އެޕިސޯޑް 3
ހޯމަ ދުވަހުގެ ބަޔާ ގުޅޭ
"އަހަރެން މި ދަނީ،" އަހަރެން ބުނީމެވެ. އަހަރެންގެ ފަހަތުން އަފްނާން ވެސް ނުކުތެވެ.
ފޫހިވެގެން ހުރެ މީޓިންރޫމަށް ވަނީމެވެ. އަހަރެންނާ އެކު އެތަނުގައި ތިބީ ހަ މީހުންނެވެ. މަޝްވަރާ ކުރެވެމުން ދިޔައީ ހޮސްޕިޓަލަށް އަލަށް ހަދަން ތައްޔާރުކުރަމުންދާ އިމާރާތަކާ ބެހޭ ގޮތުންނެވެ. ބަހައްޓަށް ޖެހޭ ގިނަ ސާމާނާއި ގަންނަން ޖެހޭ އިތުރު ތަކެއްޗާ ބެހޭ ގޮތުންނެވެ. އަހަރެން އިނީ އެހެން ހިޔާލަކަށް ގެއްލިފަ އެވެ. އެ ވަގުތު އަސްރަފް އަހަރެންގެ ފައިގައި ކޮއްޓާލި އެވެ. ކިހިނެއްވެފައިހޭ ނިތްކުރިން އަހާލި އެވެ. ލޯ މަރާލާފައި ދެ ފަރާތަށް ބޯ ހޫރުވާލީމެވެ. ކަމެއް ނުވެއޭ ބުނާ އުސޫލުންނެވެ. މީޓިން ދިގުދެމިގެން ދިޔައީ ތިން ގަޑި އިރަށެވެ. އަހަރެން އިނީ ފާޑަކަށް ފޫހިވެފަ އެވެ. ނަމަވެސް މަސައްކަތަށް ދޭން ޖެހޭ ސަމާލުކަން ދީގެންނެވެ.
އަހަރެންނަށް ގެއަށް ދެވުނު އިރު އިރުއޮއްސިއްޖެ އެވެ. ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ގެއަށް ދިޔަ ފަހުން ވެސް އަފްނާން މަތިން ހަނދާން ވަނީ އެވެ. މިއަދު އަހަރެން އުޅުނީ އަފްނާންއަށް ލޯބި ހުށައަޅާށެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. ހިތަށް އެރި އެވެ. މިއަދަކީ އެކަމަށް އެންމެ މުނާސަބު ވަގުތު ނޫން ހެއްޔެވެ؟ މީހުން ބުނެ އެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ. އަދި ވަގުތު ނުޖެހެނީ އެވެ. އެ ކަމެއްގެ ވަގުތު ޖެހުމުން އެއްވެސް މީހަކަށް އެ ކަމެއް ނުހުއްޓުވޭނެ އެވެ. އަހަރެންގެ ހިތަށް ވިސްނައިދިނީ އެހެންނެވެ.
ނިދޭތޯ ފުރޮޅި ފުރޮޅި ވަރުބަލިވީ އިރު ވެސް ލޮލަކަށް ނިންޖެއް ނަ އެވެ. އެންމެ ފަހުން އެނދުން ތެދުވީމެވެ. ހެޔޮވަރުގެ ޓީޝާޓެއް ގަޔަށް ވައްޓާލީމެވެ. ގަޑިއަށް ބަލާލީމެވެ. އޭރު ގަޑިން އެގާރަ ގަޑި ބައި ވެއްޖެއެވެ. ގެއިން ބޭރަށް ނުކުތީމެވެ. މީހުން އެހާ މަދެއް ނޫނެވެ. ހިތަށް ތަދުވި އެވެ. އަހަރެންނަކީ ހިތްވަރުގަދަ މީހެކޭ ބުނެވޭނެ އެވެ. ނަމަވެސް ދެރަވާ ކަންކަމުގައި އެހާ ބޮޑަށް އަސަރު ވެސް ކުރާ މީހެކެވެ. ފިރިހެނަކަށް ވިޔަސް ބަލިފަޔެއް އޮވެދާނެތާ އެވެ. މަޑުމަޑުން ހިނގަމުން ދިޔައީ މާލޭގެ ބޮޑު މަގަކުންނެވެ. ހިޔާލުތަކުން ދުރުވީ ކައިރިން ވަރަށް ބާރަށް ސައިކަލެއް ދިޔުމުންނެވެ. އަހަރެން ހުރީ ހިތްދަތިވެފަ އެވެ. މަގުސަދެއް ނެތި ހަމައެކަނި ހިތުގައިވާ ފަޅުކަން ފިލުވާލުމަށްޓަކައި މަގުމަތީގައި ހިނގަމުން ދިޔައީމެވެ.
މަގުމަތީގައި އެކި ދިމަދިމާލަށް ދަތުރު ކުރާ މީހުންނާއި ސައިކަލުތަކާއި ކާރުތައް ގިނަ އެވެ. ނަމަވެސް އަހަރެންނަށް އެއްްވެސް އެއްޗެއް ނުފެންނަ ފަދަ އެވެ. ހިނގަމުން ގޮސް ރަސްފަންނަށް ދެވުނެވެ. ދެން ގޮސް އެތަނުގެ ޖޯއްޔެއްގައި އިށީނީމެވެ. މޫދު ފެންނަ ހިސާބުގަ އެވެ. އެތާ ތިބީ މަދު ބައެކެވެ. ދެމަފިރިންނާއި ރައްޓެހިވެގެން އުޅޭ ޖޯޑުތަކެވެ. އަހަރެން މޫދާ ދިމާލަށް ބަލާލީމެވެ. ހަނދުވަރުގެ ރިހި އަލިން މޫދުގެ ރާޅުތައް ވަރަށް ރީތިކޮށް ފެންނަމުން ދިޔަ އެވެ. މި ފަދަ ގަޑިއެއްގައި މި ކަހަލަ ތަނެއްގައި އަފްނާން އަހަރެންނާ އެކުގައި ވާ ނަމައޭ އަހަރެންގެ ހިތަށް އެރި އެވެ. ހިތުގައިވާ އުދާސްތައް ބޭރު ވާނެ އެވެ. ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބިގެން ދާނެ އެވެ.
އަހަރެން ހިތަށް އަރަ އެވެ. އަފްނާން ގާތުގައި މި ވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ މި ފަދަ ވާހަކައެއް ދައްކައިގެން މިހާރު އޮތް ގުޅުން ވެސް ހަރާބު ވެދާނެ އެވެ. އެހެން ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ވެއްޖެ ނަމަ އަހަރެންގެ ހިތް ފަޅައިގެން ދާނެ އެވެ. ހިތަކަށް ކުޅަދާނައެއް ނުވާނެ އެވެ. ބޭނުންވަނީ އެންމެ ކަމެކެވެ. އަފްނާން އާއެކޭ ބުނުމެވެ. އެހެން ވެއްޖެ ނަމަ ދުނިޔޭގެ ހުރިހާ އުފަލެއް އަފްނާނަށް ހޯދައިދޭނަމެވެ. ޝަކުވާ ކުރުމުގެ އެއްވެސް ފުރުސަތެއް ނުދޭނަމެވެ. ލޯބިން އަފްނާންގެ ހިތް ފުރާލާ ދޭނަމެވެ. މިއީ އަހަރެން ހިތުގައި އަޒުމް ކަނޑައެޅި ގޮތެވެ. ބޭނުންވާ ވެސް ގޮތެވެ.
އެހެން އިންދާ، ފުއާދު ގުޅި އެވެ. ފޯނު ނަގާކަށް ބޭނުމެއް ނުވި އެވެ. އެކަމަކު ނެގީމެވެ.
"ކީކޭ؟" އަހަރެން އަހާލީމެވެ.
"ކަލޭ ކޮންތާކު؟" ފުއާދު އަހާލި އެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެއީ ފުއާދު އެހެންޏާ އަހާ އެއްޗެއް ނޫނެވެ. ކުއްލިއަކަށް އެ ކަހަލަ ގޮތަކަށް ސުވާލެއް ކުރުމުން ކުޑަކޮށް މަޑުޖެހިލެވުނެވެ.
"މަންމަނަކަށްވީތަ؟" ފުއާދު ސުވާލު ކުރި އެވެ.
"އުނހު. ކީކޭ؟" އަހަރެންނަށް ބުނެވުނެވެ.
"ކޮންތާކުހޭ؟" ފުއާދުު ސުވާލު ތަކުރާރު ކުރި އެވެ.
"ކިހިނެއްވީތަ؟ ކަމަކުތަ ތި ގުޅީ؟" އަހަރެން އެހެން ބުނި ވަގުތު ފޯނު ކެނޑުނެވެ. ނުވަތަ ފުއާދު ފޯނު ކަނޑާލީ އެވެ.
"ކަލޭ މިތާ އިންތަން ފެނިގެންނޭ މަ ގުޅީ،" ފަހަތުން އައިސް ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ފުއާދު ބުންޏެވެ. އަހަރެން މޫނުމަތީ ކުލަވަރު އެއްކޮށް ބަދަލު ވެގެން ދިޔަ އެވެ.
"ވަރަށް ނުފެންނަ ކަހަލަ މަންޒަރެއް ވިއްޔަ މި ފެންނަނީ،" ފުއާދު ބުންޏެވެ.
"ކޮން ކަމެއް؟" ނޫން ކަމަށް ހެދެމުން އަހަރެން ބުނީމެވެ.
"އަފްނާނާ ހެދި ތިހާ ވަރެއް ވާއިރު ވެސް މަ ގާތުގައި ބުނެނުލީމަ ދެރައީ،" އަހަރެންނާ ހަތަރު ކަޅި ހަމަކޮށްލަމުން ފުއާދު ބުންޏެވެ. އަހަރެންނަށް ވީ ގޮތް ބުނެދޭން ވެސް ނޭނގުނެވެ. ހިތުގެ އެއް ކަނެއްގައި ފޮރުވައިގެން އުޅުނު ލޯބި އެ ގޮތަށް މީހަކަށް އެނގިދާނެ ކަމަކަށް ހިއެއް ނުކުރަމެވެ.
"ފުއާދަށް ކިހިނެއް...؟" ހައިރާންވެފައި އަހާލެވުނެވެ.
"މަށަށް ނޭނގޭ ކަމެއް އޮންނާނެތަ؟ މަށަށް ފެނޭ ކަލޭ އޮފީހުގައި އުޅޭ އިރު އޭނައާ ދޭތެރޭ ކަންތައް ކުރާ ގޮތް. އުޅޭ ގޮތާއި ހޭދަ ކުރާ ވަގުތުތައް،" ފުއާދު ބުންޏެވެ.
"މި ކަން އެހެން މީހަކަށް އެނގޭނެތަ؟" ޖެހިލުންވަމުން އަހަރެން އެހީމެވެ.
"ހިއެއް ނުވޭ،" ފުއާދު ބުންޏެވެ. "މަށަށް ވެސް ނޯޓިސްވާތާ ދުވަސްކޮޅެއް ވީ."
"އަދި މަ ބޭނުމެއް ނޫން އެހެން މީހަކަށް މިކަން އެނގޭކަށް،" އަހަރެން ބުނީމެވެ.
"އަހަރެން ވާހަކައެއް ބުނަން؟" ފުއާދު ބުންޏެވެ. "ނޭނގެ މިއީ ކިހާ ވަރެއްގެ ތެދެއް ކަމެއް. އެކަމަކު އަހަރެންނަށް ވެސް އިވުނު އަޑެއް." ފުއާދު އެހެން ބުނުމުން އަހަރެންގެ ހިތުގެ ވިންދު ދެގުނައަށް އަވަސް ވެގެން ދިޔަ އެވެ. އިވެން އުޅެނީ ކޮން ކަހަލަ ވާހަކައެއް ކަން ނޭނގޭތީ އެވެ.
"އޭނާ އުޅެނީ ކައިވެނި ކުރާށޯ!" ފުއާދު އިސްޖަހާލަމުން ބުންޏެވެ.
އަހަރެންގެ ހިތުގައި ހީވީ އެތިފަހަރަކުން ޖެހިހެންނެވެ. ބުނާނެ އެއްޗެއް އަހަރެންނަކަށް ނޭނގުނެވެ. ހިތަށް އިހުސާސް ކުރެވުނު ތަދު މޫނުމަތިން ފާޅުވިޔަ ނުދޭން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކިރިޔާ ވެސް ބުއްދިއެއް ހުރި މީހަކަށް ނަމަ އަހަރެންނަށް ވީ ގޮތް ތަރުޖަމާ ކުރަން އެނގޭނެ އެވެ. ފުއާދު ވެސް އެ ކަހަލަ ސަމާސާއެއް ނުކުރާނެ އެވެ. އެއީ ޔަގީން ކަމެކެވެ. އަހަރެން އޭނާ ދަންނަމެވެ. އެއީ އަހަރެންނަށް ހެޔޮ އެދޭ، ގާތް އެކުވެރިއެކެވެ. ލިބުނު ޝޮކުން ކަނޑާ ދިމާލަށް ބަލާލެވުނެވެ. އެތަނަށް ފުންމާލަންވީއޭ ހިތަށް އެރި އެވެ. އެކަމަކު އަހަރެން ސަލާމަތް ވާނެ އެވެ. އެއީ އަހަރެންނަށް ފަތަން އެނގެއެވެ. ޖޯލިން ތެދުވެގެން އެ ތަނުން ދާން ބޭނުންވި އެވެ. އެކަމަކު އިވުނު އަޑު ނީވޭ ކަމަކަށް ނުވާނެ އެވެ. އަނގައިން ބަސް ހުއްޓިފައި އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގެ އެވެ. ފުއާދު ވެސް އެއްޗެއް ނުބުނެ އެވެ.
"އަދި ނޭނގެ ކިހާ ވަރެއްގެ ހަގީގަތެއް ކަމެއް. އަހަރެން ވެސް މިއަދު އޮފީހުގައި އުޅެނިކޮށް ބަޔަކު އޭނައާ ދިމާ ކުރަނިކޮށް އަޑު އެހީ،" ފުއާދު ބުންޏެވެ. "އަދިވެސް އުންމީދު އެބަ އޮތް." އަހަރެންގެ ލޮލުން ކަރުނައެއް ވެއްޓުނެވެ. އަހަރެންނަށް އެހާ ބޮޑު ޝޮކެއް ލިބުނީ ކީއްވެ ހެއްޔެވެ؟ އަފްނާނަކީ އަހަރެންގެ ލޯބިވެރިޔާއެއް ނޫނެވެ. އަހަރެން ކިތަންމެ ލޯބި ވިޔަސް އަފްނާން ގާތު ނުބުނަމެވެ. ވީމާ މި ކަމުގައި އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ؟ އޭނަ ދެކެ ރުޅި އައުމުގެ ހައްގެއް ވެސް އަހަރެންނަކަށް ނެތެވެ.
އަހަރެންގެ ހިތަށް ވިސްނައިދިނީމެވެ. އަފްނާން ކޮންމެ މީހަކާ އިނަސް އަހަރެންނަށް ކީއް ހެއްޔެވެ؟ އަޅާނުލީމައި ނިމުނީ ނޫން ހެއްޔެވެ؟ އަހަރެންގެ ހިތަށް އަމިއްލައަށް ފައިން އަރައިގެން ހުންނަން ނިންނީމެވެ. އާންމު ދިރިއުޅުމާ ކުރިމަތިލައިގެން ހިތްވަރު ކުރަން ގަސްތުކުރީމެވެ. ދުނިޔޭގައި މީހުން މީހުންނާ އިންނާނެ އެވެ. އެކަމާ އަހަރެން ހިތްދަތިވާކަށް ނުޖެހެ އެވެ. އަފްނާނަކީ ދުށް ހުވަފެނަކަށް ހަދާފައި ހަނދާން ނައްތާލަން އަޒުމު ކަނޑައެޅީމެވެ. ހަނދާންތައް ހައްތަހާ ވީ ގަދަ އެވެ. އަފްނާން ހިނިތުންވެލާ ގޮތެވެ. ހިނގާލާފައި ދާ ރަނޑު ގޮތެވެ. ހިނިތުންވެލާ އިރު ކޮލަށް އަޑިވާ ތަންކޮޅެވެ. ރީތި ކަޅިރަވަ އެވެ. ވާހަކަ ދައްކާ އިރު ހުންނަ މަޑުމައިތިރިކަމާއި އަހުލާގު ރަނގަޅު މާތް ސިފަ އެވެ.
އަނެއް ދުވަހު ޑިއުޓީއަށް އަހަރެން ދިޔައީމެވެ. މިއަދު ވެސް އަފްނާން ނާދެ އެވެ. ވީ ކިހިނެއް ކަމެއް ނޭނގެ އެވެ. އެ ވަގުތު ސަލީމާ އަ އެވެ.
"ސަލީމާ، މިއަދު ވެސް އަފްނާން ނާދޭތަ؟" އަހަރެން އަހާލީމެވެ.
"އާނ. އޭނަ މެރީ ކުރަން ޝޮޕިން ކުރަނީ ކަންނޭނގެ،" ތުން ފިއްތާލަމުން ސަލީމާ ބުންޏެވެ. "އިންނަނީ ވަރަށް ބޮޑު މުއްސަންޖަކާޔޯ!"
-ނުނިމޭ-
ވާހަކަ: މިސްރާބު - ތިންވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ