ހަވީރު 6:00 އަށް ފަހު ކެމްޕޭންގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ

މިއަދު ހަވީރު 6:00 އަށް ފަހު ކެމްޕޭންގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު އާންމުކުރި އިއުލާނެއްގައި ވަނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިހާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް އަމަލެއް މިއަދު ހަވީރު 6 އިން ފެށިގެން 24 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި ނުހިންގުމަށެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިހާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 6 އިން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 06 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާކަމެކެވެ.
އެހެންކަމުން ހަވީރު ހައެއްގެ ފަހުން ކެމްޕެއިނާ ގުޅޭ ލަވަޖެހުމާއި ޕޯސްޓަރު ހަރުކުރުމާއި ދިދަ ދެމުމާއި އެއްވެސް ބާވަތެއްގެ ކެމްޕޭން ވާހަކަތަކެއް ނުވަތަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަކީ މަނާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ