ފަރުވާއަށް ހާޒިރުކުރުމަށް ޑްރަގް ކޯޓުން ޙުކުމް ކޮށްފައިވާ މީހަކު މަސްތުވާ ތަކެއްޗާ އެކު ހައްޔަރުކޮށްފި

ފަރުވާއަށް ދިއުމަށް ޑްރަގް ކޯޓުން ޙުކުމް ކޮށްފައިވާ މީހަކު މަސްތުވާ ތަކެއްޗާ އެކު ހުޅުމާލެ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު 17:30 އެހާކަންހާއިރު ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލެ، 55 ނަންބަރު ފްލެޓް ކައިރިން ހިނގާފައި ދަނިކޮށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި "ލަންޑަން ޑްރައި ޖިން" ފުޅިއެއް އޭނާ ލައިގެން ހުރި ޖީންސް ތެރެއިން ފެނިފައިވާ ކަމަށާއި އަދި އޭނާ ލައިގެން ހުރި ޖީންސްގެ ކުރިމަތިފަރާތު ޖީބުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 07 ސެލޯފިންކޮޅު ވެސް ފެނިފައިވާ ކަމަށެވެ. އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަކީ 17 ފަހަރު ހުއްޓުވާ ސުވާލުކޮށް 08 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަތަރު ފަހަރު ހައްޔަރު ކޮށްފައިވާ މީހެއްކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އޭނާ އަކީ ފަރުވާ ހޯދުމަށް މި ފެބްރުއަރީ 19 ވަނަ ދުވަހު ކަމާ ބެހޭ އިދާރާއަށް ޙާޟިރު ވުމަށް މި ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު ޑްރަގް ކޯޓުން ޙުކުމް ކޮށްފައިވާ މީހެއްކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ