ރިޝީޕަށް ވަޒީފާ ދޭން ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ކުރީގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން ރިޝީފް ތޯހާ އަށް ވަޒީފާ ދޭން ހައި ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ރިޝީޕަށް ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކުރީ 16 އޮގަސްޓް 2012 ގައެވެ. ހައިކޯޓުން މިގޮތަށް ނިންމި ނަމަވެސް ސިވިލް ކޯޓުން މިމައްސަލައިގައި ޑިސެމްބަރު 2011 ގައި ނިންމާފައިވަނީ ރިޝީޕަށް ވަޒީފާ ދޭނެ ތަނެއް ނެތް ކަމަށެވެ.
ރިޝީޕް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރަން އިރުޝާދު ދިން ކަމުގެ ތުހުމަތުގަ އެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާ ރޭޕް ކުރުމުގައި ރިޝީޕް އިރުޝާދު ދިން ކަމަށް އެކުއްޖާގެ ބަޔާނުގައި ބުނެފައި ނުވާ ކަަމަށެވެ. އަދި އެރޭ އެ ކާރުގައި ތިބި މީހުންނަށް ރިޝީޕް ގިނަ އަދަދަކަށް ގުޅާފައި އޮތް ނަމަވެސް ރިޝީޕް އެފަދަ ކަމަކަށް އިރުޝާދުދޭ ފޯން ކޯލް ރެކޯޑިންއެއް ނެތް ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
މިއަންހެން ކުއްޖާ ރޭޕްކުރުމަށްފަހު އޮރިޔާން ހާލުގައި މަގުމައްޗަށް އެއްލާލަފައިވަނިކޮށް އެ ކުއްޖާ އޮރިޔާން ނިވައި ކޮށްދިނުމަށް ރިޝީފް ޓީޝާޓެއް ގެނެސް ދިނުމަކީ އެކަމުގައި އޭނާ ބައިވެރިވުން ކަމަށް ދައުވާގައި ބުނެފައިވާތީ ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެފަދަ ހާލަތެއްގައި ހުރި މީހަކު އޮރިޔާން ނިވާ ކޮށްދިނުމަކީ އިސްލާމީ ރީތި އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަ ކަމަށެވެ. އަދި އެފަދަ މީހަކަށް އެހީތެރިވުމަކީ ރިޝީޕް އެކަމުގައި ބައިވެރިވުން ކަމަށް ނުބެލެވޭނެ ކަމަށް ވެސް ހުކުމްގައި ބުނެފައިވެ އެވެ.
ރިޝީފަށް ވަޒީފާ ދިނުމަށާއި އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެއްފަހަރާ ދިނުމަށް އަންގައި ހައި ކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް މިމައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާ ކަމަށް ވެސް ހުކުމްގައި ބުނެފައިވެ އެވެ.
އަންހެން ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތުގައި ހަތަރު ފުލުހަކު ވެސް ރިޝީޕްއާއިއެކު ވަޒީފާއިން ވަކިކުރި އެވެ. ނަމަވެސް އެ އެންމެންނަށް ވެސް ވަޒީފާ ދިނުމަށް ހައި ކޯޓާއި ދަށު ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ބައެއް މައްސަލަތައް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު އެމައްސަލަތަކުގައި ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންނަށް އަނބުރާ ވަޒީފާ ދޭނީ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވުމުން ކަމަށެވެ.
ރިޝީޕަށް ވަޒީފާ ދޭން ފުލުހުންގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާއިރު، މިދިޔަ މާޗް މަހުގެ ނުވަވަނަ ދުވަހު ދަރަވަންދޫ އެއާޕޯޓުގައި ބިޔަރު ބުއި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދި އެމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ