ދަރަނި ބޮޑުވެ އެމްއެމްޕީއާރުސީ ބަނގުރޫޓުވުމުގެ ބިރު ބޮޑުވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގްވާމީ ދުނިޔެއަށް އިޝްތިހާރުކުރާ، ސަރުކާރުގެ ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބަނގުރޫޓުވުގެ ބިރު އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން ބުނެފިއެވެ. އެމްއެމްޕީއާރްސީއާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދިރާސާކުރުމަށްފަހު ކޮމިޓީން މިދިޔަ އާދިއްތަ ދުވަަހު ނެރުނު ރިޕޯޓުގައިވަނީ އެމްއެމްޕީއާރްސީގެ ގިއަރިން ރޭޝިއޯތައް ކަމުގައިވާ ޑެޓް ޓު އިކުއިޓީ ރޭޝިއޯއާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯ ހުރީ މައިނަސް ޢަދަދުތަކެއްގައި ކަމަށެވެ. މިކަމުން ދޭހަވަނީ ކުންފުނީގެ ދަރަނިތައް ކުންފުނީގެ އެސެޓްތަކަށްވުރެ ގިނަކަން ކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ. ޑެޓް ޓު އިކުއިޓީ ނުވަތަ ދަރަންޏާއި އިކުއިޓީގެ ނިސްބަތަކީ ކުންފުންޏެއްގެ މާލީ އޮނިގަނޑު މިންކުރުމަށް ބޭނުންކުރާ މިންގަނޑެކެވެ. މިއީ ކުންފުނީގެ ޖުމްލަ ދަރަނި (ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ދަރަނިތައް) ހިއްސާދާރުންގެ އިކުއިޓީ (އެސެޓްތަކުން ދަރަނިތައް އުނިކުރުމުން އަންނަ) އަދަދަށް ބަހައިގެން ހޯދާ ނިސްބަތެކެވެ. އެ އަދަދުތައް ހުރީ މައިނަސްގައިކަމުން އެއީ ކުންފުނީ ބަނގުރޫޓުވުމުގެ ނުރައްކާ އޮތްކަން އަންގައިދޭ ކަމެއް ކަމަށް ކޮމިޓީން ބުންޏެވެ. އަދި ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކުރަން ޖެހޭކަން އަންގައިދޭ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން ކުންފުނީގެ މައިގަނޑު ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު ދެއްކުމަށް ވެސް ސަރުކާރަށް ބަރޯސާވާން ޖެހޭކަމާއި، މިއީ ކުންފުންޏަކީ އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ހެދުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހިފައިވާކަން އެނގޭ ކަމެއް ކަމަށް ވެސް ރިޕޯޓުގައިވެއެވެ. https://sun.mv/122197 މި ސަރުކާރުން އުވައިލަން ނިންމި، އެމްއައިޓީޑީސީއާ ގުޅޭ ގޮތުން އެ ކޮމިޓީގެ ރިޕޯޓުގައިވަނީ، އެ ކުންފުންޏަކީ އުފެދުނު ދުވަހުން ފެށިގެން ވެސް ގޯސްކޮށް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ޚާލިދު: އެމްއައިޓީޑީސީ އުވާލަން ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ/ އެމްއައިޓީޑީސީ އަދި އެއީ ވެސް ދައުލަތުގެ ބަޖެޓުން, ބޮޑު ޚަރަދެއް ކުރަންޖެހޭ ކުންފުންޏެއް ކަމަށް ރިޕޯޓުގައިވެއެވެ. އެހެންވެ އެ ކުންފުނި އުވާލުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމާއި ފިސްކަލް ރިފޯމާ ވެސް ގުޅޭ މުހިންމު ނިންމުމެއްކަމަށް ރިޕޯޓުގައިވެއެވެ. އެމްއައިޓީޑީސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ވެސް މި ކުންފުނި އުވައިލުމާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްތަކެއް ކުރެވުނެވެ. ނަމަވެސް ނިމިދިޔަ ވެރިކަމުގައި އެ ކަން ކުރެވޭ ގޮތެއް ނުވިއެވެ. މިދިޔަ ސަރުކާރުގައި އެމްއައިޓީޑީސީ ހިންގަން ތިބި ވެރިން ސިފަކޮށްފައިވާ ގޮތުގައި، ކުންފުނި އުފެއްދި، ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއައިޓީޑީސީއަކީ ވައްކަމާއި ޚިޔާނާތުގެ ބޮޑެތި ޖަރީމާ ހިންގި ތަނެކެވެ. އެގޮތުން 2019ވަނަ އަހަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ރާއީދު މުހައްމަދު ރާއިދު ވިދާޅުވީ އެމްއައިޓީޑީސީ ވެފައި އޮތީ ޓުއަރިޒަމް މިނިސްޓްރީން މަނީ ލޯންޑާކުރަން ބޭނުން ކުރި ކުންފުންޏެއް ގޮތުގައި ކަމަށެވެ. ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް ހުރި ކުންފުނިތައް އުވައިލުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިގްތިޞާދީ އެެޖެންޑާގައި ހިމެނޭ ކަމެކެވެ. އެ ވިސްނުމާ އެއްގޮތަށް ސަރުކާރު ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ގެންދަނީ ސަރުކާރު ކުންފުނިތަކުގެ ވެރިން ހާޒިރުކޮށް، ކުންފުނިތަކުގެ ހިންގުމާ ގުޅޭ މައުލޫމާތު ސާފުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ