ.
އިންގްލެންޑު އަނެއްކާ ވެސް ފުޓުބޯޅައިގެ ރަސްކަމަށް އަންނަން ބާކީ 4 މެޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ