މަހުޒޫމް އާއި ޝިމަންގެ މައްޗަށް ދައުވާކޮށްފި

މިދިޔަ 18 އޭޕްރީލްގައި ހ. މީޓާޒުގޭ ގުދަނުގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާކޮށްފި އެވެ.ޒުވާނުންގެ މުޒާހަރާގެ ތެރެއިން މަހުޒޫމް އާއި ޝިމަން ހައްޔަރުކޮށް ތިން ދުވަހަށް ބަންދުވެސް ކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ ދެ ޒުވާނުން ދޫކޮށްލާފަ އެވެ.ޕީޖީ އޮފީހުން ބުނީ މަހުޒޫމްގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ކުރުމުގެ ދައުވާ ކަމަށާއި މި ދައުވާ އުފުލާފައިވަނީ މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީ ކަމަށެވެ. އަދި ޝިމަންގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.ސިލްސިލާ ގޮތެއްގައި ޒުވާނުން މާލޭގައި ކުރި މުޒާހަރާ އަކީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ