ގާނޫނު އަސާސީގެ ދިފާއުގައި ނުކުންނަ ބަޔަކު އެއަށް އިހްތިރާމް ކުރަންޖެހޭ: މައުމޫން

ގާނޫނު އަސާސީ ހިމާޔަތްކޮށް އޭގެ ދިފާއުގައި ނުކުންނަ ބަޔަކީ ގާނޫނު އަސާސީގެ ހުރިހާ މާއްދާއަކަށް ފުރިހަމައަށް ބޯލަނބާ ބަޔަކަށް ވާންޖެހޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާއި އެމްޑީއޭ ގުޅިގެން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ގާނޫނު އަސާސީ ދިފާއުކުރުމާ ހިމާޔަތްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު މަގުސަދެއް ކަމަށެވެ.
"މިސާލަކަށް އިސްލާމްދީން ހިމާޔަތްކޮށް އިސްލާމްދީނުގެ ދިފާއުގައި ނުކުންނަބަޔަކު ވާންޖެހޭނީ ތެދުވެރި ހަގީގީ މުސްލިމުންނަށް. ހަމަ އެގޮތަށް ގާނޫނު އަސާސީ ހިމާޔަތްކުރަން ނުކުންނަ ބަޔަކު ވެސް ވާންޖެހޭނީ ގާނޫނު އަސާސީ އަށް ފުރިހަމައަށް އިހުތިރާމް ކުރާ ބަޔަކަށް. އޭގައިވާ ގޮތަށް ކަންތައްތައް ކުރާ ބަޔަކަށް. އަދި އެނޫން ބަޔަކު ގާނޫނު އަސާސީ ހިމާޔަތް ކުރަން ނުކުތުމަކީ ދެކޮޅުނުޖެހޭ ކަމެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ މަގުމަތިން ސަރުކާރު ބަދަލުކުރަން ގޮވާ ބަޔަކު ނުވަތަ ސަރުކާރު ވައްޓާލުމަށް ގޮވާ ބަޔަކު، ނުވަތަ ޖާނުން ފިދާ ވުމުގެ ހަމަލާތަކެއް ދިނުމަށް ގޮވާ ބަޔަކަށް ގާނޫނު އަސާސީ ހިމާޔަތް ނުކުރެވޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މަގުމަތިން ސަރުކާރު ބަދަލުކުރާ ވާހަކަ އާއި ސަރުކާރު ވައްޓާލާ ވާހަކައެއް ގާނޫނު އަސާސީގައި ނޯންނާނެ ކަމަށާއި އެއީ "ގާނޫނު އަސާސީގައި ނެތް ލަފްޒެއް" ކަމަށެވެ. އަދި އަމުދުން ޖާނުން ފިދާވުމުގެ އަމަލު ގާނޫނު އަސާސީގައި ނެތް ކަމަށާއި އެގޮތަށް ވާހަކަ ދައްކާ ބަޔަކު ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ ނުކުތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ގާނޫނު އަސާސީގެ ދިފާއުގައި ވާހަކަދައްކާ ބަޔަކު ސަރުކާރު ވައްޓާލާނަމޭ ނުވަތަ ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭނަމޭ ނުބުނާށޭ. އެއީ ގާނޫނުގައި އޮންނަ ލަފްޒެއް ނޫނޭ. ގާނޫނު ތަންދޭ ގޮތެއްގެ މަތިން ތިބޭފުޅުން މަސައްކަތް ކުރައްވާށޭ. މިހާރު ހުންނެވި ރައީސާމެދު ތިބޭފުޅުން ރުހިވަޑައި ނުގަންނަވަންޏާ ގާނޫނުގެ 100 ވަނަ މާއްދާގަ ބުނެފައި އެބަ އޮތް ކަން ކުރަންވީ ގޮތް. އެގޮތައް ކަން ކުރައްވާށޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމްޑީޕީ އާއި ޖޭޕީ ކުރަމުންދާ މުޒާހަރާގެ ބައިވެރިންނަށް މައުމޫން ގޮވާލެއްވީ ރައްޔިތުންނަށް ދަތިވާގޮތައް ކަންތައް ނުކުރެއްވުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރަން ބޭނުންފުޅުނަމަ ގާނޫނު އަސާސީގެ 100 ވަނަ މާއްދާއާ އެއްގޮތަށް އަމަލު ކުރެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވި އެވެ.
ގާނޫނު އަސާސގެ 100 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުން ފާސްކުރާ ގަރާރަކުން ކަމަށެވެ. އެމާއްދާގައި ބުނެފައިވާ ގޮތުން އެ ގަރާރު ހުށަހެޅޭނީ މަޖިލިހުގެ ތިންގައިކުޅަ ދެބައި އަގުލަބިއްޔަތު ލިބިގެންނެވެ. އަދި އެގަރާރު ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ