ބޮޑު ހަނގުރާމައިގެ މެދަށް ތާށިވި ދިވެހި ޓެނިސް ޓީމް، ރާއްޖެ އަތުވެއްޖެ
އީރާނާއި އިޒްރޭލުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން އުރުދުންގެ ވައިގެ ސަރަހައްދު ބަންދުކުރުމުން އެ ގައުމުގައި ތާށިވި ގައުމީ އަންހެން ޓެނިސް ޓީމު މިއަދު ރާއްޖެ އަތުވެއްޖެއެވެ. ގައުމީ އަންހެން ޓެނިސް ޓީމު 'ބިލީ ޖީން ކިންގް ކަޕް' ނުވަތަ ޓެނިސް ވޯލްޑް ކަޕްގެ ކޮލިފައިންގައި ބައިވެރިވާން އުރުދުންއަށް ދިޔައީ މިމަހުގެ 12 ވަނަ ދުވަހުގެ ރެއެވެ. އެ ރޭ އިޒްރޭލުން ކުއްލި ގޮތަކަށް އީރާނަށް ހަމަލާ ދިނުމުން ދެ ގައުމުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފެށިއެވެ. އީރާނާއި އިޒްރޭލުން ފޮނުވާ މިސައިލްތައް ދަނީ އުރުދުންގެ މަތިން ކަމަށްވާތީ، އެ ގައުމުގެ ވައިގެ ދަތުރުތައް ކެންސަލް ކުރިއެވެ. އޭގެ ސަބަބުން އެހެން ގައުމުތަކުގެ ޓެނިސް ޓީމުތަކަށް އުރުދުންއަށް ނުދެވި، މުބާރާތް ވެސް ކެންސަލް ކުރީއެވެ. އެ މުބާރާތަށް ރާއްޖެ ތަމުސީލުކުރަން ހަތަރު ކުޅުންތެރިން ދަތުރުކުރިއެވެ. އޭގެތެރޭގައި ރާއްޖޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިއާ އާރާ އާސަލް އާޒިމް ވެސް ހިމެނެއެވެ. އެއީ 14 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންކޮޅެކެވެ. ދެން ތިބީ ޓީމުގެ އީރާން ކޯޗާއި މެނޭޖަރުގެ އިތުރުން ކުޅުންތެރިންގެ އާއިލާއެވެ. އެއް ކުޅުންތެރިއެއްގެ ކޮއްކޮއާއި މަންމައާއި ބައްޕަ ވެސް ތިއްބެވެ. 'ސަން'އަށް މައުލޫމާތު ލިބުނު ގޮތުގައި ޖޯޑަންގެ އެއާލައިނެއް ކަމަށްވާ 'ރޯޔަލް ޖޯޑޭޑިއަން' ފްލައިޓެއްގައި ރޭ ޓެނިސް ޓީމު ވަނީ ސަލާމަތްތެރިކަމާއެކު ދުބާއީއަށް ގޮސްފައެވެ. އެއާޕޯޓުގައި ތިބިިއިރު ވެސް އެ ކުޅުންތެރިންނާއި އާއިލާއަށް ހަނގުރާމައިގެ ބިރުވެރިކަން އިހުސާސްކުރެވުނެވެ. ދެ ގައުމު ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތަކުގެ އަޑުތައް އިވެއެވެ. ރޭ ދަންވަރު ޓެނިސް ޓީމް ވަނީ ދުބާއީއިން ފުރައި މިއަދު އެނބުރި ރާއްޖެ އައިސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެންގެ ހާލު ވެސް ރަނގަޅެވެ. https://sun.mv/207411 އެމީހުންގެ ތެރެއިން ޓީމުގައި ހިމެނޭ އީރާންގެ ކޯޗު ފިޔަވައި ދެން ތިބި އެންމެ ވަނީ މިއަދު މާލެ އައިސްފައެވެ. އުރުދުންގައި ތާށިވެފައި ތިބި ދުވަސްތަކުގައި ގައުމީ ޓެނިސް ޓީމުން ވަނީ އެ ގައުމުގެ ގައުމީ ޓީމާއެކު ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައެވެ. އަދި އުރުދުންގެ އޮލިމްޕިކް ކޮމިޓީން ވަނީ އެ ޓީމާ ބައްދަލުކޮށް، ޓީމަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖައްސައިދީފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ދިވެހި ސަރުކާރާއި ކުޅިވަރު ވުޒާރާއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންވެސް ވަނީ ޓީމުގެ ހާލަތު ބަލައި، އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އިސްލާމިކް އެއިޑް ކެމްޕެއިންގެ އުރުދުން ގޮފިންވެސް ވަނީ ދިވެހި ޓީމުގެ ހާލަތު ބަލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ