ކްރިޕްޓޯ އާމްދަނީގެ ގޮތުގައި ޓްރަމްޕަށް 1.4 ބިލިޔަން ޑޮލަރު

ފާއިތުވި އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ކްރިޕްޓޯކަރަންސީއިންނާއި މީޑިޔާ ކުންފުނިތަކާއެކު ވެފައިވާ ބަދަލުދިނުމުގެ އެއްބަސްވުންތަކުގެ ސަބަބުން އޭނާއަށް އެތައް މިލިއަން ޑޮލަރެއް ލިބިވަޑައިގެންފައިވާ ކަމަށް ސަރުކާރުގެ ލިޔެކިޔުންތަކުން ދައްކައިފިއެވެ.
އެމެރިކާ އެތިކްސްއާބެހޭ އިދާރާއިން ވަނީ ޓްރަމްޕްއާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްގެ އަހަރީ މާލީ ތަފްޞީލްތައް އާންމުކޮށްފައެވެ. އެ ގޮތުން 927 ޞަފްޙާގެ ލިޔެކިޔުމެއްގައި ޓްރަމްޕްއަށް 2025ވަނަ އަހަރުގެ ތެރޭގައި ލިބިވަޑައިގެންފައިވާ ހަރުމުދަލާއި އާމްދަނީ ލިސްޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޓްރަމްޕްގެ ޢާއިލާއިން ކުރާ ކްރިޕްޓޯކަރަންސީ ވިޔަފާރިން ލިބިވަޑައިގެންފައިވާ 1.4 ބިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ. އަދި ޓްރަމްޕްއާއި އޭނާގެ ފިރިހެން ދަރިކަލުންގެ ކްރިޕްޓޯ ކުންފުނި، ވޯލްޑް ލިބަޓީ ފައިނޭންޝަލްއިން ލިބިވަޑައިގެންފައިވާ 500 މިލިއަން ޑޮލަރު ވެސް ހިމެނެއެވެ. އޭގެ އިތުރުން ޓްރަމްޕްއަށް ނިޞްބަތްވާ މީމް ކްރިޕްޓޯ ކޮއިންއަކުން ވެސް 635 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވެއެވެ.
ރިޕޯޓުގައި ބުނީ ޓްރަމްޕްއަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ބޮޑު ބައެއް ޙިއްޞާކުރަނީ ޑިޖިޓަލް އެސެޓުތަކުން ކަމަށެވެ. ޓްރަމްޕްގެ ބައްޕާފުޅުގެ ފަރާތުން ވާރުތަވެވަޑައިގެންނެވި ރިއަލް އެސްޓޭޓް ވިޔަފާރިން ލިބޭ އާމްދަނީއަަށް ވުރެ ވެސް އިތުރަށް ޑިޖިޓަލް އެސެޓްތަކުން ޓްރަމްޕްއަށް އާމްދަނީ ލިބިވަޑައިގެންފައިވެއެވެ.
މި މަޢުލޫމާތުގެ ސަބަބުން ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑުކިޔުންތައް އަމާޒުވާ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. ޑިމޮކްރަޓުންނާއި ޓްރަމްޕްއަށް ފާޑުކިޔާ ފަރާތްތަކުން
ޓްރަމްޕް އޭނާގެ މަޤާމު އަމިއްލަ ފައިދާއަށް ބޭނުންކުރައްވާ ކަމުގެ ތުހުމަތު ކުރެއެވެ. ފޯބްސްއިން ބުނީ ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ އަހަރުގެ ތެރޭގައި އެކަނި ވެސް އޭނާގެ ޖުމްލަ މިލްކިއްޔާތު ތިން ގުނައަށް އިތުރުވެފައިވާ ކަމަށެވެ. އެ ގޮތުން އޭނާގެ މިލްކިއްޔާތު ވަނީ 2.4 ބިލިއަން ޑޮލަރުން 6 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ.
2025ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ދެވަނަ ދައުރަކަށް އެމެރިކާގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ޓްރަމްޕް ވަނީ ކްރިޕްޓޯއާ ރައްޓެހި ގިނަ ސިޔާސަތުތަކެއް އެކުލަވާލައްވައިފައެވެ. ޓްރަމްޕްގެ އަމާޒަކީ އެމެރިކާއަކީ ދުނިޔޭގެ “ކްރިޕްޓޯ ކެޕިޓަލް”އަށް ހެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ