އިސްފަހާނުގައި ހުންނަ އިރާނުގެ ނިއުކްލިއާ މަރުކަޒަށް އިޒްރޭލުން ހަމަލާދީފި އިސްފަހާނުގައި ހުންނަ އިރާނުގެ ނިއުކްލިއާ މަރުކަޒަށް އިޒްރޭލުން ހަމަލާދީފި

އިސްފަހާން ސިޓީގައި ހުންނަ އިރާނުގެ ނިއުކްލިއާ މަރުކަޒަށް އިޒްރޭލުން ހަމަލާ ދީފައިވާ ކަމަށް އިރާން އަދި އިޒްރޭލުގެ އޮފިޝަލުން ބުނެފި އެވެ.
އިސްފަހާނުގެ ޑެޕިއުޓީ ގަވަރުނަރާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ނިއުކްލިއާ މަރުކަޒަށް އަމާޒުކޮށް ހަމަލާދިނީ މިއަދު ހެދުނުގެ ވަގުތެއްގަ އެވެ. މި ހަމަލާތައް އެ މަރުކަޒަށް އަމާޒުވި ނަމަވެސް ނުރައްކާތެރި އެއްވެސް މާއްދާއެއް ލީކު ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
މިއީ އިރާނުގައި ހުންނަ ނިއުކްލިއާ މާއްދާތައް އުފައްދާ، އަދި އެކަމުގެ ރިސާޗު ހަދާ އެންމެ ބޮޑު މަރުކަޒެވެ. ނިއުކްލިއާ މާއްދާއެއް ލީކު ނުވި ނަމަވެސް ރައްކާތެރިކަން ކަށަވަރުވަންދެން އެ ސަރަހައްދާ ކައިރިއަށް އާންމުން ނުދިއުމަށް އިރާނުގެ އޮފިޝަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަދު ދެމުންދާ ހަމަލާތައް ނިއުކްލިއާ މަރުކަޒުގެ އިތުރުން ވެސް އިސްފަހާނުގެ އެކި ސަރަހައްދުތަކަށް ވަނީ އަމާޒުވެފަ އެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައެއް ނުވި ނަމަވެސް 10 މީހަކު ޒަހަމްވެފައިވެ އެވެ.
އިޒްރޭލުގެ ބައެއް ހަމަލާތައް އިރާނުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ މަތަކޮށްފައިވާއިރު އިޒްރޭލު އަސްކަރިއްޔާއިން އިރާނު މަތިން ދުއްވަމުން ގެންދިޔަ ޑްރޯން އެއް ވެސް މިއަދު ވަނީ ވަށްޓާލާފަ އެވެ.
މީގެ ހަފުތާއެއް ކުރިން އިޒްރޭލުން އިރާނަށް ހަމަލާ ދޭން ފެށީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އިރާނު ވަރަށް ކައިރިވެފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އިރާނުން އެކަން ދޮގު ކުރެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ގޮވާލެއްވީ އިރާނުން އެއްވެސް ޝަރުތަކާ ނުލައި އިސްތިއުފާ ދިނުމަށެވެ. އެ އިންޒާރު ވަރަށް ފަރުވާތެރިކަމާ އެކު ބަލަމުންދާ ކަމަށް ބްހްރެއިނީ ވިދާޅުވި އެވެ.
އެމެރިކާއިން ދަނީ އިރާނުން ފޮނުވަމުންދާ މިސައިލުތައް ވައްޓައިލުމަށް އިޒްރޭލަށް އެހީވަމުންނެވެ. މެދުއިރުމައްޗަށް އެ ގައުމުން އަންނަނީ އިތުރު އަސްކަރީ މަތިންދާބޯޓުތައް ފޮނުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ