މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ކޮމަންޑުއާއި ފޯކައިދޫ ގެ އިތުރުން ނ. މަނަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދާ، މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ކޮމަންޑޫ ޕޮލިސް ސްޓޭޝަން، ފޯކައިދޫ ޕޮލިސް ސްޓޭޝަން އަދި މަނަދޫ ޕޮލިސް ސްޓޭޝަނުން މި މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި ކޮމަންޑޫން ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ކޮމަންޑޫ ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނުމާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ.ފޭދޫ ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފޯކައިދުއާއި މަނަދޫގައި ހިންގި އޮޕަރޭޝަންގައި އެ ދެރަށުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އެގޮތުން ފޯކައިދޫ ބަނދަރު ސަރަހައްދުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާއިރު، މަނަދޫގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ މާލެއިން އެރަށަށް އައި ބޯޓަކުން ބޭލި ފޮށިގަނޑެއް ބަލައިފާސްކޮށްގެންކަމަށާއި އެފޮށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މަސްތުވާތަކެތީގެ މި މައްސަލަތައް ކޮމަންޑޫ، ފޯކައިދޫ އަދި މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
އުތުރުގެ ތިން ރަށެއްގައި ހިންގި ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދާ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ