142 ދުވަހު ކޮންގްރެސްއަށް ނުދިޔައީ ޑިޕްރެޝަންގެ ސަބަބުން: ރިޕަބްލިކަން ޕާޓީ މެމްބަރު

ސިއްހީ ސަބަބުތަކަކަށްޓަކައި އެމެރިކާގެ ކޮންގްރެސްގެ ގިނަ ވޯޓުތަކެއްގައި ބައިވެރި ނުވެ، 142 ދުވަހު މަސައްކަތާ ދުރުގައި ހުންނެވި ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރަކު، އޭނާ އެ މުއްދަތުގައި ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވީ ނަފްސާނީ ބައްޔެއް ކަމަށްވާ ޑިޕްރެޝަނަށް ކަމަށް ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ޑައިގްނޯސް ކުރީ ޑިޕްރެޝަން ހުރި ކަމަށް،" ނިއު ޖާޒީގެ މެންބަރު ޓޮމް ކީން އަންގާރަ ދުވަހު އަލުން މަސައްކަތަށް ނުކުމެވަޑައިގެން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ވާހަކަދައްކަވަމުން ވިދާޅުވި އެވެ. "މިއީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ކުރިމަތިވާ ކަމެއް. މިއީ ކިހާ ވަރުގަދަ ބައްޔެއްކަން އަމިއްލައަށް ތަޖުރިބާކޮށްލުމުން ނޫނީ ފުރިހަމައަށް ދެނެގަތުމަކީ އުނދަގޫ ކަމެއް."
އުމުރުން 57 އަހަރުގެ ކީން މިހާރު ތައްޔާރުވަމުން ދަނީ ތިންވަނަ ދައުރަކަށް އިންތިހާބުވުމަށެވެ. ނަމަވެސް، އަންނަ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބުގައި އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ގޮނޑި ޑިމޮކްރެޓުން ކާމިޔާބުކޮށްފާނެ ކަމުގެ ބިރު ރިޕަބްލިކަން ޕާޓީގެ އިސްވެރިންގެ މެދުގައި ވަނީ އިތުރުވެފަ އެވެ.
މަސައްކަތާ ދުރުގައި ހުންނެވި މުއްދަތުގައި އޭނާ ވަނީ މަޖިލީހުގައި ނެގި 140 އަށް ވުރެ ގިނަ ވޯޓުގައި ބައިވެރިވެވަޑައިނުގެންފަ އެވެ. މީގެ ސަބަބުން އޭނާގެ ސިއްހީ ހާލަތާ މެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.
އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ޖަވާބުދެއްވަމުން ކީން ވިދާޅުވީ، ސިއްހީ ކަންބޮޑުވުންތަކަކާ ގުޅިގެން ޓެސްޓުތަކެއް ހެދުމަށް މީގެ މަސްތަކެއް ކުރިން ހޮސްޕިޓަލުގައި އެޑްމިޓްވި ކަމަށާއި، ނަމަވެސް އެއީ އެހާ ދިގު މުއްދަތަކަށް ހޮސްޕިޓަލުގައި މަޑުކުރަން ޖެހޭނެ ކަމެއް ކަމަށް ކުރިން ގަބޫލުނުކުރައްވާ ކަމަށެވެ.
ބަލި ދެނެގަނެވުމުން، ޑޮކްޓަރުން ލަފާދެއްވީ ހޮސްޕިޓަލުގައި މަޑުކޮށްގެން ފަރުވާ ހޯދުމަށެވެ. އަދި އެއީ ބަލިން އަވަހަށް ފަސޭހަވުމަށް އޮތް އެންމެ އަވަސް މަގު ކަމަށް ޑޮކްޓަރުން ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑިޕްރެޝަން މި ބަސް އިވުމުން ގިނަ ބަޔަކަށް ހީވަނީ އެއީ ހަމައެކަނި ދެރަވުން ނުވަތަ މާޔޫސްވުން ކަމަށް،" އޭނާ ވިދާޅުވި އެވެ. "ނަމަވެސް ޑިޕްރެޝަނަކީ އެއަށްވުރެ މާ ނުރައްކާތެރި އަދި ފުން ކަމެއް."
މި މަހުގެ ކުރީކޮޅު ބޭއްވި ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި އެއްވެސް ވާދަވެރިއަކާ ނުލައި ކީން ވަނީ އިންތިހާބު ކާމިޔާބުކުރައްވާފަ އެވެ.
މީގެ ކުރިން އޭނާ މަސައްކަތާ ދުރުގައި ހުންނެވި ސަބަބާ ގުޅޭ ގޮތުން ސާފު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. ސޯޝަލް މީޑިއާގައި އޭނާ ކުރިން ވިދާޅުވެފައިވަނީ އެއީ "އަމިއްލަ ސިއްހީ މައްސަލައެއް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ