އިތުރު ދެ ކިނބޫ ފެނިއްޖެ، ދެ ރަށުގެ ރައްޔިތުން ފާރައަށް!

ޅ. ކުރެންދު އާއި ށ. ކަނބާލި ފަރު ކައިރިން ދެ ކިނބޫ ފެނިގެން، އެ ދޭތި ހިފުމަށް ފުލުހުންނާއި ސިފައިންގެ އިތުރުން އެ ދެ ސަރަހައްދުގެ ބައެއް ރައްޔިތުން ފާރަލަމުން އެބަދެ އެވެ. ކުރެންދޫ ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ އެ ރަށް ކައިރީގައި އޮންނަ ޅޮހީ ކިޔާ ފަޅު ރަށަކަށް އިއްޔެ ދަތުރު ގޮސް އުޅުނު ބަޔަކަށް ފެނުނީ 10 ފޫޓުގެ ކިނބުލެއް ކަމަށެވެ. އެ ކިނބޫ ފެނިގެން ސިފައިންނާއި ފުލުހުން އަދި ރައްޔިތުން ގުޅިގެން އޭތި ހޯދުމުގެ މަސައްކަތް ކުރަމުން އޭނާ ވިދާޅުވި އެވެ. "ޅޮހީ އަށް ދަތުރު ދިޔަ މީހަކު ކެނޯއެއްގައި އުޅެނިކޮށް ކިނބޫ ފެނުނީ. އެ ވަގުތުން ފެށިގެން އޭތި ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެކަމަކު އަދި މިހާތަނަކަށް އެ ސޮރުގެ އެއްވެސް ހިލަމެއް ނުވޭ،" ކައުންސިލަރު ވިދާޅުވި އެވެ. އެ ކިނބުލުގެ ފާރައަށް އިއްޔެ އާއި ރޭ ވެސް ގިނަ އަދަދެއްގެ ބަޔަކު އަތިރިމަތީގައި ތިބި ކަމަށް ކައުންސިލުން ބުންޏެވެ. ކިނބޫ ހޯދަން އެމްއެންޑީއެފުގެ ލޯންޗަކުން މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ށ. ފުނަދު އާއި ކަނބާލިފަރާ ދެމެދުން ދެ ފޫޓުގެ ކނބުލެއް ފެނިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ މީހުން ކިނބުލަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ކިނބޫ ހޯދަން ވެސް އެމްއެންޑީއެފާއި ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަނީ ކިނބޫ ފެންނަމުންނެވެ. އިއްޔެ ހދ. ނޮޅިވަރަމްފަރު ކައިރިން އަށް ފޫޓުގެ ކިނބުލެއް ފެނިފައިވާ ކަމަށްވެ އެވެ. މިދިޔަ ހަފުތާގައި ހއ. ހޯރަފުށީ ކައިރިން ހިފައި ރަށަށް އަރުވަން މަސައްކަތް ކުރަނިކޮށް ވެސް ކިނބުލެއް ވަނީ ދޫވެފަ އެވެ. އެ ކިނބޫ ހޯދަން ވެސް ގިނަ މަސައްކަތްތަކެއް އެމްއެންޑީއެފާއި އެ ރަށު ރައްޔިތުން ގުޅިގެން ކުރި އެވެ. އެކަމަކު އެ ކިނބުލެއް ވެސް އަދި ނުފެނެ އެވެ. އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފައިވާ ގޮތުގައި މި ދުވަސްވަރު ގިނަ އަދަދަކަށް ކިނބޫ ރާއްޖެ އަންނަނީ އިރުވައި މޫސުމުގެ އޮއިވާލިތަކާ އެކު އިންޑި އާއި ސްރީ ލަންކާ ސަރަހައްދުން ކަމަށެވެ. ކިނބުލުގެ އިތުރުން ވެސް މި މޫސުމުގައި ކުނިތަކާއި އެ ނޫން ވެސް ތަކެތި ރާއްޖެ ސަރަހައްދަށް އޮޔާ އަންނާނެ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ. ކިނބުލެއް ފެނިއްޖެ ނަމަ އެއާ ގާތްވެ، ހިފަން މަސައްކަތްކޮށް ހެދުމަކީ ނުރައްކާއޮތް ކަމެއް ކަމަށާއި ކިނބޫ ހިފަން ޖެހޭނީ ސިފައިންނާއި ފުލުހުންނާ ގުޅިގެން ކަމަށް ވެސް އީޕީއޭ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ