އަންހެން މީހާ ވެއްޓުން: އިޒްދިޔާން ވަކިކޮށް، ދާއޫދު ޒުވާނުންގެ ކޮމިޓީން ވަކިކޮށްފި
މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ ހޫނުވެެފައި ވަނިކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީން ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށް، ދާއޫދު އަހްމަދު ސަސްޕެންޑްކޮށްފި އެވެ.ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ. އެއީ، 21 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ.އެ ކުއްޖާ ވެއްޓުނީ އެރޭ އޮތް 'ޕާޓީއަކަށް' ފަހު ގެއެއްގެ ތެރެއަށް ވަދެ އުޅެނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.ނަމަވެސް "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސްކަމުގެ މަގާމުން ދާއޫދު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޓީން މިއަދު އޭނާ ވަކިކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ އަންހެން މީހާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އެ އަންހެން ކުއްޖާ އާއި ރައުދު ވެސް އެ ރޭ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.ފުލުހުން ބުނި ގޮތުގައި ތަހުގީގަށް މިހާތަނަށް އެނގެނީ އެ ކުއްޖާ އަމިއްލައަށް ވެއްޓުނީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ