ބަޖެޓުގައި ހިމަނާފައި ނުވާ މަޝްރޫއުތައް ކުރިއަށް ގެންދިއުން މާލިއްޔަތު ގާނޫނުގެ ރޫހާއި ހިލާފު: ނާޒިމު

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ބަޖެޓުގައި ހިމަނާފައި ނުވާ މަޝްރޫއުތައް އެކި ގޮތްގޮތުން ހޯދައިގެން ކުރިއަށް ގެންދިއުމަކީ މާލިއްޔަތު ގާނޫނުގެ ރޫހާއި ހިލާފު ކަމެއް ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުނެފިއެވެ.
މާލިއްޔަތު ކޮމެޓީން އެހެން ބުނެފައިވަނީ ފިނޭންސް މިނިސްޓްރީއަށް މިއަދު ފޮނުވި ސިޓީއެއްގައެވެ. މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމާއި ހަވާލާދީ މަޖިލީހުގެ އިދާރާއިން ފިނޭންސަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ނުވާ މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަކީ ކުރިއަށް އޮތް އަހަރުގެ ބަޖެޓަށް ބާރު ބޮޑުވެ ދައުލަތުގެ ބަޖެޓު ޑެފިސިޓް އިތުރު ވެގެންދާނެ ކަމެއް ކަމަށެވެ. އެހެން ކަމުން ބަޖެޓުގައި ހިމަނާފައި ނުވާ މަޝްރޫއުތައް އެކި ގޮތްގޮތުން ފައިނޭންސް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަކީ މާލިއްޔަތު ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ރޫހާއި ވެސް ހިލާފު ކަމެއް ކަމަށެވެ.
މިސިޓީގައި އިތުރަށް ބުނެފައިވަނީ މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި ބިން ހިއްކުމަށް ކަނޑައަޅާފައި ނުވާ އައްޑޫ ސިޓީގެ ހަތަރުރަށް ކަމަށްވާ ހިތަދުއާއި މަރަދޫއާއި މަރަދޫފޭދޫ އަދި ފޭދޫ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ބީލަމަށް ހުޅުވާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އެމަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ފިނޭންސުން ހައުސިން މިނިސްޓްރީއަށް ދީފައިވާ ގާނޫނީ އަސާސްތައް އޮޅުން ފިލުވަން ކޮމެޓީން ބޭނުންވާ ކަމަށް އެސިޓީގައި ބުނެފައިވެއެވެ.
އެހެން ކަމުން އެމައުލޫމާތު 4 ޖޫންގެ 12:00 ގެ ކުރިން މަޖިލީހަށް ފޮނުވުމަށް ވެސް އެސިޓީގައި އެދިފައިވެއެވެ.
ބަޖެޓުގައި ހިމަނާފައި ނުވާ މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަކީ މާލިއްޔަތު ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ރޫހައި ހިލާފު ކަމެއް ކަމަށް ބުނެފައިވާ އިރު ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން 22 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރުމަށް ވެސްވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ