މިހާ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ކުރީ ސަރުކާރުތަކުން ނުގެންގުޅޭ: ފޮރިން މިނިސްޓަރު
މިހާރުގެ ސަރުކާރުން ގެންގުޅޭ ވަރުގެ ހަމަހަމަ ޚާރިޖީ ސިޔާސަތެއް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުގެންގުޅޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ބުނާ ގޮތުގައި މިހާރުގެ ޚާރިޖީ ސިޔާސަތަކީ 'މޯލްޑިވްސް ފަސްޓް' ނުވަތަ ދިވެހީން އިސްކުރާ ޚާރިޖީ ސިޔާސަތެކެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޚާރިޖީ ދާއިރާގެ ކާމިޔާބީތައް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ކުރިން އޮތް ގުޅުމަށް ވުރެ މާ ވަރުގަދަ ގުޅުންތަކެއް މިހާރު އުފެދެމުން އަންނަ ކަމަށެވެ. އަދި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވެސް އެންމެ މަތީ އެއް ފެންވަރަށް މިހާރު ޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މިއަށްވުރެ ވަކިން ބޮޑަށް ހަމަހަމަކަމާ އެކުގައި ޚާރިޖީ ސިޔާސަތު ރާއްޖޭގައި، އެކިއެކި ގައުމުތަކާ އޮންނަ ގުޅުމުގެ ތެރެއިން ތަންފީޒުވަމުންދާ އެއްވެސް ދައުރެއް މީގެ ކުރިއަކުން ގޮސްފައެއް ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ. ފޮރިން މިނިސްޓަރު ޚަލީލާއި އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މީގެ ކުރިން ބައްދަލުކުރެއްވުން: އަންނަ މަހު އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާ -- ފޮޓޯ/ ފޮރިން މިނިސްޓްރީ އޭނާ ވިދާޅުވީ، ރާއްޖެއަށް ދިމާވެފައި އޮތް ދަރަނީގެ މައްސަލަ ހައްލުކުރަން ވެސް ގައުމުތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، އިންޑިއާއިން ވެސް ދައްކަންޖެހޭ ބޮންޑަކަށް ފައިސާ ދެއްކުން ފަސްކޮށްދިންކަން ފާހަގަކުރައްވައި އޭނާ ވަނީ ޗައިނާއާ އެކު ވެސް އެ ކަމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. "ޢަރަބި ދުނިޔެއާ ވެސް ރާއްޖެއާ މި އޮތީ ވަރަށް ގާތް ގުޅުންތަކެއް. ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވެއިތު މި ގައުމުތަކަކީ ރާއްޖެއަަށް ޑިވޮލޮޕްމަންޓްގެ ގޮތުން ވަރަށް ގިނަ އެހީތައް ވެދެމުންދާ ގައުމުތަކެއް،" އޭނާ ވިދާޅުވިއެވެ. ފޮރިން މިނިސްޓަރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ފައިސާ ވެސް އަރަބި ގައުމުތަކުގެ އެހީތެރިކަމާ އެކު ހަމަޖެހުނުކަން ފާހަގަކުރައްވައިފައެވެ. މިއީ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ދެމެހެއްޓުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެން ގައުމުތަކުން ރާއްޖެއާ ދޭތެރޭގައި ދެކެނީ ވަރަށް ގާތްކޮށް ހަގީގަތުގައި މިހާރު. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ،" އޭނާ ވިދާޅުވިއެވެ. https://sun.mv/206795 ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓަރު އެފަދައިން ވިދާޅުވި ނަމަވެސް މި ސަރުކާރުގެ ކުރީކޮޅު އިންޑިއާއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ޚާއްސަކޮށް، އިންޑިއާގެ ބޮޑުވަޒީރަށް ސަރުކާރުގެ މަތީ މަގާމެއްގައި ތިއްބެވި ބޭފުޅުންތަކެއް ކުޑައިމީސްކުރުމުން ކުރިން ގޯސްނުވާ މިންވަރަށް ދެ ގައުމުގެ ގުޅުން ގޯސްވިއެވެ. އެކަމަކު، ފަހުން ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުކޮށްފައެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިއިރު އަންނަ މަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަންނަވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މި ސަރުކާރުން ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން ގޮވާލައި ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނާ އެކުގައެވެ. ޚާރިޖީ ސިޔާސަތު ކާމިޔާބުކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި ފުރަތަމަ ފަސް މަސް ނިމުނުއިރު ލިބުނީ މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ޖެހި އަދަދުގެ 3.6 އިންސައްތައެވެ. އެއީ، ވަރަށް ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ