ޑިއުޓީ ފްރީގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގެ ކުރިން ފޯނުތައް ލޮކަރަށް ލާން އެންގި އެންގުން ބާތިލުކޮށްފި ޑިއުޓީ ފްރީގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގެ ކުރިން ފޯނުތައް ލޮކަރަށް ލާން އެންގި އެންގުން ބާތިލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގެ މުވައްޒަފުން، ވަޒީފާއަށް ނުކުންނައިރު ފޯނު ގެނައުން މަނާކޮށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން މުވައްޒަފުންނަށް މިއަދު ފޮނުވި ނޯޓިސް ބާތިލު ކޮށްފި އެވެ.
އެމްއޭސީއެލް ގެ ބައެއް މުވައްޒަފުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ޑިއުޓީ ފްރީ މުވައްޒަފުން ތިބޭ ގްރޫޕުތަކަށް ފޮނުވި ނޯޓިސް މިހާރު ވަނީ ޑިލީޓުކޮށްލާފަ އެވެ.
ޑިއުޓީ ފްރީ މުވައްޒަފުން ތިބޭ ގްރޫޕަކަށް އެ ޑިޕާޓްމަންޓުގެ މެނޭޖަރު އަނީކާ ނަސީރު ފޮނުވި މެސެޖެއްގައި ބުނީ ޑިއުޓީ ފްރީ މުވައްޒަފުން މަސައްކަތުގެ ވަގުތު ފޯނު ބޭނުން ނުކުރެވޭނެ ކަމަށް ބުނާ އުސޫލެއް މިހާރު ނޯންނާނެ ކަމަށެވެ.
އެފަދަ އުސޫލެއް ތައްޔާރުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި މެނޭޖްމަންޓުން ނަސޭހަތްތެރިވަނީ ޑިއުޓީ ވަގުތު ވީހާވެސް މަދުން ފޯނު ބޭނުން ކުރުމަށް ކަމަށް އޭނާ ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
އެމްއޭސީއެލް އިން ކުއްލިއަކަށް މިއަދު ފޮނުވި ނޯޓިހުގައި ބުނެފައިވަނީ މިއަދުން ފެށިގެން ޑިއުޓީ ފްރީގެ ސޭލްސް ސްޓާފުން ޑިއުޓީ ގަޑީގައި ފޯނު ބާއްވަން ޖެހޭނީ ލޮކަރުގައި ކަމަށެވެ. ފޯނު ބޭނުން ކުރެވޭނީ ހަމައެކަނި ބްރޭކް ގަޑީގައި ކަމަށް ވެސް ބުނެފައިވެ އެވެ.
މި އުސޫލު ބާތިލުކޮށްފައި މިވަނީ މިކަމާ ގުޅިގެން ޑިއުޓީ ފްރީގައި މަސައްކަތްކުރާ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އެގޮތުން، ޑިއުޓީގައި ހުންނަ ގަޑީގައި ފޯނު ނެތުމުން އާއިލާ ގެ ހާލު ބެލުމަށާއި ދަރިންގެ ހާލު ބެލުމަށް ދަތިތައް ކުރިމަތިވާނެ ކަމަށާއި މިއީ އިންސާނީ ހައްގެއް ނިގުޅައިގަތުން ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެ އެވެ. އެ މީހުން މި ޝުއޫރުތައް ފާޅުކޮށްފައިވަނީ ޑިއުޓީ ފްރީ މުވައްޒަފުންގެ ވައިބާ ކޮމިއުނިޓީ ގްރޫޕެއްގަ އެވެ.
ބައެއް މުވައްޒަފުން ވަނީ މިފަދަ ދަތިކަމެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ، އުސޫލު ބަދަލު ނުކުރާހާ ހިނދަކު ދެކޮޅަށް އަޑުއުފުލާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ