އިދިކޮޅުގެ އަދަދުތައް ނުބައި، އެމްއެމްއޭއިން ފައިސާ ނެރޭނީ ޒިންމާދާރުކޮށް: ނާޒިމް
މި ސަރުކާރުން 15 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފައިސާ ދައުރުކުރަން ނެރުނަސް ނެރޭނީ ޒިންމާދާރު ގޮތެއްގައި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ސަރުކާރުން އަންނަނީ، މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުންނެވެ. https://sun.mv/203513 ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ހަދާ އެ އެއްބަސްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވެއެވެ. އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ނާޒިމް ވިދާޅުވީ އެމްއެމްއޭއަކީ އޭގެ ޒާތުގައި ބޭންކެއް ކަމަށާއި އެހެންވެ، ވިޔަފާރީގެ ގޮތުން ނަފާ ލިބޭ ގޮތަކަށް އެސެޓާއި ބިން ގަތުމަކީ އެ ބޭންކަށް ދޫކޮށްލަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ފަދަ ބޮޑު އަދަދުތަކުން ސަރުކާރުން، އެމްއެމްއޭއިން ފައިސާ ނަގަން ނޫޅޭ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑަށް ހަމަ 100 ޕަސެންޓް، ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ އެ ވިދާޅުވާ ގޮތަކަށް 14 ބިލިއަނުން 20 ބިލިއަނުން ކިޔާފައި ރައްޔިތުން ތެރޭ ކަންބޮޑުވުން އުފައްދަން ވެގެން ދައްކާ ވާހަކަ އެއީ މި ސަރުކާރަކުން އެހާ ޒިންމާދާރުކަން ކުޑަކޮށެއް ނުކުރާނެ އެކަން، ޔަގީން ނުކުރާނެ،" ނާޒިމް ވިދާޅުވިއެވެ. އެމްއެމްއޭ: އެމްްއެމްއޭއިން 15 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅޭ ކަމަށް ބުނަނީ ރައްޔިތުން ތެރޭ ކަންބޮޑުވުން އުފައްދަން ކަމަށް ނާޒިމް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އޭނާ ވިދާޅުވީ ސަރުކާރުން ފައިސާ ދައުރުކުރަން ނެރުނަސް ނެރޭނީ، އެކަމަށް ޖާގަ ލިބޭ ވަރަކުން ކަމަށެވެ. އެގޮތުން މި ސަރުކާރުން މިފަހުން 100 މިލިއަން ޑޮލަރުގެ ލޯނެއް ދައްކައިފައިވާ ކަމަށާއި އިތުރު 50 މިލިއަން ޑޮލަރުގެ ލޯނެއް މި އަހަރު ދައްކަން އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. "މިސާލަކަށް 150 މިލިއަން ޑޮލަރު ދެއްކީ، ދެއްކީމަ އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ނޫނީ 2.5 ބިލިއަން ރުފިޔާ. އެއަށްވުރެ ގިނަ އަދަދަކަށް ސަރުކާރަކުންނެއް މަނީ ސިސްޓަމް ތެރެއަކަށް ނުނެރޭނެ," ނާޒިމް ވިދާޅުވިއެވެ. ސަރުކާރުން އެއަށްވުރެ ގިނަ ފައިސާ ނުނެރޭނެ ސަބަބަކީ, އަހަރު ނިމޭއިރު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް ތިރިކުރަން އަމާޒު ހިފައިފައި އޮތުމުންނާއި ބޮޑު އަދަދެއްގެ ފައިސާ ނެރެފި ނަމަ އެ އަމާޒަށް ވާސިލުނުވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ދަރަނި ހުރުމުން، އާމްދަނީއެއް ލިބިއްޖެ ކަމަށްވާނަމަ ސަރުކާރުން ފުރަތަމަ ނިންމާނީ އެ ދަރަނި އަދާކުރަން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. "އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ސަރުކާރުން މިހާރު އެވަނީ 150 މިލިއަން ޑޮލަރު ދައްކާފައި، އެ ވަރުގެ ފިސްކަލް ސްޕޭސް ހޯދައިފައި. އެ އަދަދަށް ސްޕޭސް އޮތް ވަރަކަށް ސަރުކާރުން ލާރި ނެރޭނީ،" އޭނާ ވިދާޅުވިއެވެ. "1000 ފަހަރު ދޮގު ހެދީމަކާއެއް އެ ތެދަކަށް ނުވާނެ، އެ ވާނީ ހަމަ ދޮގަކަށް. އެހެންވީމަ ކިތަންމެ ވަރަކަށް ދެއްކިޔަސް، އޮންލައިންގައި ލިޔުއްވިޔަސް، ނޫސްތަކުގައި ލިޔުއްވިޔަސް، ކޮންމެ އެއްޗެއްގައި ލިޔުއްވިޔަސް ދޮގު ވާނީ ދޮގަށް. ތީ ހަމަ ކަނޑައެޅިގެން ދޮގެއް. ތި ވިދާޅުވާ އަދަދުތަކަކީ ހަމަ ކަނޑައެޅިގެން ދޮގެއް." "ސަން"އަށް އެނގިފައިވާ ގޮތުގައި އެމްއެމްއޭއަށް އެޗްޑީސީގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކުމުގެ މަޝްވަރާތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި، މިދިޔަ އާދިއްތަ ދުވަހު ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސާދު ހިންގާނެ ކަމުގެ ވައުދާ އެކުގައެވެ. އަދި ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކާ މީހުން މިހާރު ވެސް އަންނަނީ ފައިސާ ޗާޕު ކުރަން ނޫޅޭ ކަމަށް ބުނަމުންނެވެ. https://sun.mv/203558 ނަމަވެސް، އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ