ހިޔަލަ ގުރޫޕުން އަނެއްކާ ވެސް ހިތްގައިމު އީދު ލަވަ އެއް

ނ.މަނަދޫ އަށް ނިސްބަތްވާ ހިޔަލަ ގުރޫޕުން މިދިޔަ އަަހަރު އީދަށް ދޫކޮށްލީ "ބޯކިބަންބާ" އަށް ފަހު  މިފަހަރުގެ އީދަށް އަނެއްކާ ވެސް ހިތްގައިމު ލަވައެއް ނެރެފި އެވެ.
"އީދު ބޯމަތި ވަނީ" ނަމުގައި ނެރެފައިވާ މި ލަވަ ކިޔާފައި ވަނީ މަރިޔަމް އަޝްފާ  އެވެ. އެރާ ރެކޯޑްސްއިން މިއުޒިކް އުފައްދާފައިވާ މި ލަވައިގެ ޅެން ހަދާފައި ވަނީ އަބްދުﷲ ޝާހިދު (ޓެޑީ) އެވެ.
ލަވައިން ފެންނަނީ ރ.އަލިފުށީގެ މަންޒަރުތަކެވެ. ލަވައަށް އެކްޓްކޮށްފައިވަނީ ފިލްމީ ތަރި މަރިޔަމް ޝިފާ އާއި އިޝްފާން އެވެ. މިދިޔަ އަހަރު ހިޔަލަ ގުރޫޕުން ގެނެސްދިން "ބޯކިބަންބާ" އާ މި ލަވަ ތަފާތެވެ. ދައްކައިދެނީ ޒުވާން މަންމައެއްގެ އީދު ލަވް ސްޓޯރީ އެކެވެ.
އުނދޯލީގައި ދަރިން ގާތު އޮވެ ކަރުވަޅު ތެރެއަށް ލާ ފޮރުވަނީ ފިރިމީހާ ފޮނުވި ސިޓީ އެކެވެ. އީދު ބޯމަތިވެއްޖެ ކަމުގެ އިހުސާސާ އެކު ގޯތިތެރެއަށް ނިކުންނަ އިރު، އީދަށް ތައްޔާރުވުމަށް އީދު ހީނާފަތް ފުނޑުމަށް އެންމެންހެން މަޝްއޫލުވެ އުޅޭ ތަން ފެނެ އެވެ.
 އެކަމަލު ލޯބިވާ ފިރިމީހާ އަށް މިފަހަރު ވެސް ރަށަށް އީދަށް އާދެވޭ ގޮތް ނުވެ، އީދުގައި ލޯބިވާ ގާތުގައި ނެތުމުން ކުރެވޭ މާޔޫސް އިހްސާސްތައް ލަވައިން ދައްކަ އެވެ. އެ އެކަނިވެރިކަން އޭނާ އަށް ބޮޑަށް އިހުސާސް ކުރެވެނީ ވަށައިގެން އުޅޭ އެންމެހެން ލޯބިން އުޅޭތަން ފެނުމުންނެވެ. 
އެހެނަސް ލަވަ ނިމިގެން އަންނަނީ، ޝިފާގެ ބައިވެރިޔާ އިޝްފާން ވެސް އީދަށް ރަށަށް އާދެވޭ ހިސާބުންނެވެ. އުފާވެރި ނިމުމަކުންނެވެ. ލަވައިގެ ފަހު މަންޒަރުން އެ އިހުސާސްތައް ގެނެސްދީފައިވާ ގޮތް ރީއްޗެވެ. ފިލްމީ އެވެ.
އަންހެނުންގެ ދުވަހާއި އީދަށް ވޭތުވެ ދިޔަ ފަސް އަހަރުން ފެށިގެން ތަފާތު ލަވަތައް ގެނެސްދޭ ހިޔަލަ ގުރޫޕުން ބުނާ ގޮތުގައި އެމީހުންގެ މިއަހަރުގެ އުފެއްދުމާއި މެދު ވެސް ހިތް ހަމަޖެހެ އެވެ. މިދިޔަ އަހަރު ނެރުނު ބޯކިބަންބާ ވެސް އާއްމުންގެ މެދުގައި ބޮޑު ހިޓަކަށް ވިޔަ އެވެ. ސްކޫލް ކޮންސެޓްތަކުގައި ވެސް މި ލަވަ ބޭނުން ކުރި އެވެ.
ހިޔަލަ ގުރޫޕުން ބުނި ގޮތުގައި، މި އަހަރު ލަވައިގެ ވާދަވެރިކަން ވެސް އެބައޮތެވެ.  އެހެން ގުރޫޕްތަކުން ވެސް މިފަހަރު އީދަށް ހާްއްސަކޮށްގެން ވީޑިއޯ ލަވައެއް ރިލީޒްކޮށްފައިވުމާއި އެކު މި މަސައްކަތް މިއަހަރު އިތުރަށް ފޯރިގަދަ އެވެ.
"މިފަހަރު ވާދަވެރިކަން ވެސް ބޮޑު. އެހެން ގުރޫޕްތަކުން ވެސް އެނަންނަީ އީދަށް ލަވަ ނެރެމުން. ހެލްތީ ލެވަލް އަކަށް ކޮމްޕެޓިޝަން އޮތުން މިއީ ހަމަ ރަނގަޅު ކަމެއް. އާ އުފެއްދުންތަކާއި އިންޑަސްޓްރީ ކުރިއަރައިގެން ދާން ލިބޭ ފުރުސަތެެއް" ހިޔަލަ ގުރޫޕުން ފާހަގަ ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ