އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ޑިސެމްބަރު 1 ގައި

ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަހަވާރަކޮށްލުމާގުޅިގެން ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އުނގޫފާރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްތިރުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުސްވެފައިވާ އުނގޫފާރު ދާއިރާއަށް މެންބަރަކު އިންތިހާބް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަޤާމަށް ކުރިމަތިލާ އެދޭ ފަރާތަތަކަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުމުގެ ހަމަޖެހިފައިވަނީ 2012 އޮކްޓޯބަރ 8 ވާ ހޯމަދުވަހުން ފެށިގެން 21 ވާ އާދީއްތަ ދުވަހުގެ ހަވީރު 3:00 އާއި ހަމައަށް އެކޮމިޝަނުގެ 5 ވަނަ ފަންގިފިލާއިން ކަމަށް އެކޮމިޝަނުން ބުނެއެވެ.
ސަރުކާރު ރަސްމީ ބަންދު ދުވަސް ފިޔަވައި އެހެން ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 3:00 އާއި ހަމަޔަށް ކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި ރަސްމީ ބަންދު ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 އިން ހަވީރު 4:30 އަށް ކަމަށް އެކޮމިޝަނުން ބުނެއެވެ.
ކޮމިޝަނުން ބުނިގޮތުގައި މި ބައި އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2012 ޑިސެމްބަރ 1 ވާ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން 4:00 އަށް ކަމަށާއި އަދި ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ 2012 ޑިސެމްބަރ 4 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ