މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި

ނަރީޝް ވަނީ މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާފަ އެވެ.
މާލެ ސިޓީ ކައުންސިލުން، ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނަރީޝް ވަނީ މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާފަ އެވެ.އިސްތިއުފާ ދެއްވައި ކައުންސިލްގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ނަރީޝް ވަނީ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމަށް އިންތިހާބު ކޮށްދީފައިވާތީ އެ ދާއިރާގެ ރައްޔިތުންނަށާއި، އޭނާ ތަމްސީލުކުރައްވާ ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނަށާއި އަދި ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.އޭނާ ވަނީ ކައުންސިލްގެ އެތެރެއިން ނެގި ވޯޓުން އޭނާ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އިންތިހާބު ކޮށްދިން ހުރިހާ މެންބަރުންނަށް ވެސް ޝުކުރު ދަންނަވާފަ އެވެ. "މާލެ ސިޓީ ކައުންސިލްގައި އަޅުގަނޑު މި ހޭދަކުރި މުއްދަތަކީ، ވަޒީފާއާއި މަސައްކަތުގެ ދާއިރާގައި އަޅުގަނޑު ހޭދަކުރި އެންމެ އުފާވެރި ދުވަސްކޮޅެވެ. އަދި މިއީ އެކިދާއިރާތަކުން ތަފާތު ތަޖުރިބާތައް ކުރެވި، އަޅުގަނޑުގެ ޝަހުސިއްޔަތު ބައްޓަން ކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ." ނަރީޝްގެ ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލްގެ ހުރިހާ ގިންތިއެއްގެ ހުރިހާ މެންބަރުން ވެސް ސިފަ ވަނީ އާއިލާއެއްގެ ގޮތުގައި ކަމަށެވެ. ކައުންސިލްގައި ހޭދަކުރެއްވި ދުވަސްތަކުގައި ދަސްވި ފިލާވަޅުތަކަކީ ކުރިއަށް އޮތްތަނުގައި ބޭނުންކުރެވޭނެ މުހިންމު ފިލާވަޅުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ."ޑެޕިއުޓީ މޭޔަރުގެ މަގާމުން އަޅުގަނޑު ވަކިވި ނަމަވެސް، މާލެ ސިޓީ ކައުންސިލާއި އަޅުގަޑާ ދެކެދި އުފެދިފައިވާ ގާތް، ބަދަހި ގުޅުން، ތާ އަބަދު، އެގޮތުގައި އޮންނާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." ނަރީޝްގެ ސިޓީ ނިންމާލައްވަމުން ބަޔާންކުރައްވާފައިވެ އެވެ.ނަރީޝް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބު ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ކޮންމެވެސް މަގާމަކަށް ވަޑައިގަތުމަށް ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ