ދުސްތޫރީ މައްސަލައިގެ ޝަރީއަތަށް ފަނޑިޔާރު އަލީ ރަޝީދު ހުރަސް އެޅުއްވި ކަމަށް ބުނެ ޖޭއެސްސީއަށް ޝަކުވާއެއް ދުސްތޫރީ މައްސަލައިގެ ޝަރީއަތަށް ފަނޑިޔާރު އަލީ ރަޝީދު ހުރަސް އެޅުއްވި ކަމަށް ބުނެ ޖޭއެސްސީއަށް ޝަކުވާއެއް

ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ހުރަސް އެޅޭ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަމަލު ކުރެއްވި ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލު ކުރަން ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ތާވަލު ކުރީ ފެބްރުއަރީ 26، ގަ އެވެ. އެކަމަކު، އެ އަޑުއެހުމަށް ހުރަސް އެޅޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ ދުވަހު ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމުން އެ އަޑުއެހުމެއް ނުބޭއްވުނެވެ.
ފަނޑިޔާރު އަލީ ރަޝީދުއާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ އެ ދުވަހުގެ އަޑުއެހުން މެންދުރު ކުރި 11:00 އަށް ތާވަލުކޮށްފައި އޮއްވައި، އޭނާ ކޯޓަށް ވަޑައިގެންނެވީ ގަޑިޖެހިގެން, ފަނޑިޔާރުން ސަސްޕެންޑު ކުރި ކަމުގެ ނޯޓިސް ކޯޓަށް ލިބުމުން ކަމަށެވެ.
އަލީ ރަޝީދު ގަޑިޖެހިގެން ވަޑައިގެންނެވިއިރު އެކަން ކުރިން ކޯޓަށް އަންގާފައިނުވާ ކަމަށް ވެސް އެ ޝަކުވާފައި ބުނެފައިވެ އެވެ. ޝަރީއަތަށް ހާޒިރުވުމުގެ ބަދަލުގައި ފަނޑިޔާރު އެ ވަގުތު ވަޑައިގެންނެވީ ކާރުގައި ހުޅުލެއަށް ކަމަށް ވެސް އެ ޝަކުވާގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ހެކިންގެ ގޮތުގައި ހިމަނާފައި ވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ބެންޗަށް ސެޕްޓެމްބަރު، 2020، ގައި އަލީ ރަޝީދު އައްޔަން ކުރި ފަހުން ހޭދަވި ހަތަރު އަހަރާއި ފަސް މަސްދުވަސް ތެރޭގައި އެ ދުވަހު ނޫނީ ކޯޓަށް ގަޑިޖެހިގެން ވަޑައިގެންފައެއް ނުވެ އެވެ.
ފެބްރުއަރީ 26، ގައި ބާއްވަން އުޅުނު އަޑުއެހުމަށް ކުޑަތަންވެފައި އޮއްވައި ސަސްޕެންޑު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރެވެ. ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ވިދާޅުވެ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން އެ ބޭފުޅުންގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ޖޭއެސްސީއިން އެ ތިން ފަނޑިޔާރުން ވެސް ސަސްޕެންޑު ކުރީ އެ ބޭފުޅުންގެ ޖިނާއީ މައްސަލަތަކެއް އޭސީސީއިން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ. ސުއޫދާ ގުޅޭ ގޮތުން ޖޭއެސްސީއިން ބަލަނީ ހައި ކޯޓުގެ ރަޖިސްޓްރާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ވާހަކަ ދެއްކި މައްސަލައެކެވެ. މަހާޒް އާއި އަޒްމިރާލްދާއަށް ކުރާ ތުހުމަތަކީ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލައިގައި ފަނޑިޔާރު ސުއޫދު ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. ސުއޫދު ވިދާޅުވީ ރައީސް ޑރ. މުއިއްޒާއި ބަންޑާރަ ނައިބު އުޝާމް ފަނޑިޔާރުންނަށް ބިރުދައްކަމުންދާ ކަމަށެވެ.
"... ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ މަނިކުފާނު އެދޭ ގޮތަށް ނިންމުމަށް މަނިކުފާނު ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. އާއި ރ. އާ ހިލާފަށް ނުފޫޒު ފޯރުވަމުން ގެންދަވާތީވެ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހިނދުން ފެށީގެން އަޅުގަނޑު އިސްތިއުފާ ދީފިން،" އިސްތިއުފާގެ ސިޓީގައި ސުއޫދު ވިދާޅުވި އެވެ.
އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާގެ ގާނޫނީ ވަކީލުން ވެސް ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށެވެ. އަދި ސަރުކާރުގެ ވެރިން ގާނޫނީ ވެރިކަމަށް ރުޖޫއުވާން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
"ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއްކޮށް، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ދައުލަތުގެ އެކި މުއައްސަސާތަކުން އިޖުރާއަތްތަކެއް ހިންގަމުންދާއިރު އެކަމާ ގުޅިގެން މުއައްސަސާތަކަށް ފަނޑިޔާރު ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާތީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއަށް މި މައްސަލަތަކުގައި އިންސާފު ހޯދުމަށް ހުރަސް އެޅިފައިވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަނޑިޔާރުންގެ މައްސަލަތަކެއް ފެންމަތިކޮށް، ގޮނޑި ގެއްލުވައިލެވޭ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ޖޭއެސްސީން ހުރަސްއެޅިއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފެބްރުއަރީ 26، ގައި ގައިރު ގާނޫނީ ބިލެއް ފާސްކޮށްފަ އެވެ.
އެ ބިލު ތަސްދީގު ނުކުރަން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. ތަސްދީގު ކުރި ނަމަވެސް އެއީ އަމަލު ކުރެވޭނެ ބިލެއް ނޫން ކަމަށް ބާ ކައުންސިލުން ބުނެ އެވެ. އެ ބިލަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން ފާސް ކުރި ބިލެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ވަކީލުން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ