ރައީސް މުހައްމަދު މުއިއްޒު ބޭރު ގައުމުތަކުގައި އިންވެސްޓަރުން ހޯއްދެވުމަށް ފޯރަމްތައް ބޭއްވި ނަމަވެސް ބޭރުގެ އިންވެސްޓަރުން މި ސަރުކާރުގެ ފިސްކަލް ޕޮލިސީ އަދި އިގުތިސޯދީ ސިޔާސަތުތަކަށް ތާއީދުނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރައީސް މި ފަހުން ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި އިންވެސްޓަރުންގެ ފޯރަމެއް ބޭއްވި އެވެ. އޭގެ ކުރިން ދުބާއީ އާއި އެހެން ބައެއް ގައުމުތަކުގައި ވެސް އިންވެސްޓަރުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވެ އެވެ.
ޔާމީން އެ ފޯރަމްތަކަށް ފާޑުވިދާޅުވީ، މިރޭ އެ މަނިކުފާނު ހިންގަވާ ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ ރާއްޖޭގެ ސަރުކާރުގެ 'ހަގީގީ' ސިޔާސަތުތަކާއި ރާއްޖޭގެ މާލީ ހާލަތު ބޭރުގެ އިންވެސްޓަރުން ގާތުން ބަލަމުންދާނެ ކަމަށެވެ. ހާއްސަކޮށް ސިންގަޕޫރަކީ ރާއްޖޭގެ ހާލަތު އަދި ވިޔަފާރީގެ މާހައުލު ވަރަށް ރަނގަޅަށް ދަންނަ ވިޔަފާރިން އުޅޭ ގައުމެއް ކަމަށް، ޔާމީން ވިދާޅުވި އެވެ.
"ސިންގަޕޫރަކީ ރާއްޖޭގެ އިންވެސްޓްމަންޓް އަދި އިމްޕްލިކޭޝަން ވެއްޓަށް ވަރަށް ފަރިތަ ބައެއް. އެ މީހުނަށް އެނގޭނެ ރާއްޖޭގެ ހާލަތު ވަރަށް އެނގޭ. އެ ތަނަށް ގޮސް އަދި އިންވެސްޓަރުން އަންނާށޭ ބުންޏަށް އެ ގައުމަކުން ނާންނާނެ އިންވެސްޓަރުންނެއް މި ތަނަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖެ މި އޮތީ އިންވެސްޓް ކުރެވޭ ވަރުގެ ހާލަތަކު ނޫން ކަމަށެވެ. އިގުތިސޯދު ރަނގަޅު ކުރުމަށް ކުރަން ޖެހޭ ގިނަ ކަންކަން ކުރީ ގައުމުގެ އެތެރެއިން ކުރަން ޖެހޭ ކަންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ކުރިން އިންވެސްޓަރުން ހޯދަން ފޯރަމް ބޭއްވިޔަސް އިންވެސްޓަރުން ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ މި އޮތީ އިންވެސްޓްމަންޓަށް އެޓްރެކްޓް ކުރެވޭ ހާލަތުގައެއް ނޫން. އަޅުގަނޑުމެންގެ އެތެރެ ރަނގަޅުކޮށްފައި، އައިބަކާ ނުލައި މި ކަހަލަ ވާހަކަ ދެކެވޭ ވަރަށް އަޅުގަނޑުމެންގެ އިގުތިސޯދު ހަރުދަނާވީމައި ދެން ނުކުމޭ [ބޭރު ގައުމުތަކަށް އިންވެސްޓަރުން ހޯދަން]،" ޔާމީން ވިދާޅުވި އެވެ.
އިގުތިސޯދު ހިންގުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވެސް ބޭރުގެ އިންވެސްޓަރުން ތާއީދުނުކުރާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންގެ ސިސްޓަމް އައިސީޔޫގައި. ސިސްޓަމް އައިސީޔޫގައި އޮއްވައި މި ގޮސް ބުނަނީ އަންނާށޭ ސިސްޓަމްގައި އައިސިންނާއި ކްރީމް ހާކައިދޭށޭ،" ޔާމީން ވިދާޅުވި އެވެ.
"މިހާރު މި އޮތް ސަރުކާރުގެ ފިސްކަލް ޕޮލިސީއަކަށް ބޭރު މީހުން ތާއީދެއް ނުކުރެއޭ. މި ތަނުގައި މި އޮތީ އަރަމުން އަރަމުން އަންނަ ބޮޑު ޑެފިސިޓެއް. ބޭރުގެ ދަރަނި އެހާ ބޮޑު،" އިންވެސްޓަރުން ނުލިބޭނެ ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވަމުން ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ ފިސްކަލް ޕޮލިސީއަށް ބޭރުގެ އިންވެސްޓަރުން ތާއީދެއް ނުކުރޭ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ