ސިއޭޓަލް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 2) - އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ކުޅޭ ނޮކައުޓްގެ ފުރަތަމަ ބުރުގައި ފަހަތުން އަރައި ސެނެގާލް 3-2 އިން ބަލިކޮށް، ބެލްޖިއަމުން މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ.
މިއީ، ބެލްޖިއަމުން 2018 ގެ ވޯލްޑް ކަޕްގެ ފަހުން ގަދަ 16 ބުރުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕުން ބެލްޖިއަމް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މި މެޗުގެ 86 ވަނަ މިނިޓާ ހަމަ އަށް ސެނެގާލް އޮތީ ދެ ލަނޑުން ކުރީގަ އެވެ. އޭގެ ފަހުން، ތިން މިނިޓް ތެރޭ ދެ ލަނޑު ޖަހައި ބެލްޖިއަމް އިން ނަތީޖާ ހަމަހަމަކޮށް މެޗުގެ ކުޅުން އިތުރު ވަގުުތުގެ ދެ ހާފަށްގެންދިޔައީ އެވެ.
މެޗުން ބެލްޖިއަމް މޮޅުވީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު މިނިޓްގައި، ޕެނަލްޓީ އަކުން ޖެހި ގޯލުންނެވެ. މި ޕެނަލްޓީ ދިނީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގައި ހުރި މޮނީޓަރުން ވެސް ބަލައިފަ އެވެ.
މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ސެނެގާލުން ލީޑުނެގުމަށް ކުރި މަސައްކަތުގަައި، އޭރިއާތެރެއަށް ނެގި ހުރަހެއްގައި ބެލްޖިއަމްގެ ކީޕަރު، ތިބޯ ކޯޓުއާ އަތުގައި ޖެހިފައި ވެއްޓުނު ބޯޅައަކަށް އަރައި ސެނެގާލްގެ އިސްމާއިލް ސާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ސެނެގާލުން ލީޑުނެގީ 25 ވަނަ މިނިޓްގައި ހަބީބް ޑިއާރާ ޖެހި ގޯލުންނެވެ. މިއީ، ސެނެގާލްގެ ސާ ބޮލުން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ނުުކުތް ވަގުުތު ރީބައުންސަކުން ޑިއާރާ ޖެހި ގޯލެކެވެ. ބާވީސް އަހަރުގެ ޑިއާރާ އަކީ، ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރެއްގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލްޖިއަމް އަށް އެއްވަރުކޮށްދޭން އޭރިއާބޭރުން އެ ޓީމުގެ ފުލްބެކް، މެކްސިމް ޑި ކުއިޕާ ޖެހި ޝޮޓެއް ސެނެގާލްގެ ކީޕަރު، މޯރީ ޑިއޯ ވަނީ މަތަކޮށްފަ އެވެ. ޑިއޯ އަށް މެޗުތަކުގައި ކުޅުމުގެ ފުރުސަތު ލިބުނީ، ސެނެގާލްގެ އެއް ވަނަ ކީޕަރު، އެޑޮއާޑް މެންޑީ އަނިޔާގައި ހުުރުމުންނެވެ.
ސެނެގާލުން ދެ ވަނަ ހާފް ފަށައިގެން މާ ލަސްތަކެއް ނުވެ ދެ ވަނަ ލަނޑު ޖަހައި ލީޑުފުޅާކުރި އެވެ. މިއީ، 51 ވަނަ މިނިޓްގައި ސާ ޖެހި ގޯލެކެވެ. ސާ މި ލަނޑު ޖެހީ، ބެލްޖިއަމް ޑިފެންސް ފަހަތަށް އައި ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ، ސާ މި ވޯލްޑް ކަޕްގައި ޖެހި ހަތަރު ވަނަ ގޯލެވެ.
ބެލްޖިއަމުން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ 86 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ދެ ވަނަ ހާފު ފެށުނުތަނާ ބަދަލަަކަށް ކުޅެން އެރުވި ރޮމެލޫ ލުކާކޫ އެވެ. މިއީ، ތޯމަސް މުނިއޭ ނެގި ހުރަހަކަށް އަރައި ލުކާކޫ ޖެހި ގޯލެކެވެ.
ފުރަތަމަ ގޯލު ޖެހިތާ މިނިޓެއް ފަހުން ދެ ވަނަ ލަނޑު ޖަހައި، ބެލްޖިއަމުން އެއްވަރުކުރި އެވެ. މިއީ، ލެއަންޑްރޯ ޓްރޮސާޑް ނެގި ހުރަހަކަށް އަރައި، ޔޫރީ ޓީލަމަންސް ބޮލުން ޖެހި ގޯލެކެވެ. މިއީ، ސެނެގާލް ކީޕަރު، ޑިއޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ރަނގަޅު ތަަަނަށް އެރި ޓީލަމަންސް ޖެހި ލަނޑެކެވެ.
ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފަށް ބަލާއިރު، ބެލްޖިއަމުން ދެ ވަނަ ހާފުގެ ފަހުކޮޅުގައި، ކުޅުން ރަނގަޅުކުރި އެވެ. އެ ގޮތުން، އެ ޓީމުގެ ޑޯޑީ ލުކެބާކިއޯ ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ބެލްޖިއަމް މޮޅުވީ ފަހު ވަގުތު ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ ދޭން ނިންމީ ޓީލަަމަންސް އަށް ކުރި ފައުލަކަށެވެ. ވީއޭއާރް އިން އަންގައިގެން މޮނީޓަރުން ބަލާފައި ދިން މި ޕެނަލްޓީ ޓީލަމަންސް ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެެވެ.
ސެނެގާލުން އެއްވަރުކުރެވޭތޯ ކުރި މަސައްކަތުގައި މެޗުގެ އިތުރު ވަގުތުގެ ވެސް އެންމެ ފަހު ވަގުތުގައި ބެލްޖިއަމް އޭރިއާބޭރުން ޖެހުމެއް ލިބުނެވެ. އެކަމަކު، ސެނެގާލްގެ ޕާޕޭ ސާ ޖެހި ޖެހުން ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ބެލްޖިއަމުން ގަދަ 16 ބުރުގައި ކުޅޭނީ، ބޮސްނިއާ އާއި އެމެރިކާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
ހިތްދަތި ގޮތަކަށް ސެނެގާލް ކަޓައި ބެލްޖިއަމް ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ