މެދުތެރެއާ އުތުރުގެ މޫސުން ގޯސްވެދާނެ، މޫސުމަށް ސަމާލުވޭ!

އިރުވައި މޫސުން ލައިގަތުމާ ގުޅިގެން މެދުތެރެއާ އުތުރުގެ އަތޮޅުތަކުގައި ވައިޖެހުމުންދަނީ އާދައިގެ ވަރަށްވުރެއް ބާރު މިނެއްގައި ކަމަށާއި އެހެންކަމުން އެ ހިސާބުތަކަށް ނިސްބަތްވާ ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ މައި އިދާރާ އިން ބުނެފި އެވެ. އެ އިދާރާ އިން މިއަދު ބުނި ގޮތުގައި، މި ހަފްތާ ބަންދުގައި އިރުއިތުރާއި އިރުން ގަޑިއަކު 13 މޭލާ 23 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރު މިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކުރެވެ އެވެ. އެހެން ހިސާބުތަކަށް ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގަ އެވެ. މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ އިރު، މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރާއްޖޭގެ މޫސުމާ ބެހޭ މައި އިދާރާއިން މައުލޫމާތުދެ އެވެ. މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. މިދުވަސްވަރަކީ ކަނޑުދަތުރުތައް އާންމުކޮށް ގިނަ ދުވަސްވަރަކަށްވާތީ، މެދުތެރޭގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ