ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތިމާވެށި ރައްކާތެރިކުރުމުގެ އާ ޕްރޮގްރާމް، އީއެންވީ ޕީއޯއެސްގެ ދަށުން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ޕާލޭ މޯލްޑިވްސްއާ އެކު ގުޅިގެން މަސައްކަތްކުރުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ތަފްސީލް - އީއެންވީ ޕީއޯއެސްގެ ދަށުން، ބީއެމްއެލްގެ ކާޑު މެޝިންތަކުން ކުރެވޭ ކޮންމެ މުއާމަލާތަކަށް، ކަސްޓަމަރު އަދި ވިޔަފާރިވެރިންގެ އަތުން އެއްވެސް އަދަދެއް ނެގުމެއް ނެތި، ބޭންކުގެ އާމްދަނީން ވަކި މިންވަރެއް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ހޭދަކުރަން ވަނީ ނިންމާފަ އެވެ.
އީއެންވީ ޕީއޯއެސްގެ ދަށުން، ޕާލޭގެ 'އެވޮއިޑް. އިންޓަސެޕްޓް. ރީޑިޒައިން' ސްޓްރެޓެޖީގެ ތެރެއިން، ޕްލާސްޓިކް ކުނި ޖަރުމަނާއި ޓައިވާން އަދި މެލޭޝިއާއަށް ރީސައިކަލް ކުރުމަށް ފޮނުވުމުގެ މަސައްކަތުގައި ބީއެމްއެލް އިން ޕާލޭއަށް އެހީތެރިވެދޭނެ އެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ކަނޑަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ ތަނަކަށް ވިޔަސް، ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކަށް ނުރައްކާވަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.
"ކަނޑުތައް ރައްކާތެރިކުރުމަށާއި ޕްލާސްޓިކްގެ ބޭނުން މަދުކުރުމަށާއި ތަކެތި އުފެއްދުމުގެ ކުރިމަގު ބަދަލުކުރުމަށް ޕާލޭން ކުރާ މަސައްކަތަށް އެހީތެރިވެ، ބަދަލެއް ގެނައުމަށް ޕާލޭއާ އެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާމެދު އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން،" ޝަރީފް ވިދާޅުވި އެވެ.
"މި ބައިވެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، އަޅުގަނޑުމެންގެ އާ ބޭންކް ކާޑުތައް ރާއްޖޭން ބޭރުކުރާ ޕްލާސްޓިކުން ތައްޔާރުކުރާ ޕާލޭ އޯޝަން ޕްލާސްޓިކުން އުފެއްދުމަށް ވެސް އަޅުގަނޑުމެން މި ދަނީ ތައްޔާރުވަމުން."
ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ ވިދާޅުވީ ކަނޑުގެ ވެށްޓަށް މުހިންމު ބަދަލެއް ގެނައުމަށާއި ކަނޑަށް އަޅާ ޕްލާސްޓިކް އިންޓަސެޕްޓް ކުރުމަށް ޕާލޭން ކުރާ މަސައްކަތް ފުޅާކުރުމަށް ބީއެމްއެލްއާ އެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާ މެދު އުފާކުރައްވާ ކަމަށެވެ.
"މި ބައިވެރިވުމަކީ ރާއްޖެ ދެމެހެއްޓެނިވި ނެޓް-ޒީރޯ މުސްތަގުބަލަކާ ދިމާއަށް ގެންދިއުމުގެ ހަރަކާތަށް ބާރު ލިބިގެންދާނެ ކަމެއްކަން އަޅުގަނޑަށް ޔަގީން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއިން ކަނޑުތައް ހިމާޔަތްކުރުމަށް ޕާލޭއާ ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ