އިސްރާއީލުން ޣައްޒާ ހޮސްޕިޓަލުގެ ޑިރެކްޓަރާއި އާއިލާ ޝަހީދުކޮށްލައިފި
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގައި ޣައްޒާ ސިޓީގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މަރްވާން ސުލްތާނާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން ޝަހީދުކޮށްލައިފިއެވެ. ފަލަސްތީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އޭނާ ޝަހީދުކޮށްލާފައި ވަނީ ޣައްޒާ ސިޓީގައި ހުންނަ އޭނާގެ ގެއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ކަމަށެވެ. ޑރ ސުލްތާނަކީ ސިއްޚީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، އެއީ އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތައް ކުށްވެރި ކުރައްވާ ބޭފުޅެއްކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާ ސިޓީ ސަރަހައްދުގައި ހަމާސްގެ "މުހިއްމު ޓެރަރިސްޓަކަށް" ހަމަލާދީފައިވާ ކަމަށާއި އެ ހަމަލާގެ ސަބަބުން އާންމުންނަށް އަނިޔާ ލިބިފައިވާ ކަމަށް ބުނާ ވާހަކަތައް ބަލަމުންދާ ކަމަށެވެ. އިސްރާއީލުން އެގޮތަށް ބުނި ނަމަވެސް ޑރ ސުލްތާންގެ އަންހެން ދަރިފުޅު ލުބްނާ އަލް ސުލްތާން ބުނި ގޮތުގައި އެފް-16 މިސައިލެއް އަމާޒުކޮށްފައި ވަނީ ސީދާ ޑރ ސުލްތާނުގެ ކޮޓަރިއަށެވެ. "މިސައިލު ހަމަލާ އަމާޒުކުރި ބައްޕަގެ ކޮޓަރި ފިޔަވައި އެ ގޭގެ އެހެން ކޮޓަރިއަކަށް އެއްވެސް ގެއްލުމެއް ނުލިބުނު. އެ ގޭގައި ބައްޕަ ޝަހީދުވީ،" އެސޯސިއޭޓެޑް ޕްރެސްއަށް ދިން އިންޓަވިއުއެއްގައި ލުބްނާ ބުންޏެވެ. އާންމުންނަށް އެންމެ ދަތި އުނދަގޫ ހާލަތްތަކުގައި ވެސް ޑރ ސުލްތާނަކީ އޯގާތެރިކަމާއި ސާބިތުކަމާއި އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވި ބޭފުޅެއް ކަމަށް ސިއްޙީ ވުޒާރާއިން ބުނެއެވެ. ޚާން ޔޫނިސްގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ޓެންޓަކަށް ދިން ހަމަލާގައި އެ ސަރަހައްދު އެއްކޮށް ސުންނާފަތިކޮށްލާފައި. ފޮޓޯ/ރޮއިޓަާސް އިންޑޮނޭޝިއާ ހޮސްޕިޓަލަކީ އިސްރާއީލުން ތަކުރާރުކޮށް ހަމަލާ ދިނުމުން އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ލިބުމުގެ ސަބަބުން ޚިދުމަތް ދިނުން ހުއްޓާލާފައިވާ ހޮސްޕިޓަލެކެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އެ މީހުން ހަމަލާ ދެނީ އެ ސަރަހައްދުގައި ހުރި ޓެރަރިސްޓް އިމާރާތްތަކަށެވެ. ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުތުރުގައި ޚިދުމަތް ދެވޭ ހާލަތުގައި ހުރި އެއްވެސް ހޮސްޕިޓަލެއް މިހާރު ނެތެވެ. ސިއްޙީ ވުޒާރާއިން ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާ ދެނީ ސިއްޙީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޓީމްތަކަށް އަމާޒުކޮށްގެން ކަމަށް ތުހުމަތުކޮށްފައެވެ. ޣައްޒާއިން ފާއިތުވި، 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގައި މަދުވެގެން 139 މީހުން މަރުވެފައިވާ ކަމަށް ސިއްޙީ ވުޒާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ