ބ. އޭދަފުށީ ކައުންސިލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަނޑައެޅިފައިވާ ލިމިޓެއް ނެތި އިތުރު ގަޑީގެ (އޯވަ ޓައިމް ނުވަތަ އޯޓީ) ފައިސާ ދެމުން ގޮސްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހާމަކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އޭދަފުށީ ކައުންސިލުގެ ކޮމްޕްލަޔަންސް އޮޑިޓުގައި، އޮޑިޓަރުން ބުނެފައިވާ ގޮތުގައި އޭދަފުށީ ކައުންސިލުގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރަމުން ދިޔައީ ސިވިލް ސާވިސްގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށެވެ.
ސިވިލް ސާވިސް ގަވާއިދުގައި އޮންނަނީ، އިތުރު ގަޑީގައި ކުރާ މަސައްކަތަކީ އެތަނެއްގެ ޒިންމާދާރުވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ހުއްދަ ލިބިގެން ކުރާ މަސައްކަތަކަށް ވާން ޖެހޭ ކަމަށެވެ. ނަމަވެސް އޭދަފުށީ ކައުންސިލުގެ މުވައްޒަފުންނަށް އިތުރު ގަޑީގައި މަސައްކަތް ކުރަން އެ އިދާރާގެ އިސްވެރިޔަކު ހުއްދަ ދީފައިވާކަން ލިޔެކިޔުމަކުން އެނގެން ނެތް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައި ވެ އެވެ.
ހުއްދަ ނުހޯދާ މަސައްކަތް ނުކުރެވޭ ގޮތަށް އުސޫލުތައް ހެދީ، އިތުރު ގަޑީގައި އޮފީހަށް ނިކުމެ ކޮންމެހެން މަސައްކަތް ކުރަން ނުޖެހޭ ގަޑިތަކަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް މަގުފަހިވެ، ރަސްމީ ގަޑީގައި މުވައްޒަފުންނަށް ކުރެވެން ހުންނަ މަސައްކަތް ނުކޮށް އިތުރު ގަޑީގައި އެ މަސައްކަތް ކުރަން ޖެހޭ ގޮތަށް އަމަލުކުރުން ހުއްޓުވުމެވެ.
އޭދަފުށީ ކައުންސިލުން 2023 ގައި އެ އިދާރާގައި މަސައްކަތް ކުރާ 34 މުވައްޒަފަކަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި 530،335ރ. ދިނެވެ. އޮޑިޓު ރިޕޯޓުގައި ބުނީ ބައެއް މުވައްޒަފުންނަށް އަސާސީ މުސާރަ އާއި އިނާޔަތްތަކުގެ 86 ޕަސެންޓާ އެއްވަރުގެ ފައިސާ ހަމައެކަނި އޯޓީ އެލަވަންސުގެ ގޮތުގައި ދީފައިވާ ކަމަށެވެ.
"ރަސްމީ ގަޑިތަކުގެ އިތުރުން މުވައްޒަފުން އޮފީހަށް ނިކުމެ މަސައްކަތް ކުރުމުން އިތުރު ގަޑީގެ ފައިސާ ދިނުމަށް ވަކި ލިމިޓެއް ކަނޑައަޅާފައި ނުވާ ނަމަ އިތުރު ގަޑީގައި މަސައްކަތް ކުރުމަށް އޮންނަ ފުރުސަތުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފުމަށް މަގުފަހިވެ އިތުރު ގަޑީގެ ފައިސާ ދިނުމަށް ކައުންސިލުން ކުރަން ޖެހޭ ހޭދަ އިތުރުވެގެން ދާނެ ކަން ފާހަގަކުރެވޭ،" ރިޕޯޓުގައި ބުނެފައި ވެ އެވެ.
މިކަން އިސްލާހުކުރުމުގެ ގޮތުން އޮޑިޓަރުން ވަނީ ވެރިންގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު މަސައްކަތް ކުރަން ލަފާދީފަ އެވެ. އަދި ގަވާއިދުގައި އޮންނަ ގޮތަށް އިތުރުގަޑީގައި ކުރާ މަސައްކަތް ބަރާބަރަށް ލޮގުކޮށް، ލޮގުކޮށްފައިވާ ގަޑިތަކުގައި ހަގީގަތުގައި ވެސް މަސައްކަތް ކުރިތޯ ބަލައި، އެއީ ރަސްމީ ގަޑީގައި ނިންމާނުލެވޭ ފަދަ މަސައްކަތެއްތޯ ބަލައި އެކަން ޔަގީންކުރުމަށް ފަހު އިތުރު ގަޑީގެ ފައިސާ ދޭން ވެސް ލަފާދީފައި ވެ އެވެ.
އިތުރު ގަޑީގެ ފައިސާއާ ގުޅިގެން އޮޑިޓަށް ވަނީ، އެއް މުވައްޒަފަކަށް އިތުރަށް ފައިސާ ދިން ކަން ވެސް ފާހަގަކުރެވިފަ އެވެ. މި ގޮތަށް މުވައްޒަފަށް ފައިސާ ލިބުނީ، މަސައްކަތް ކުރި ގަޑީގެ ބަދަލުގައި މުވައްޒަފު މަސައްކަތް ފެށި ގަޑި އާއި ނިންމި ގަޑީގެ ގޮތުގައި ލިޔެފައިވާ ގަޑިއަށް ރިއާޔަތްކޮށްގެން އިތުރު ގަޑީގެ އެލަވަންސް ހިސާބުކުރުމުން ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.
އޭގެ އިތުރުން، ރަސްމީ ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާ ގަޑިތަކަށް ބަންދު ދުވަހުގެ ރޭޓުން ފައިސާ ދީފައިވާ ކަމަށާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާ ދުވަސްތަކަށް ރަސްމީ ދުވަސްތަކުގެ ރޭޓުން އިތުރު ގަޑީގެ އެލަވަންސް ހިސާބުކޮށްފައިވާ ކަމަށް ވެސް އޮޑިޓަރުން ފާހަގަކޮށްފައި ވެ އެވެ.
މި މައްސަލަ ހައްލުކުރަން ވެސް އޮޑިޓަރުން ދިން ލަފައަކީ، މަސައްކަތް ކުރިތޯ ކަށަވަރު ކުރުމެވެ. އަދި ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ފައިސާ ދީފައިވާ މުވައްޒަފުގެ އަތުން އެ ފައިސާ އަނބުރާ ހޯދަން ވެސް އޮޑިޓަރުން ލަފާ ދީފައި ވެ އެވެ.
އޭދަފުށީ ކައުންސިލު މުވައްޒަފުންނަށް އޯޓީ ލިމިޓެއް ނެތް، މުސާރައިގެ %86 ދީފައި އެބަހުރި އޭދަފުށީ ކައުންސިލު މުވައްޒަފުންނަށް އޯޓީ ލިމިޓެއް ނެތް، މުސާރައިގެ %86 ދީފައި އެބަހުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ