ވާހަކަ: ގަބުރުސްތާނު - ބާރަވަނަ ބައި

އެޕިސޯޑް 12
އިއްޔެގެ ބަޔާ ގުޅޭ
"އަހަރެން ބަލިވިޔަސް ދެރަވާނެ މީހަކު ނުހުންނާނެ،" ޔަޒްދާ ބުންޏެވެ.
"އަހަރެން މި ހުރީނު؟" ބޭއިހުތިޔާރުގައި ބުޝްރީއަށް އެހެން ބުނެވުނެވެ. "މި ބުނީ އަހަރުމެން މި ތިބީ ނޫންހޭ. ރަނގަޅު ރައްޓެހިންނަކީ ވަރަށް މަދުން ނޫނީ ނުލިބޭ ބައެއް."
"ބުޝްރީ ތިހެން މި ގެއަށް އަންނަންޏާ އަންހެނުން ރުޅި އަންނާނެ،" ޔަޒްދާ އެ ވަގުތު ހިޔާލަށް އައި ވާހަކަ ބުނެލި އެވެ. އޭނާ އެ ބުނީ ބޮޑު އެއްޗެކެވެ. ބުޝްރީއަށް އެ ވަރު ވިސްނުނެވެ.
"ތީގެ މާނައަކީ އަހަރެން ދެން މި ގެއަށް ނާންނާށޭ ދޯ؟ އެންމެ ރަނގަޅު، އަހަރެން ނައިސް އުޅެފާނަން. އެކަމަކު ޔަޒްދާގެ ހާލު ނުބަލާ އުޅެން މަށަށް ވަރަށް އުނދަގޫވާނެ،" ބުޝްރީ ބުންޏެވެ.
"އަހަރެން ނުބުނަން ނާންނާށެކޭ. އެކަމަކު މަށާ ހެދި ތި ދެ މީހުން މައްސަލަޖެހޭކަށް މަ ބޭނުމެއް ނޫން. މި ރަށުގައި އުޅޭނެ ފާޑުފާޑުގެ ވާހަކަ ފަތުރާ މީހުން،" ޔަޒްދާ ވާހަކަ ދެއްކީ ވަރަށް ހިތްވަރު ކޮށްގެންނެވެ. އޭނާއަށް ވިސްނޭ އެއްޗެހި ކިޔަމުން ދިޔަ އެވެ.
"އެއީ މަށަށް މައްސަލައެއް ނޫން. މީހުންގެ އަނގައަކު ނުހިފެހެއްޓޭނެ. އެކަމަކު އެ ކަމަކީ ޔަޒްދާއަށް މައްސަލައަކަށް ވަންޏާ މި ރެއިން ފެށިގެން އަހަރެން ދެން މި ގެއަކަށް ނާންނާނަން،" ދެރަވެލާފައި ބުޝްރީ ބުންޏެވެ.
"ނޫން، ނޫން،" ޔަޒްދާއަށް ބުނެވުނެވެ. ބުޝްރީއަށް ހިނިތުންވެވުނެވެ. އެއީ ޔަޒްދާ ދިން ފެހި ސިގުނަލެއް ބާވައޭ އޭނާގެ ހިތަށް އެރި އެވެ.
"އަންހެނުން ނުގަބޫލު ވިޔަސް ޔަޒްދާ ބޭނުން ނަމަ އަހަރެން މި ގެއަށް އަންނާނަން،" ބުޝްރީއަށް ބުނެވުނެވެ.
"އެއީ ކީއްވެ؟" ޔަޒްދާ އަހައިލި އެވެ.
"އެއީ، އެއީ ތިއީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ އަންހެނުންވީމަ. އަދި އޭގެ އިތުރުން އަހަރެންގެ ވެސް ވަރަށް ގާތް ރައްޓެއްސެއްވީމަ. ކޮންމެ ގޮތެއް ވިޔަސް ޔަޒްދާގެ ހަޔާތުން ޝިފާޒްގެ އުނިކަން މުޅި އުމުރަށް ހުންނާނެ. އެކަން އެއްވެސް މީހަކަށް ފޫބައްދައެއް ނުދެވޭނެ."
ޔަޒްދާ ހިނިތުންވެލި އެވެ. އެއީ ވަރަށް އުނދަގުލުން އޭނާއަށް ކުރެވުނެ ކަމެކެވެ. ނަމަވެސް ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަހަލަ އެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ؟'' ޖެހިލުންވެ އިނދެ ބުޝްރީ އަހާލި އެވެ. ޔަޒްދާ ބޯ ޖަހާލި އެވެ.
"ޔަޒްދާއަށް އެއްވެސް ކަހަލަ އުނދަގުލެއްވޭތަ؟ މި ބުނީ ބިރުގަނެ، މީހަކު ފެނި އެ ކަހަލަ އެއްވެސް ކަމެއް ވޭތަ؟" ބުޝްރީ އަހައިލި އެވެ.
ޔަޒްދާ ހިންދިރުވާލި އެވެ. އެ ވާހަކަ ކިޔައިދޭންވީތޯ ހިތުގައި ސުވާލު އުފެދުނެވެ. ބުޝްރީއާ ދިމާލަށް ޔަޒްދާ ރަނގަޅަށް ބަލާލި އެވެ. މިއީ އެ ވާހަކަ ކިޔައިދޭން އެންމެ އެކަށީގެންވާ މީހާތޯ ވެސް ހިތަށް އެރި އެވެ. އެ ވާހަކަތައް ކިޔައިދިނުމުން އިތުރު ގޯހެއް ހިނގާފާނެ ބާވައޭ އޭނާގެ ހިތް ބުނަމުން ދިޔަ އެވެ. އެކަމަކު ސިއްރުކޮށްގެން ވީ ކަމެއް ނެތެވެ. ލިބުނީ ހުސް ގެއްލުމެވެ.
"ނޫން، ނުވޭ. ކީއްވެ ތި ކަހަލަ ސުވާލު ތި ކުރަނީ؟" ހަމަޖެހިލަން މަސައްކަތް ކުރަމުން ޔަޒްދާ ބުންޏެވެ.
"މިހެން މި ބުނީ ނަސީފް ބުނި އެއްޗަކުން."
"އޭނާ ކީކޭ ބުނީ؟" ޔަޒްދާ ޝައުގުވެރިވި އެވެ.
"އޭނާ ބުނީ ޔަޒޫއާ ޖިންނިއެއް އަވަލާފަޔޯ. ވަރަށް އުނދަގޫވާނެޔޯ އެ ޖިންނި ދުރުކުރަން. އެކަން ޔަޒޫއަށް ގަބޫލު ކުރެވޭތަ؟" ވިސްނާލަމުން ބުޝްރީ ބުންޏެވެ.
ހޫނު ފެން އެއްޗެއް ހަށިގަނޑުގެ ތެރެއަށް ދިޔުމުން ކުރެވޭ ކަހަލަ އިހްސާސެއް ޔަޒްދާއަށް ކުރެވުނެވެ. އެއީ ޔަޒްދާއަށް ފެންނަމުންދާ ކަންކަމަށް ވިޔަސް ހަމަ ހަގީގަތުގައި ވެސް ޖިންނިއެއް އަވަލާފައޭ ބުނުމުން ކުއްލިއަކަށް ބިރުގަތީ އެވެ.
"ގަބޫލެއް ނުކުރަން. ހަމަ ހުރެފަ މީހުންނާ ޖިންނި އަވަލާތަ؟" ޔަޒްދާ ބެލީ މޫނުމަތިން ހަމަޖެހުން ދެއްކޭތޯ އެވެ. ނަމަވެސް ހިތުގައި ބިރުވެރިކަން އަށަގަންނަމުން ދިޔަ އެވެ. އޭނައަށް މި ދިމާވާ ހުރިހާ ކަމަކީ ވެސް އެ ޖިންނި ކުރާ ކަމެއް ކަމުގައި ހިތަށް އަރަމުން ދިޔަ އެވެ.
"އެކަމަކު ޝިފާޒްގެ މަރު؟ އެއީ ކިހިނެއްވީ ކަމެއް؟ ނަސީފް ވެސް ބުނީ އެއީ އެ ޖިންނި ކުރި ކަމެކޭ،" ބުޝްރީ ކުރެއް ނުކުރިއެވެ.
"އަހަރެންނަކަށް ނޭނގެ ޝިފާޒަށް ކިހިނެއް ކަމެއް ވެފައި އެ އޮތީ. އެކަމަކު ޖިންނިން އައިސް މީހުންގެ ތެރޭގައި އެހެން އުޅޭނެތަ؟" ޔަޒްދާ ސުވާލު ކުރި އެވެ.
"އާނ. އުޅޭނެ. ޔަޒޫއަށް އެކަމެއް ނޭނގޭތަ؟ ނުވަތަ ގަބޫލު ނުކުރަނީތަ؟" ބުޝްރީ އަހައިލި އެވެ.
"މަށަކަށް ނޭނގެ މިހާރު ގަބޫލުކުރާނެ އެއްޗެއް،" ފޫހިވެފައި ޔަޒްދާ ބުންޏެވެ. އޭނާ އަދިވެސް ބޭނުންވަނީ އެކަންކަން ސިއްރު ކުރާށެވެ. އެއްވެސް މީހަކަށް އެއިން އެއްވެސް ވާހަކައެއް ކިޔައިދޭކަށް ބޭނުމެއް ނުވެ އެވެ.
ޔަޒްދާ އޮތީ ނިދާށެވެ. ދެ ފަރާތަށް ފުރޮޅި ފުރޮޅި ފޫހިވި އިރު ވެސް ނިދޭ ގޮތެއް ނުވި އެވެ. އެނބުރެމުން ދިޔަ ފަންކާއާ ދިމާލަށް ބަލަހައްޓައިގެން އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެ އެވެ. އަނެއްކާވެސް ފުރޮޅިލި އެވެ. ޝިފާޒް އޮންނަ ދިމާލަށް އެނބުރިލި އެވެ. އަދި މަޑުމަޑުން އެތަނުގައި އަތް ކާއްތާލި އެވެ. ޝިފާޒް ނެތްކަމުގެ ފަޅުކަން ޔަޒްދާގެ ހަޔާތަށް ވެރިވި އެވެ. އެކަމުން އަރައިގަންނާނެ ގޮތެއް ނުވިސްނެ އެވެ. ކުއްލިއަކަށް ޔަޒްދާ އެނދުން ތެދުވި އެވެ. އަދި ކޮޓަރިން ބޭރަށް ހިނގައިގަތެވެ. ސިޓިން ރޫމުގައި ހުރި ގަޑިއަށް ބަލާލި އެވެ. އޭރު ގަޑިން މެންދަންވެ 2:14 އެވެ. ޔަޒްދާ ގެއިން ނުކުމެގެން ކަނާއަތް ފަރާތަށް އޮތް މަގުން ހިނގައިގަތެވެ. ކުރިމަތިން ފެންނަން އޮތީ ގަބުރުސްތާނެވެ. ޔަޒްދާ އެ ދިމާލަށް ދިޔަ އެވެ. އަދި ގަބުރުސްތާނު ތެރެއަށް ވަދެގެން ދިޔަ އެވެ. ގޮސް ޝިފާޒްގެ މަހާނަ ކައިރިއަށް ހުއްޓުނެވެ. އަދި އިށީނެވެ. ދުރުން ދިއްލާފައި ހުރި ބޮކީގެ އަލިކަން ކޮންމެވެސް ވަރަކަށް އެ ހިސާބަށް ފޯރަ އެވެ. އެކަމަކު ފަނޑު އަނދިރިކަމެއް ވަނީ ތަނަށް ވެރިވެފަ އެވެ. ޔަޒްދާ މަޑުމަޑުން ޝިފާޒަށް ގޮވާލި އެވެ. އަދި މަހާނާގައި އަތް ކާއްތާލި އެވެ. އަނެއްކާވެސް ގޮވާލި އެވެ. ޔަޒްދާއަށް ހީވީ ޝިފާޒް ޖަވާބު ދިން ހެންނެވެ. ތިންވަނަ ފަހަރު ވެސް ޔަޒްދާ ގޮވާލި އެވެ. ދެން ވެސް ޝިފާޒް ޖަވާބު ދިންހެން ހީވި އެވެ. އެއީ ހީވާ ގޮތެއް ހެއްޔެވެ؟ ޔަޒްދާ މަޑުމަޑުން މަހާނައާ ގާތަށް ބޯ ތިރިކޮށްލި އެވެ. އަދި މަހާނާގައި ކަންފަތް ޖަހާލި އެވެ. އެ ވަގުތު ކުއްލިއަކަށް މަހާނަ ތެރެއިން އަތްތިލައެއް ނުކުތެވެ. ޔަޒްދާގެ މޫނާ ދާދި ކައިރިންނެވެ. ޔަޒްދާ ބިރުން ފަހަތަށް ޖެހިލި އެވެ. އަތްތިލަ މަޑުމަޑުން މަހާނަ ތެރެއަށް ވަދެގެން ދިޔަ އެވެ. އެއީ ހީވި ގޮތެއް ނޫނެވެ. އެއީ ޝިފާޒްގެ އަތެވެ. އެ އަތެއް އޭނާއަކަށް ނުއޮޅޭނެ އެވެ.
އަނެއްކާވެސް މަހާނައާ ކައިރިވެލި އެވެ. ޔަޒްދާ އިނީ ބިރުގަނެފަ އެވެ. ހިތަށް އެރި އެވެ. އަނެއްކާ ޝިފާޒް މަރު ނުވަނީބާވަ އެވެ؟
"ޝިފާޒް. ކީއްވެ އަހަރެން އެކަނި ކޮށްލާފައި ތި ދިޔައީ؟" މަޑުމަޑުން ޔަޒްދާއަށް ބުނެވުނެވެ.
"ޔަޒޫ. އަހަރެން ނުދަމޭ،" ޔަޒްދާއަށް އަޑު އިވުނީ ޝިފާޒްގެ އަޑެވެ. މަހާނަ ތެރެއިންނެވެ. ޔަޒްދާ ބިރުގަނެފައި އިން ނަމަވެސް އެ އަޑު އިވުމުން އޭނަގެ ހިތަށް ހަމަޖެހުން ލިބެމުން ދިޔަ އެވެ.
"ޔަޒޫ،" ފަހަތުން މީހަކު ގޮވާލި އެވެ. އެއީ ވެސް ދަންނަ އަޑެކެވެ. ޔަޒްދާ ދިއައީ ސިއްސައިގެންނެވެ. އަޑު އައީ ޔަޒްދާގެ ފުރަގަހުންނެވެ. މި ފަދަ ގަޑިއެއްގައި މިތަނުން މީހަކަށް ފެނިއްޖިއްޔާ ވާނެ ގޮތެއް ވެސް ނޭނގެ އެވެ. ޖެހިލުންވެ ހުރެ އަނެއް ފަރާތަށް ޔަޒްދާ އެނބުރުނެވެ. ޔަޒްދާގެ ދެ ލޯ ބޮޑުވި އެވެ.
"ޝިފާޒް؟" ވައި އަޑަކުން ޔަޒްދާއަށް ބުނެވުނެވެ. ޝިފާޒް ހުރީ ހިނިތުންވެލައިގެންނެވެ. ޔަޒްދާ އެނބުރިފައި މަހާނައަށް ބަލާލި އެވެ. އެތަން ހަމަ ހުރި ގޮތަށް ހުއްޓެވެ.
"ޔަޒޫ،" އަނެއްކާވެސް ޝިފާޒް ގޮވާލި އެވެ.
"ތިއީ ހަމަ ޝިފާޒްތަ؟" ޔަޒްދާއަށް ގަބޫލު ކުރަން އުނދަގޫ ވެގެން އަހާލި އެވެ.
"މިއީ ހަމަ ޔަޒޫގެ ޝިފާޒް،" އޭނާ ބުންޏެވެ.
"އެކަމަކު އަހަރެން ދުށިން ޝިފާޒްގެ މަރުވެފައި އޮތް ހަށިގަނޑު،" ޔަޒްދާ ބުންޏެވެ.
"އަހަރެން މަރެއް ނުވޭ. އަހަރެން މަރާލަން ބަޔަކު އުޅުނީ. ދެން އެ ވާހަކަ ބާއްވާ. ޔަޒޫ ކިހިނެއްތަ؟"
"އަހަރެން ކިހިނެއްވާނީ؟ ކިހިނެއް ޝިފާޒްއާ ނުލައި ދިރިއުޅޭނީ؟" ދެރަވެލާފައި ޔަޒްދާ ބުންޏެވެ.
"ދެން އެހެންނެއް ނުވާނެ،" ޔަޒްދާއާ ކައިރިއަށް ޖެހިލަމުން ޝިފާޒް ބުންޏެވެ.
"ޔަގީންތަ؟ އަހަރެން ދޫކޮށްލާފައި ދެން ދުވަހަކު ވެސް ނުދާތި،" ޔަޒްދާ ވެސް ޝިފާޒްއާ ގާތްވެލި އެވެ. އަދި ޝިފާޒް މޭގައި ބޯ އަޅާލި އެވެ. އަދި ދެ ލޯ މަރާލި އެވެ. ކުއްލިއަކަށް ދޫނި ގޮވާ ކަހަލަ އަޑެއް އިވުނެވެ. ވަރަށް ތޫނު އަޑެކެވެ. ޔަޒްދާ ލޯ ހުޅުވާލި އެވެ.
"ކޮން އަޑެއް އެ އިވެނީ؟" ޔަޒްދާ އަހައިލި އެވެ. އެއާއެކު ވިދާލި އެވެ. ދެ މީހުން ތިބިތާ ކައިރީގައި ހުރި ގަހަކަށް ހޮނުއެޅި އެވެ. އެ ގަހުން ނައްޓާލި ގޮފިގަނޑެއް ސީދާ ޔަޒްދާއާ ދިމާލަށް ވެއްޓެން ދިޔަ އެވެ. ނަމަވެސް ވެއްޓުމުގެ ކުރިން އެ ގޮފިގަނޑު އަނދައި އަޅިއަށް ވިއެވެ. އެ މަންޒަރު ޔަޒްދާއަށް ސާފުކޮށް ފެންނަމުން ދިޔަ އެވެ.
"އެއީ ކިހިނެއްވީ ކަމެއް؟" ޔަޒްދާ ހައިރާންވެފައި ޝިފާޒް ކައިރީ އަހައިލި އެވެ.
-ނުނިމޭ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ