ސުޕްރީމް ކޯޓު ޕެރަލައިޒް ކުރުން: އުއްތަމަ ފަނޑިޔާރަށް އަޑު އިވި، ބަސްމޮށެވި، ލޮލަށް ފެންނަންޖެހޭ ސުޕްރީމް ކޯޓު ޕެރަލައިޒް ކުރުން: އުއްތަމަ ފަނޑިޔާރަށް އަޑު އިވި، ބަސްމޮށެވި، ލޮލަށް ފެންނަންޖެހޭ

ދިވެހިރާއްޖޭގެ އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކަށެވެ. އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓެވެ. އަދި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި މިވަގުތު ހުންނެވީ އަހުމަދު މުއުތަސިމް އަދުނާން އެވެ. އެމަނިކުފާނުގެ އާއިލާއަކީ ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގައި ޝަރަފުވެރި އާއިލާއެކެވެ. މުއުތަސިމްއަކީ، ރާއްޖޭގެ ފަހުރު، ކުރީގެ އުއްތަމަ ފަނޑިޔާރު ހުސެއިން ސަލާހުއްދީނުގެ އާއިލީ ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން، މުއުތަސިމްގެ ކޮނޑުފުޅުގައި އެޅިފައި ވަނީ ވަރަށް ވެސް ބޮޑު ޒިންމާއެކެވެ. އަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުމަށާއި އެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަކީ އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތެކެވެ.
އެކަމަކު، ނިކަން ފާޅުކަން ބޮޑު ނާއިންސާފުވެރި ގޮތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، ފަނޑިޔާރުންގެ ހައްގުތައް ނިގުޅައިގަނެ، އެ ފަނޑިޔާރުން ވަކި ކުރަން ނިންމި އިރު، މުއުތަސިމްގެ އަޑެއް ނީވެ އެވެ. އެމަނިކުފާނު ހުންނެވީ ހަނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އޮތް މުހިންމު މައްސަލައަކަށް ހުރަސް އެޅޭނެ ގޮތަށް، ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުން، ރައީސް މުހައްމަދު މުއިއްޒު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށް ފަނޑިޔާރަކު ވިދާޅުވުމުން އަދި ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގު ކުރަނީ ސީދާ ނުހައްގުން ކަމަށް ފަނޑިޔާރުން ވިދާޅުވުމުން ވެސް އުއްމަތަ ފަނޑިޔާރު އެއްޗެއް ވިދާޅެއްނުވެ އެވެ.
ސުޕްރީމް ކޯޓަށް އަދި އެ ކޯޓުގެ ފަނޑިޔާރުންނަށް ހަދާ ގޮތުން ކަންބޮޑުވެގެން، ކުރީގެ ފަނޑިޔާރުންނާއި ރާއްޖޭގެ އިހުތިރާމް ލިބިގެންވާ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި އދ. ގެ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅު ކުރިއިރު ވެސް، އަދުލް އިންސާފުގެ ދާއިރާގެ ހިމާޔަތުގައި އެންމެ ބޮޑަށް ނުކުންނަވަންޖެހޭ މަނިކުފާނުގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ.
ބާރުވެރި ފަރާތްތަކަކުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ފެށީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެބޭފުޅުން ނިސްބަތްވާ ސިޔާސީ ޕާޓީ ވަކި ނުވެވޭނެ ގޮތަށް އަދި ޕާޓީ ބަދަލު ނުކުރެވޭނެ ގޮތަށް ތަޅު އަޅުވައި ނޮވެމްބަރު، 2024، ގައި ގާނޫނުއަސާސީ އިސްލާހު ކުރި މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި އެ މައްސަލަ އެ ކޯޓަށް ބަލައިގަނެ، ޝަރީއަތް ފަށަން ނިންމުމާއެކު، ކޯޓަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން އުޅޭ ކަމުގެ އަޑު ފެތުރުނެވެ. އަދި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކި ކުރަން ގައިރު ގާނޫނީ ގޮތުން ފަރުމާކޮށްފައި އޮތް ބިލެއް ފެބްރުއަރީ 23، ގައި މަޖިލީހަށް ވެއްދި އެވެ.
އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރީ މައްސަލަ ބަލަން ނިންމުމަށްފަހު ޝަރީއަތް ފަށަން ކުޑަތަންވެފައި އޮއްވައި ފެބްރުއަރީ 26، ގަ އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ކުރިން، ހަމަ އެ ދުވަހު، އެއްކަލަ ގައިރު ގާނޫނީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އެވެ.
އޭގެ ފަހުން ތަރުތީބުވެގެން ދިޔައީ ސުޕްރީމް ކޯޓު ޕެރެލައިޒްކޮށް، ފަނޑިޔާރުން ވަކި ކުރުމުގެ ރޭވުމެވެ. ބިލު ފާސް ކުރުމާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުއްލި ޖަލްސާއެއްގެ ނޯޓިސް މެންބަރުންނަށް ފޮނުވި އެވެ. މެންބަރުން ޖަލްސާއަށް ހާޒިރުވާން ދިނީ އެންމެ 13 މިނެޓެވެ. އެ ޖަލްސާގައި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރަން ނިންމި އެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެބޭފުޅުންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ އެވެ. ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާ ކަމަށް ކޮރަޕްޝަން ބަލާ ކޮމިޝަނުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުވީ ސިޓީއެކެވެ. ސިޓީ ފޮނުވީ އާންމު އުސޫލާ ހިލާފަށް ސިސްޓަމުގެ ތެރެއަށް ނުވައްދަ އެވެ.
ފަނޑިޔާރު ކުރި ކަމަށް ބުނާ ކުށް
ފަނޑިޔާރުން ސަސްޕެންޑު ކުރުމާއެކު، މެންބަރުން ތަޅު އެޅުވި މައްސަލައިގެ ޝަރީއަތް ހުއްޓުނެވެ. ދުސްތޫރީ އެއްވެސް މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރި ފަހުން މާޗް 4، ގައި ސުއޫދު އިސްތިއުފާ ދެއްވި އެވެ. އިސްތިއުފާ ދެއްވަމުން ސުއޫދު ވިދާޅުވީ، އިސްތިއުފާ ދެއްވަނީ ރައީސް މުއިއްޒާއި ބަންޑާރަ ނައިބު ފަނޑިޔާރުންނަށް ބިރު ދައްކާތީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ.
"... ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ މަނިކުފާނު އެދޭ ގޮތަށް ނިންމުމަށް މަނިކުފާނު ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. އާއި ރ. އާ ހިލާފަށް ނުފޫޒު ފޯރުވަމުން ގެންދަވާތީވެ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހިނދުން ފެށީގެން އަޅުގަނޑު އިސްތިއުފާ ދީފިން،" ރައީސް މުއިއްޒު ސުއޫދު ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި އޮތެވެ.
އެ ހިސާބުން ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާގެ މައްސަލަތައް ބެލުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަނުން ރަސްމީކޮށް ފެށި އެވެ. މައްސަލަތައް ބަލަން އެ ކޮމިޝަނުން ނެގީ ތިން މެންބަރުންގެ ކުޑަ ކޮމިޓީއެކެވެ. އެ ކޮމިޓީގައި ހިމެނެނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން ކޮމިޝަނުގައި އިންނަވާ މުހައްމަދު ނާސިހު އާއި ކޮމިޝަނަށް ރައީސް އައްޔަން ކުރައްވާފައިވާ މެންބަރު މުހައްމަދު ޔަޒްމީދު އާއި ވަކީލުންގެ ތެރެެއިން އިންތިހާބުކޮށްފައިވާ މެންބަރު އަލީ އަބްދުއްލަތީފެވެ.
އެހެންކަމުން، ފަނޑިޔާރުންގެ މައްސަލަތައް ބެލި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީގައި، ސީދާ ރައީސް މުއިއްޒު އައްޔަން ކުރައްވާ ދެ ބޭފުޅުން ތިއްބެވި އެވެ. އެ ކޮމިޓީގައި ރައީސް މުއިއްޒުގެ ނުފޫޒު ފުރިހަމައަށް އޮތް ކަމަށް ބެލުމަކީ، ސަބަބުވެރި ވިސްނުމަކުން ވިސްނާއިރު ގަބޫލު ކުރެވިދާނެ ވާހަކައެކެވެ.
ކުޑަ ކޮމިޓީއިން ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ ވެސް ވަރަށް ބޮޑަށް އެއް ފަރާތަކަށް ބުރަވެ ހުރެ އެވެ. ވަކީލެއްގެ އެހީތެރިކަން ބޭނުންކޮށްގެން ދިފާއުވުމުގެ ފުރުސަތު ވެސް ފަނޑިޔާރު އަޒްމިރާލްދާއަށް ދޭން ދެކޮޅު ހެދި އެވެ. އަދި އަޒްމިރާލްދާ އާއި މަހާޒްގެ ދިފާއުގައި ހުށަހެޅި ހެކިތައް ބަލައިގަތުމަށް ކޮމިޓީއިން އިންކާރު ކުރި އެވެ. އެއަށްފަހު، ކޮމިޓީއަށް ފެންނަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ކަމަށް ކަނޑައަޅައި ރިޕޯޓެއް ތައްޔާރު ކުރި އެވެ.
ފަނޑިޔާރުންގެ ދިފާއުގައި ހުށަހެޅި ހެކި ބަލައިނުގަތުމަށް ކޮމިޓީއިން ނިންމީ ހުދުމުހުތާރު ގޮތަކަށެވެ. ކޮމިޓީއިން ބުނީ، އެ ހެކި ބަލައިގަނެ، ހެކިން ގެނައި ނަމަވެސް ކޮމިޓީގެ ނިންމުން ބަދަލު ނުވާނެ ކަމަށް އެ ކޮމިޓީއިން ނިންމި އެވެ،
"ކޮމިޓީގެ ނިންމުމަށް ވާސިލުވުމުގައި ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އެންމެހާ ކިތާބީ ހެއްކާއި ޝަފަހީ ހެކި ބަލައިނުގަތުމަށް ވެސް ނިންމާފައިވާއިރު، އެ ނިންމުން ނިންމާފައި ވަނީ އެ ހެކިތަކުން ސާބިތުކުރަން ބޭނުންވާ ކަންކަން އެނގެން ނެތް ކަމަށާއި އަދި އެ ހެއްކަށް ރިއާޔަތް ކުރި ނަމަވެސް ތަހުގީގަށް ހޯދިފައިވާ ކަންކަން ނަފީ ނުކުރެވޭނެ ކަމަށް ބަޔާން ކުރުމަށްފަހު،" އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުންޏެވެ.
ސުޕްރީމް ކޯޓު އަދި ދިވެހިރާއްޖޭގެ ޖުޑިޝަރީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އިރު އުއްތަމަ ފަނޑިޔާރު ހަނު ހުންނަވާތީ އެމަނިކުފާނަށް ދަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އުއްމަތަ ފަނޑިޔާރާ ގާނޫނުން މަތިކޮށްފައިވާ ހައްސާސް ޒިންމާތަކެއް އޮވެ އެވެ. ކޯޓުތަކުގެ ގާނޫނުގައި އެމަނިކުފާނުގެ ޒިންމާތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތެވެ.
ގާނޫނުގައި ބަޔާން ކުރާ އުއްތަމަ ފަނޑިޔާރުގެ ޒިންމާތައް
އުއްތަމަ ފަނޑިޔާރުގެ ޒިންމާތައް އަދާ ނުކުރައްވާ މައްސަލައިގައި އެމަނިކުފާނަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ކުރީގެ ބަންޑާރަނައިބު ޑރ. އަހުމަދު އަލީ ސަވާދެވެ. މީގެ ކުރިން މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސަވާދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު ހުންނަވަންޖެހޭނީ ސުޕްރީމް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންގެ ހިމާޔަތުގައި ކަމަށެވެ.
"ފަސްޓް ލައިން އޮފް ޑިފެންސް، ލާސްޓް ލައިން އޮފް ޑިފެންސަށް ވާން ޖެހޭނީ ޗީފް ޖަސްޓިސް. އެވަރު ޕްރޮޓެކްޝަން ޗީފް ޖަސްޓިސްއަށް ދެން ތިއްބެވި ފަނޑިޔާރުންނަށް ނުދެވެންޏާ ދެން ކޮންމެފަދަ ކަމެއް ވެސް ފަނޑިޔާރުންނަށް ކުރެވިދާނެ ކަމުގެ އިހުސާސް ދެން ތިއްބެވި ފަނޑިޔާރުންނަށް ވާނެ،" ޑރ. ސަވާދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހިމާޔަތުގައި އުއްތަމަ ފަނޑިޔާރު ނުކުންނަވާނެކަމުގެ ޔަގީންކަން ފަނޑިޔާރުންނަށް ލިބެންޖެހޭނެ ކަމަށް ވެސް ސަވާދު ގަބޫލު ކުރައްވަ އެވެ.
"ބެންޗުގައި ތިއްބެވި ޖަސްޓިސަސްއަށް އެހެންވީމަ އެނގެންޖެހޭނެ ތިމަންމެންނަށް ތިމަންމެންގެ ޕްރޮފެޝަނަލް ފަންނީ އޮޕީނިއަން މި ރައުޔު މި މައްސަލައިގައި ރައީސްއާ ދެކޮޅަށް ވެސް ދެވޭނެއޭ. ދިނީމަ އަންނަ ނުފޫޒުން އުއްތަމަފަނޑިޔާރު ތިމަންނަ ހިމާޔަތްކުރާނެއޭ," އޭނާ ވިދާޅުވި އެވެ.
މި ހައްސާސް ދަނޑިވަޅުގައި އުއްތަމަ ފަނޑިޔާރު ޖުޑިޝަރީގެ ދިފާއުގައި ނުކުމެވަޑައިނުގަންނާތީ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އެވެ.
"މިހާރު މަޖިލީހެއް ނެތް. ޖަވާބުދާރީކުރުމުގެ ބާރު ނެތިއްޖެ. ގާނޫނު ހެދޭނެ ގޮތެއް ވެސް ނެތް. އަލުން އަނބުރާ ރައްޔިތުންގެ މަޖިލީހެއް ވެސް ހަދަން ޖެހޭނެ. ސުޕްރީމް ކޯޓެއް ވެސް އަލުން ހަދަން މި ޖެހުނީ.ސުޕްރީމް ކޯޓު މި ހިސާބަށް ދިޔަ ކަމެއް އުއްތަމަ ފަނޑިޔާރަށް ވެސް ނޭނގޭ،" ޒިޔާދު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ހަނު ހުންނަވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ޔާމީން ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ އެއްވެސް ނަޒާހާތްތެރިކަމެއް ހުރި ނަމަ މިހާރު އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"އުއްތަމަފަނޑިޔާރުއާ އެކީ މަސައްކަތް ކުރާ ބެންޗުން ދެ މީހުން ތިން މީހުން ގެންދިޔައިރު ވެސް، މީނައަކަށް ހީއެއްނުވޭ ކަމެއްވާހެން ވެސް. މުސާރަ ލިބޭތީ ހަމަ ކޮންމެ ކަމެއް ހެޔޮވަރު. އޭނައަކީ އެއްވެސް ކަހަލަ އިންޓަގްރިޓީއެއް ހުރި މީހަކު ކަމުގައި ވަނީނަމަ ހަމަ މިކަމުގައި އިހުތިޖާޖުގައި އިސްތިއުފާދީފައި ދުރަށް ދާން ޖެހޭ. އޭނައަކީ ގާނޫނު ދެމެހެއްޓުމުގައި އަދްލު އިންސާފު ދެމެހެއްޓުމުގެ ކަސްޓޯޑިއަލްއެއް،" ޔާމީން ވިދާޅުވި އެވެ.
~~
ސަރުކާރާއި ބާރުގަދަ ބަޔަކު އިސްވެ، ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްލުމުގެ ކުރިން އުއްތަމަ ފަނޑިޔާރު ދެއްވި ތަގުރީރެއްގައި، އެމަނިކުފާނު ރިޓަޔާ ކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް ވަނީ ދެއްވައިފަ އެވެ.
"ހަމަ އެކަށީގެންވާ ކަމެއް މި ހައިސިއްޔަތުން މިފަދަ ޖަލްސާއަކުން ނުފެނުމަކީ ވެސް،" ފެބްރުއަރީ 17، ގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންކަމުން، އެމަނިކުފާނު ދާދި އަވަހަށް ރިޓަޔާ ކުރައްވައިފާނެ ކަމަށް ބެލުމަކީ ގޯހެއް ނޫނެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވާއިރު، އެމަނިކުފާނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ފަސްބައި ކިލަނބު ނުވާނެ ގޮތަކަށް މަސައްކަތް ކުރެއްވުމަށްފަހު މަގާމުން ދުރުވެވަޑައިގަތުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ