ރިޕޯޓް ލިބުނުހާ އަވަހަކަށް އަލީ ޝިިފާންގެ މަރުގެ މައްސަލަ އިސްތިއުނާފު ކުރާނަން: ޕީޖީ
މިދިޔަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު މ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލަ ކްރިމިނަލް ކޯޓުން ނިންމި ގޮތުގެ ރިޕޯޓް ލިބުނުހާ އަވަހަކަށް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޕީޖީ ވިދާޅުވީ ރިޕޯޓަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އެއަށް ވުރެ އިތުރު ތަފުސީލެއް މުއިއްޒު ނުދެއްވަ އެވެ. ޝިފާންގެ މަރުގެ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާއިރު މިދިޔަ މާޗް 20 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން އެއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފަ އެވެ. އޭނާ އެންމެ ފަހުން މި މަހު ވެސް ވިދާޅުވެފައި ވަނީ އެ މައްސަލަ އިސްތިއުނާފު ކުރަން ޖެހޭ ކަމަށާއި އެއީ ވަރަށް ގިނަ ހެކި ހުރި އަދި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުވާނެ ވަރަށް ހެކި ހުރި މައްސަލައެއް ކަމަށެވެ. ފުލުހުންގެ އިސް އޮފިޝަލަކު ރޭ ވިދާޅުވެފައި ވަނީ ޝިފާންގެ މަރުގެ މައްސަލަ އިސްތިއުނާފު ކުރުން ލަސްވަނީ ދަށު ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ނުލިބިގެން ކަމަށް ޕީޖީ އޮފީހުން ބުނާ ކަމަށެވެ. ޝިފާނަށް ހަމަލަދީ މަރާލިކަމުގެ ދައުވާ އުފުލި މީހުންގެ ތެރޭގައި ހިމެނޭ ދަފްތަރު 2193 މުހަންމަދު ޝައިފަނަށް މިހާރު މާލޭގައި ކުރިއަށްދާ ސިލްސިލާ މާރާމާރީތަކުގައި މިދިޔަ ހުކުރު ދުވަހު ވަނީ ވަޅިން ހަމަލަދީފަ އެވެ. އޭނާގެ ޑީއެންއޭއާ ޝިފާންގެ ޑީއެންއޭއާ ވަނީ ދިމާވެފަ އެވެ. ޝިފާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރީ ޝައިފަންގެ އިތުރުން ޅ. ކުރެންދޫ މާފަހި މުހަންމަދު އާސިފާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހުމާނާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒު އަދި މ. ސިލްވަނެތް މުހަންމަދު ވިޝާން އަބްދުލް ހާދީގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ޝިފާންގެ މަރުގެ މައްސަލާގައި ހެކި ބަސް ދިން ހުރިހާ ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އަދި ހެކިވެރިން ޝަރީއަތުގައި ހެކިބަސް ދީފައި ވަނީ ވެސް އެ މީހުން ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައިވާ ވާހަކަތަކާ ފުށުއަރާ ގޮތަށް ކަމަށް ވާތީ އެ ހެކިވެރިންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ