ޖަނާޒާ ކުރިޔަށް ދަނިކޮށް އައިސޮލޭޝަން ގެންދަން ގުޅުނީތީ އެޗްޕީއޭ އިން މާފަށް އެދިއްޖެ

ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނިކޮށް އައިސޮލޭޝަން ގެންދަން ގުޅުނީތީ އެޗްޕީއޭ އިން މާފަށް އެދިއްޖެއެވެ.
ކޮވިޑް-19 އަށް ފައްސިވި މީހަކު އިއްޔެ ނިޔާވެގެން ޖަނާޒާގެ ކަންކަން ކުރިޔަށް ދަނިކޮށް އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާފައި ވެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ޖަނާޒާ ކުރިއަށް ދަނިކޮށް މީހަކު އައިސޮލޭޝަނަށް ގެންދަން ގުޅުނީތީ މާފަށް އެދޭކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވީ ނިޔާވި މީހާ އައިސޮލޭޝަނަށް ގެންނަން ގުޅުނީ އޭނާ އައިޖީއެމްއެޗްގައި އޭގެ ކުރީ ދުވަހުން ފެށިގެން އެޑްމިޓް ކޮށްފައި އޮތް މީހެއް ކަމަށާއި ނަމަވެސް އެޗްޕީއޭގެ ސިސްޓަމުން އެމައުލޫމާތު ލިބެން ނެތް ކަމަށެވެ. އެހެންކަމުން ސިސްޓަމްތައް އަޕްޑޭޓް ކުރުމަށް ހާއްސަ ސަމާލުކަމެއްދީ މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތައް ކަންކަން ރާވަމުންދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 21 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.
ނިޔާވި ފަހުން ޖަނާޒާއަށް ގެންދަން ގުޅީ އުމުރުން 67 އަހަރުގެ ނިޔާވިތާ 30 ވަރަކަށް މިނެޓް ފަހުންނެވެ.
ބަލީގައި މީހަކު ނިޔާވިކަން އެންގުމަށް އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓަށް ފާޑުކިޔައި ނިޔާވި މީހާގެ އާއިލާ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ނިޔާވި މީހާގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދަނިކޮށް އެޗްޕީއޭ އިން އެމީހާ އައިސޮލޭޝަން ފެސިލިޓީ އަކަށް ގެންދިއުމަށް ގުޅާފައިވާ ކަމަށެވެ. އޭނާ ވަނީ މުއާމަލާތު ކުރުމުގައި އެޗްޕީއޭ ފެއިލްވުމުން އާއްމު ރައްޔިތުން އެޗްޕީއޭ އަށް ބޯލަނބާނެ ކަމަށް އުއްމީދު ކުރަނީތޯ ސުވާލު އުފައްދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ