ގުއާމުން ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުގެ މައްޗަށް ކުރިހޯދައިފި ގުއާމުން ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުގެ މައްޗަށް ކުރިހޯދައިފި

އަންނަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށްދާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ދެ ވަނަ މެޗުން މިއަދު ގުއާމް އަތުން 3-0 އިން ބަލިވެއްޖެ އެވެ.
މިއީ، ބައިނަލްއަގުވާމީ އަންހެން ފުޓްބޯޅައިގައި ގުއާމާއި ރާއްޖޭގެ ފުރަތަމަ ކުރިމަތިލުމެވެ. އެމެރިކާގެ ކުޅުންތެރިން ހިމެނޭ ގުއާމަކީ ދުނިޔޭގެ ރޭންކިންގެ 97 ވަނަ އެވެ. އަދި، ރާއްޖެ އޮތީ، 163 ވަނައިގަ އެވެ.
ވިއެޓްނާމްގައި ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖޭން ފުރަތަމަ ނުކުތީ މި ގްރޫޕްގެ ފޭވަރިޓް، ވިއެޓްނާމާ ދެކޮޅަށެވެ. އެންމެ ފަހުން އޮތް ފީފާ ވޯލްޑް ކަޕްގައި ކުޅެފައިވާ ވިއެޓްނާމް އަތުން ރާއްޖެ ބަލިވީ 7-0 އިންނެވެ. އެންމެ ފަހުން، 2022 ވަނަ އަހަރު، ރާއްޖެ އަތުން ވިއެޓްނާމް 16-0 އިން ރާއްޖެ ބަލިކުރުމުން، ކޯޗު މުހައްމަދު އާތިފް (އާތީ)އާ އެކު، ދޮޅު މަހު ޕްރެކްޓިސްކޮށް ރާއްޖޭން ހޯދި ކާމިޔާބީ ގިނަ ބަޔަކު ފާހަގަކުރި އެވެ.
ގުއާމުން މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި ގުއާމްގެ ޓްރޫ ޓައިޑާސްކޯ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު، އައިމިނަތު ލީޒާ ވަނީ މަތަކޮށްފަ އެވެ.
ގުއާމްގެ ގިނަ ޝޮޓްތަކެއް މި މެޗުގައި ދިފާއުކުރި ލީޒާ ކޮޅަށް، މެޗުގެ ފުރަތަމަ ގޯލު ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓްގަ އެވެ. މި ލަނޑު ޖެހީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުން، ރެބެކާ ބާޓޯޝް އެވެ.
ދެ ވަަނަ ހާފު ފަށައިގެން 11 މިނިޓް ތެރޭ ބާޓޯޝް ވަނީ ގުއާމްގެ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ. މިއީ ރީބައުންސަކުން ޖެހި ގޯލެކެވެ. އަދި، މެޗުގެ 76 ވަނަ މިނިޓްގައި ބާޓޯޝް ހެޓްރިކް ފުރިހަމަކުރީ ހުރަހަކުން ނެގި ބޯޅައެއް ގޯލަށް ވަނުމުންނެވެ. ބާޓޯޝް އަކީ އެމެރިކާގެ އަންހެން ފުޓްބޯޅަ މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިއެކެވެ.
ކޮލިފައިން ފަހު މެޗުގައި، ރާއްޖޭން އަންނަ ހޮނިހިރު ދުވަހު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ ދެކޮޅަށް ކުޅޭނެ އެވެ. ޔޫއޭއީ އިން ފުރަތަމަ މެޗުގައި، ގުއާމާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެ ވަނަ މެޗުގައި މިރޭ ވިއެޓްނާމާ ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ